މުޅިން އާ ޖީލަކަށް ސްމާޓްފޯނު ގެނެސްދިނުމުގައި އައިފޯން 14ގެ ހިއްސާ ވަރަށް ބޮޑު ކަމަށް ގިނަ ބަޔަކު ބުނާއިރު، އެ ފޯނުގައި ހިމަނާފައިވާ "ކްރެޝް ޑިޓެކްޝަން" ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށާއި އެއީ ބޮޑު ބޮލު ރިހުމެއް ކަމަށް ބުނާ ޝަކުވާތައް އިތުރުވަމުން ދާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކްރެޝް ޑިޓެކްޝަން ފީޗާއަކީ އައިފޯން ގެންގުޅޭ މީހަކު ހުރި އުޅަނދެއް އެކްސިޑެންޓް ވެއްޖެ ނަމަ، އެމީހެއްގެ ފޯނުން ޚިޔާރުކޮށްފައިވާ ނަމްބަރަކަށް އޮޓޮމެޓިކުން އެލާޓެއް ފޮނުވާލާ ފީޗާއެކެވެ. އެ އެލާޓް ކެންސަލް ނުކޮށްފިނަމަ 20 ސިކުންތުގެ ފަހުން އޮޓޮމެޓިކުން ކުއްލި ފޯނު ކޯލެއް ދާނެއެވެ. ސެޓްކޮށްފައިވާ ނަމްބަރުން އެކޯލަށް ޖަވާބުދާރީ ނުވާނަމަ އެގައުމެއްގައި ކުއްލި ހާލަތުގައި ހިދުމަތްދޭ ފަރާތްތަކަށް އޯޑިއޯ މެސެޖެއް ފޮނުވާނެއެވެ. އަދި ފޯނުގެ ވެރި ފަރާތަށް ސީރިއަސް ކަމެއް ދިމާވެފައިވާކަން އެ މެސެޖުން އަންގައިދީ، ސާޗް ރޭޑިއަސްއަކާއެކު އެ މީހަކު އެވަގުތަކު ހުރި ލޮކޭޝަން (ލެޓިޓިއުޑިނަލް އަދި ލޮންޖިޓިއުޑިނަލް ކޯޑިނޭޓްސް) ފޮނުވާލާނެއެވެ.

އެކްސިޑެންޓުގައި ފޯނު ނުވަތަ ގަޑި މުޅިން ހަލާކުވެއްޖެ ނަމަވެސް 911އަށް އޯޑިއޯ މެސެޖަކާއެކު، ލެޓިޓިއުޑިނަލް އަދި ލޮންޖިޓިއުޑިނަލް ކޯޑިނޭޓްސް ފޯރުކޮށްދޭނެއެވެ.

އެޕަލްގެ އެ އާ ފީޗާ މިހާތަނަށް ހިމަނާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ނެރުނު އައިފޯން 14 ފޯނުތަކާއި އާ އެޕަލް ގަޑިތަކުގައެވެ. މި ފީޗާގައި ބޭނުންކޮށްފައިވަނީ ޖައިރޯސްކޯޕަކާއި އާ ޖީ ފޯސް އެކްސެލަރޯމީޓަރަކާއި މައިކްރޯފޯނާއި ޖީޕީއެސް އާއި ބެރޯމީޓަރާއި، އެކްސިޑެންޓެއް ހިނގައިފައިވާނަމަ އެކަން ދެނެގަނެ ކުއްލި ހާލަތުގެ ހިދުމަތްތަކުގައި އުޅޭ މީހުންނަށް އޮޓޮމެޓިކުން އެންގޭނެ ޒަމާނީ އެލްގޮރިޒަމެކެވެ.

މިއީ ވަރަށް ބޭނުންތެރި މުހިންމު މަގުސަދެއްގައި އައިފޯނަށް އެޕަލްއިން އިތުރުކުރި ފީޗާއެއް ނަަމަވެސް މިހާރު ގިނަބައެއްގެ ޝަކުވާއަކީ ސީރިއަސް ހާލަތަކަށް ނުދަނީސް ވެސް ފޯނުން އޮޓޮމެޓިކުން މެސެޖްތަކާއި، އެލާޓްތައް އެމަޖެންސީ ސާވިސްގައި މަސައްކަތްކުރާ ފަރާތްތަކަށް ދާކަމުގެ މައްސަލައެވެ.

އެމެރިކާގެ އޮހައޯ ސްޓޭޓްގެ ސިންސިނާޓީގެ ބޭރުގައި ހުންނަ ކިންގްސް އައިލެންޑް އެމިއުޒްމަންޓް ޕާކް ކައިރީގައި ހުންނަ ވޮރެން ކައުންޓީ ކޮމިއުނިކޭޝަންސް ސެންޓަރަށް ނުވަތަ އެސިޓީގެ 911 އަށް، މިދިޔަ މަހު އެފަދަ އެތައް ބައިވަރު، ސައްހަ ނޫން އިންޒާރުތައް ލިބިފައިވާކަމަށް އެ ސެންޓަރުން ވަނީ ރިޕޯޓްކޮށްފައެވެ. އެއީ އެ ޕާކުގައި ހުންނަ ރޯލާކޯސްޓާއަށް މީހުން އަރައި، ބާރު ސްޕީޑުގައި ދުއްވުމުން އެކްސިޑެންޓު ވަނީ ކަމަށް އައިފޯނަށް ލަފާކުރެވޭތީއެވެ.

މިފަދަ އިތުރު އެއް ހާދިސާއަކީ ނިއުޔޯކް ސިޓީގެ މަޝްހޫރު އިޝްތިހާރު އަދި އެޑިޓޯރިއަލް ފޮޓޯގްރާފަރެއް ކަމަށްވާ ޑަގްލަސް ސޮންޑަސްގެ އައިފޯން 14 ޕްރޯ މެކްސް، ސައިކަލެއްގައި ދުއްވާފައި ދަނިކޮށް އޭނާ އަތުން ދޫވެ ގެއްލުނު ހާދިސާއެވެ.

އެ ފޯނު އޭނާ އަތުން ގެއްލުނު ފަހުން ގިނަ ދުވަސްތަކެއް ވުމުން އަލުން އަނބުރާ އެފޯނު ނުލިބޭނެ ކަމަށް ގަބޫލުކޮށް، ފޯނު ބަދަލު ކުރުމަށް އޭނާ ދިޔައީ އެޕަލް ސްޓޯރަކަށެވެ. އެތަނަށް ދިއުމުން އެނގުނީ އެ ފޯނު ހަލާކު ނުވާތީ، އެ ފޯނުން އެމަޖެންސީ ސާވިސްތަކަށް އަދި އޭނާގެ އެމަޖެންސީ ކޮންޓެކްޓްތަކަށްވެސް މެސެޖުތައް ފޮނުވާފައިވާ ކަމެވެ. އެގޮތުން މަތިންދާ ބޯޓު ވެއްޓުމުގެ ހާދިސާއެއްގައި އޭނާއަށް ވަރަށް ސީރިއަސް އަނިޔާ ލިބިފައިވާ ކަމަށް ބުނެ އެތައް ބައިވަރު މެސެޖްތަކެއް ފޮނުވާފައިވާކަން ސޮންޑަސްއަށް އެނގުނެވެ.

ދަ ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ މަހު މަޝްހޫރު ޔޫޓިއުބަރަކު ވަނީ ކާރެއްގައި އައިފޯން 14 ޕްރޯއެއް ހަރު ކުރުމަށް ފަހު އެ ކާރު ތަންތަނުގައި ޖައްސައި، އެ ފީޗާ ޓެސްޓްކޮށްފައެވެ. އެ ޓެސްޓުތަކުން ވެސް ކްރެޝް ޑިޓެކްޝަން ފީޗާ ފުރިހަމައަށް މަސައްކަތް ކުރާކަން ހާމަވި ކަމަށް އެ ނޫހުގައިވެއެވެ.

ވޯލް ސްޓްރީޓް ޖާނަލްއަށް އެޕަލްގެ ތަރުޖަމާނަކު ވިދާޅުވީ އެ ފީޗާއަކީ ބޮޑެތި ކްރެޝްތައް ދެނެގަތުމުގައި އިންތިހާއަށް ސައްހަ ފީޗާއެއް ކަމަށާއި އެޕަލްއިން މި ފީޗާ ފަރުމާ ކޮށްފައިވަނީ ދޮގު ރިޕޯޓްތައް ވީހާވެސް މަދުކުރެވޭނެ ގޮތެއްގެ މަތީން ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އެޕަލްއިން އެ ފީޗާ ރަނގަޅު ކުރަމުން ގެންދާނެކަން ވެސް ތަރުޖަމާނު ފާހަގަ ކުރެއްވިއެވެ.

އެމާޖެންސީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ނޭނގި ފޮނުވޭ އެފަދަ މެސެޖުތަކަކީ ހަމައެކަނި އުނދަގުލަކަށް ވުމަށް ވުރެ މާ ބޮޑު ކަމެކެވެ. އެއީ އެފަދަ ސައްހަ ނޫން އެލާމްތައް އާއްމުވުމަކީ ހަގީގީ ކުއްލި ހާލަތްތަކަށް ޖަވާބުދާރީވުން ލަސްވެދާނެ ކަމަކަށް ވާތީއެވެ.