11 Oct 2022, 08:54
ރަޝިއާއިން ޔޫކްރޭނުގެ ވެރިރަށް ކިއެވްއަށް މިއަދު ދިން މިސައިލް ހަމަލާތަކުގެ ސަބަބުން 11 މީހުން މަރުވެ، 64 މީހުންނަށް އެކިވަރުގެ އަނިޔާތައް ވެއްޖެއެވެ.
ރަޝިއާއާއި ކްރައިމިއާ ގުޅުވައިދޭ ބްރިޖަށް ހަމަލާދިނީ ޔޫކްރޭނުންކަމަށް ބުނެ ރަޝިއާއިން ޔޫކްރޭނަށް ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައެވެ.
މި ހަމަލާތައް އެމެރިކާއާއި ދުނިޔޭގެ އެހެން ގައުމުތަކުން ކުށްވެރިކޮށްފައިވާއިރު، ޔޫކްރޭނުގެ ރައީސް ޒެލެންސްކީ ވަނީ އާންމުން ރައްކާތެރިވެތިބުމަށް އެދިވަޑައިގެންފައެވެ.
ރަޝިއާއިން މިއަދު ދިން ހަމަލާތަކުގެ ސަބަބުން ޔޫކްރޭނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުވެސް ކެނޑިފައިވާއިރު، ކުރިއަށް އޮތް ފިނި މޫސުމުގައި ކަރަންޓު ނެތިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.
ބައިނަލްއަޤުވާމީ މުޖުތަމަޢުން ޔޫކްރޭނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިތުރު ހަރުފަތަކަށް ޖެހިލާފައިވާއިރު، ޖަރުމަނުން ވަނީ ޔޫކްރޭނަށް އެއާ ޑިފެންސް ސިސްޓަމެއް ދޭނެކަމަށް ބުނެފައެވެ.
އދ.އިން ވަނީ ރަޝިއާއިން މިއަދު ދިން ހަމަލާތައް ކުށްވެރިކޮށްފައެވެ. އަދި މިއީ ހަނގުރާމަ ބޮޑުކުރުމަށް ރަޝިއާއިން ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި އދ. އިން ވަނީ ސިފަކޮށްފައެވެ.
ރަޝިއާއިން މިއަދުގެ ވަގުތެއްގައި ކިއެވްއަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، ކްރައިމިއާ ބްރިޖް ގޮއްވާލުމުގެ ތުހުމަތުގައި ޕޫޓިން ވަނީ ޔޫކްރޭނަކީ ޓެރަރިސްޓު ބައިގަނޑެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ރަޝިއާއަށް ހަމަލާދީފިނަމަ، މިއަށްވުރެ ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ޕޫޓިން ވަނީ ދެއްވާފައެވެ.