މާލޭގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކް ކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއާ ބެހޭ އިތުރު މައުލޫމާތު ފުލުހުން ހާމައެއް ނުކުރައްވައެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި، ހެންވޭރު ތުއްރަވާސް ގޯޅިން އެ ޒުވާނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު, މަސްތުވާތަކެތި ޓްރެފިކް ކުރާ މީހެއްކަމުގައި ބެލޭ މިންގަނޑަށް ފެތޭވަރަށް އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި ޑްރަގު ޓްރެފިކް ކުރުން އިންތިހާއަށް ފުޅާވެފައިވާއިރު، ޑްރަގު ޓްރެފިކިން ހުއްްޓުވުމަށް ޓަކައި ފުލުހުން ވަނީ ފަހަަކަށް އައިސް ގިނަ އޮޕަރޭޝަންތަކެއް ހިންގާފައެވެ.

އެފަދަ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ޑްރަގު އަތުލައިގެންފައިވާއިރު، އެކަމުގައި ތުހުމަތު ކުރެވޭ އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.