03 Apr 2012, 13:50
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވުމާ ދެކޮޅު ހެދުމުގެ ގޮތުން ކުރި މުޒާހަރާގައި ވީޓީވީ އަށް ހަމަލަދިން މައްސަލައިގެ ތުހުމަތުގައި 50 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިއަދު މެންދުރު 12:00 ޖަހާކަންހާއިރު ހައްޔަރު ކުރީ ދަފްތަރު 7471 މުހައްމަދު ހަމީދު 50، ކަމަށެވެ.
ވީޓީވީ އަށް ހަމަލަދިން މައްސަލައާ ގުޅިގެން ތުހުމަތުގައި ހައްޔަރު ކުރި ރ. އަލިފުށީ، ހަމީދީ މަންޒިލް، އަހުމަދު ހަމީދު،29 އާއި ހަމައެގޭ ހުސެއިން ހަމީދު،26 އަދި ރ. މަޑުއްވަރީ ފެހިއަލި، އިސްމާއިލް ހައްމާދު 19،ގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ރޭ ވަނީ 15 ދުވަހަށް އިތުރު ކޮށްދީފަ އެވެ.
މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ހާދިސާގައި ވީޓީވީ އަށް ގެއްލުންދިން މައްސަލައާ ގުޅޭ އިތުރު މީހުން ހޯދުމުގެ މަސައްކަތް ފުލުހުން އަދިވެސް އަންނަނީ ކުރަމުން ނެވެ. އެގޮތުން ބައެއް މީހުން ހޯދުމަށް ފޮޓޯ އާއި މައުލޫމާތު ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެގޮތުން މައުލޫމާތު އާންމު ކުރި މީހުންގެ ތެރެއިން މިހާތަނަށް ނުފެނި ވަނީ ހ. ރޯޒަންޑޭލް ޝިފާން ސަފްރަތު، 17 އެވެ.