ހުޅުމާލެ ދެވަނަ ފިޔަވަހީގައި 241 މިލިއަން ރުފިޔާއަށް އިތުރު ސްކޫލެއް ތަރައްގީކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބަޔަކާ ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮންޓްރެކްޓާ ފައިނޭންސިން ގެ އުސޫލުން ޑިޒައިން އެންޑް ބިލްޑް ޕްރޮޖެކްޓެއްގެ ގޮތުގައި މި މަސައްކަތް ހަވާލުކުރީ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޖޭވީ ވިތް އެޑްވާޑް އެންޑް ކްރިސްޓީ ޕްރައިވެޓް ލިމިޓެޑާކަމަށެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 547 ދުވަސްތެރޭގައި ނިންމާގޮތަށެވެ.

މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އެ ކުންފުނީގެ ޑިރެކްޓަރު މުހައްމަދު ހައިޝަމެވެ.

މިއީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ ފަސްވަނަ ސްކޫލެވެ. މި ސްކޫލުގައި ޕްރީ ސްކޫލުން ފެށިގެން ގްރޭޑް ދިހަޔަކާ ހަމައަށް ކިޔަވައިދޭނެއެވެ.

އެ ސްކޫލުގައި އިމާރާތްކުރަން ހަމަޖެހިފައިވަނީ، 54 ކްލާސްރޫމާއި، މަލްޓި ޕާޕަސް ހޯލަކާއި ހަތަރު ލިފްޓެވެ. އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ 2024 ވަަނަ އަހަރު އެ ސްކޫލްގައި ކިޔަވައިދޭން ފަށާނެ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި ފުރަތަމަ ސްކޫލު "އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް" ގެ ކިޔެވުން މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ވަނީ ފަށާފައެވެ. އަދި އެ ސްކޫލާ އިންވެގެން ހުރި ޖަމީލް ދިދީ ޕްރީ ސްކޫލް މި މަހު 31 ގައި ހުޅުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހިނގަމުންދާ ދިރާސީ އަހަރުގެ ދެވަނަ ޓާމުގައި ޞަލާހުއްދީން ސްކޫލުގައި ވެސް ކިޔެވުން ފެށޭނެ ކަމަށް މީގެކުރިން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.