12 Oct 2022, 09:25
ސްމާޓް ފޯނު އުފެއްދުމުގައި އެފަދަ ދެވަނައެއް ނެތް ސެމްސަންގް ކުންފުނީގެ ގެލެކްސީ ސީރީސްގެ އަންނަ އަހަރުގެ ވާޝަން ނެރެން އެ ކުންފުނިން ތައްޔާރުވަމުން ދާއިރު، ގެލެކްސީ އެސް23 އަލްޓްރާ، ގެލެކްސީ އެސް23 ކެމެރާ، އަދި އެފޯނުތަކުގެ ބެޓެރީގެ ބައެއް ތަފްސީލްތައް ލީކުވެއްޖެއެވެ.
ސެމްސަންގްގެ ގެލެކްސީ އެސް23 ސީރީޒް އަންނަ އަހަރު ދުނިޔޭގެ ފެންވަރުގައި ތައާރަފްކުރާނެކަން އެކުންފުނިން ބައެއް މީޑިއާތަކަށް ކަށަވަރު ކޮށްދީފައިވާއިރު، އެ ފޯނުތަކާ ބެހޭ ގިނަ ވާހަކަތަކެއް މިހާރުވެސް އިންޓަނެޓުގައި އަންނަނީ ދައުރުވަމުންނެވެ.
އެންމެ އިތުބާރު ހުރި ގޮތެއްގައި އެ މައުލޫމާތުތަކުގެ ތަފްސީލްތައް ހާމަކޮށްފައިވާ އެއް ސޯޝަލް މީޑިއާ އެކައުންޓަކީ އެފަދަ މައުލޫމާތު އާންމު ގޮތެއްގައި ރަސްމީކޮށް އިއުލާންކުރުމުގެ ކުރިން ހާމަކުރާ ޑިޖިޓަލް ޗެޓް ސްޓޭޝަން އެވެ. އަދި، ޑިސްޕްލޭ ހުންނަ އުފެއްދުންތަކުގެ މާކެޓާ ގުޅުން ހުރި ދިރާސާތައް ހަދާ ކުންފުންޏެއް ކަމަށްވާ ޑިސްޕްލޭ ސަޕްލައި ޗޭން ކޮންސަލްޓަންޓްސް (ޑީއެސްސީސީ)ގެ ސީއީއޯ ރޮސް ޔަންގް ވެސް ގެެލެކްސީ އެސް23 ފޯނުތަކާ ބެހޭ މައުލޫމާތު ހިއްސާކޮށްފައެވެ.
އެ މައުލޫމާތުން އެނގޭ ގޮތުގައި ގެލެކްސީ އެސް23 ސީރީޒްގެ ތިން މޮޑެލްގައި ވެސް ސްނެޕްޑްރެގަން 8 ޖެން 2 ޗިޕްސެޓެއް ހުރެދާނެއެވެ.
ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ޑިޖިޓަލް ޗެޓް ސްޓޭޝަން އެކައުންޓުން ބުނާ ގޮތުގައި ސެމްސަންގް ގެލެކްސީ އެސް23ގައި 3،900 އެމްއޭއެޗްގެ ބެޓެރީއެއް ހުރުމަކީ ވަރަށް ގާތްކަމެކެވެ. އެއީ ގެލެކްސީ އެސް 22ގެ ބެޓެރީއާ އަޅާބަލާއިރު ތަންކޮޅެއް ބޮޑު ބެޓެރީއެކެވެ. އަދި 6.1 އިންޗީގެ ފުލް އެޗްޑީ ޕްލަސް ރިޒޮލިއުޝަން ޑިސްޕްލޭއަކާއެކު އެސް23 ނެރޭނެކަމަށް ބެލެވޭއިރު، އެސް23 ޕްލަސް މޮޑެލްގައި 6.6 އިންޗީގެ ޑިސްޕްލޭއެއް ހުރެދާނެއެވެ.
މީގެ އިތުރުން މި ސްމާޓްފޯނުގައި 25 ވޮޓްގެ ޗާޖިންއަށް ސަޕޯޓް ލިބޭނެ ބެޓްރީއެއް ހުންނާނެ ކަމަށް ބެލެވެއެވެ.
ސެމްސަންގް ގެލެކްސީ އެސް23 އަދި ގެލެކްސީ އެސް23 ޕްލަސްގެ ފުރަގަހަށްވާ ގޮތަށް ތިން ކެމެރާ ހުންނާނެ ކަމަށް ބެލެވެނީ 50އެމްޕީގެ ސެންސަރާއި 12އެމްޕީގެ އަލްޓްރާ ވައިޑް އެންގްލް ލެންސާއި 10އެމްޕީގެ ޓެލެފޮޓޯ ލެންސެއް ހިމެނޭ ގޮތަށެވެ. ސެލްފީތަކަށް 12އެމްޕީގެ ފްރަންޓް ފޭސިން ކެމެރާއެއް ވެސް ހުރުން އެކަށީގެންވެއެވެ.
ބެޓެރިއަށް ބަލާއިރު، ގެލެކްސީ އެސް23އަށް 4،700 އެމްއޭއެޗްގެ ބެޓެރީއެއް ޚާއްޞަކުރާނެ ކަމަށް ބެލެވެނީ 25 ވޮޓްގެ ފާސްޓް ޗާޖިންއަށް ސަޕޯޓް ކުރާ ގޮތަށެވެ.
ސެމްސަންގް ގެލެކްސީ އެސް23 އަލްޓްރާއިން އުންމީދުކުރެވޭ ސްޕެސިފިކޭޝަންތަކަށް ބަލާއިރު، ޑީއެސްސީސީގެ ސީއީއޯ ރޮސް ޔަންގް ވިދާޅުވީ ސެމްސަންގް ގެލެކްސީ އެސް23 އަލްޓްރާ ހަތަރު ކުލައަކުން ނެރުން އެކަށީގެންވާ ކަމަށެވެ. އެގޮތުން ޕީޗް، ބްލެކް، ގްރީން އަދި ލައިޓް ޕިންކް ކުލައިގެ ވައްތަރުތަކުން އެ ފޯން ލިބެން ހުންނާނެ ކަމަށް އޭނާ ލަފާކުރައްވައެވެ.
ސެމްސަންގް ގެލެކްސީ އެސް23 އަލްޓްރާއަށް 6.8 އިންޗީގެ ކިއުއެޗްޑީ ޕްލަސް އެމޮލެޑް ޑިސްޕްލޭއަކާއި 120 ހޯސްޕަވަރުގެ ރިފްރެޝް ރޭޓެއް ލިބޭނެ ކަމަށް ބެލެވެއެވެ. އަދި ފޯނުގައި އެސް ޕެން ސްލޮޓެއް ވެސް ހުރުން އެކަށީގެންވެއެވެ.
ފޮޓޯގްރަފީއަށް ޚާއްޞަކޮށް އެ ސްމާޓްފޯނުގެ ކެމެރާތަކުގައި 200އެމްޕީގެ ޕްރައިމަރީ ސެންސަރަކާއި 12އެމްޕީގެ އަލްޓްރާ ވައިޑް ކެމެރާއަކާއި، ފޯނުން ފެންނަ މިންވަރަށް ވުރެ ތިން ގުނައަށް ޒޫމްކޮށްދޭ 10އެމްޕީގެ ޓެލެފޮޓޯ ކެމެރާއަކާއި 10 ގުނައަށް ޒޫމްކޮށްދޭ 10އެމްޕީގެ ޓެލެފޮޓޯ ލެންސެއް ހުރުންވެސް އެކަށީގެންވެއެވެ.
ގެލެކްސީ އެސް23 އަލްޓްރާގައި 5،000 އެމްއޭއެޗްގެ ބެޓެރީއެއް ހިމަނާނެ ކަމަށް ބެލެވެނީ 25 ވޮޓްގެ ޗާޖިންއަށް ސަޕޯޓް ކުރާ ގޮތަށެވެ. ސެމްސަންގް ކުންފުނީގެ އެންމެ ފަހުގެ ފޯނުކަމުގައިވާ ގެލެކްސީ އެސް22 އަލްޓްރާ މޮޑެލްގައިވެސް 45 ވޮޓްގެ ފާސްޓް ޗާޖިންއަށް ސަޕޯޓް ކުރާ ބެޓްރީއެއް ހިމަނާފައިވެއެވެ.