ރާއްޖޭގެ މޫސުން ދިރާސާކޮށް މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތް ވާނެ ގޮތްތައް ދެނެގަތުމަށް ކުރިއަށްގެންދިޔަ 'ނެކްޓަން މޯލްޑިވްސް މިޝަން' ދިރާސާގައި ބޭނުންކުރި މައިގަނޑު އުޅަނދު 'އޮޑިސީ'ގެ ތެޔޮ ބިލު ދައްކަން ޖެހޭނީ އުޅަނދުގެ ވެރިފަރާތުން ކަމަށް އެ ދިރާސާ ކުރިއަށް ގެންދިޔަ އިނގިރޭސިވިލާތުގެ މެރިން ރިސާޗު އިންސްޓިޓިއުޓު ކަމުގައިވާ ނެކްޓަންއިން ބުނެފިއެވެ.

މި ދިރާސާގައި ބޭނުންކުރި ބޯޓު 'އޮޑިސީ'އަށް ދިވެހި ކުންފުންޏަކުން ވިއްކި ޑީސެލްއަށް ފައިސާ ނުދައްކާ އޮތުމުން އެ އުޅަނދު ފުރުން މަނާކޮށް ސިވިލް ކޯޓުން ވަނީ އިއްޔެ ވަގުތީ އަމުރެއް ނެރެފިއެވެ.

މިކަމާ ގުޅިގެން ނެކްޓަންއިން ވަނީ ތެޔޮ ބިލަށް ފައިސާ ދެއްކުމަކީ އެމީހުންގެ ޒިންމާއެއް ނޫންކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ވަނީ އުޅަނދުގެ ވެރިފަރާތަކީ އޯޝަން ކޮންޒަވޭޝަން އެކްސްޕްލޮރޭޝަން އެންޑް އެޑިޔުކޭޝަން ފައުންޑޭޝަން (އޯސީއީއީއެފް) ކަމަށާއި ތެޔޮ ބިލަށް ފައިސާ ދެއްކުމަކީ އެމީހުންގެ ޒިންމާއެއްކަމަށެވެ. 'އޮޑީސީ'އަކީ ނެކްޓަން މިޝަންއަށް ކުއްޔަށް ހިފާފައިވާ އުޅަނދެކެވެ.

ސިވިލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ އެ ބޯޓަށް ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ހޯކްސްއިން ވިއްކާފައިވާ 105،000 ލީޓަރުގެ ތެލަށްވާ 186،900 ޑޮލަރު (2.8 މިލިއަން ރުފިޔާ) ދީފައި ނުވާތީއާއި އެއީ ބޭރުގެ ބޯޓެއްކަމަށް ވުމުން އެ ފައިސާ ހޯދޭނެ އިތުރުގޮތެއް ނެތުމުން އެ ބޯޓު ރާއްޖެއިން ފުރައިގެން ދިއުން މަނާކޮށް އަމުރެއް ނެރެދިނުމަށް ހޯކްސް އިން އެދިފައިވާކަމަށެވެ.

ހޯކްސްއިން ބުނީ އެ ބޯޓުގެ ވެރިފަރާތް ކަމަށްވާ އޯސީސީއެފް އިން އެދުނު އެޑްރެހަށް ހޯކްސް އިން ތެލުގެ ބިލު މިދިޔަ މަހުގެ ހަތަރެއްގައި ފޮނުވައި މިދިޔަ މަހުގެ ނިޔަލަށް ފައިސާ ދައްކަން އެންގި ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ފައިސާ ލިބިފައި ނުވާކަމަށް އެ ކުންފުނިން ބުންޏެވެ.

އެހެންކަމުން ސިވިލް ކޯޓުން ނެރުނު އަމުރުގައި ވަނީ މައްސަލައިގައި ހުކުމް ކުރުމުގެ ކުރިން އޯސީސީއެފްގެ 'އޮޑިސީ' ބޯޓް ރާއްޖެއިން ފުރައިގެން ގޮސްފި ނަމަ، އެ ފައިސާ ހޯކްސްއަށް ނުލިބުމުގެ ފުރުސަތު އޮތް ކަމަށް ޝަރީއަތަށް ބުރަވެވޭ ކަމަށެވެ. އެހެންކަމުން ވަގުތީ އަމުރެއް ނެރުމަށް ފުރިހަމަވާން ޖެހޭ ސަބަބުތައް ފުރިހަމަވާ ކަމަށް ވެސް އެ އަމުރުގައިވެއެވެ.