ސަރުކާރުން މަސްވެރިންނަށް ކުރާ ޖެއްސުމާ ދެކޮޅަށް ކަމަށް ބުނެ، ޕީޕީއެމް އާއި ޕީއެންސީއިން "ލޭނާރު"ގެ ނަމުގައި މިއަދު ކުރި ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން 10 މީހަކު ހައްޔަރުކޮށްފިއެވެ.

އެ އިހުތިޖާޖުން 10 މީހަކު ހައްޔަރުކުރި ކަމަށް ޕީޕީއެމްއިން ބުނި ނަމަވެސް އެކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް ނުލިބުނެވެ.

އިދިކޮޅުން އިހުތިޖާޖު ކުރިއަށްގެންދިޔައީ މަސްމާރުކޭޓު ކުރިމަތީގައެވެ. އެ އިހުތިޖާޖުގައި އިސްކޮށް ތިއްބެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބު ރައީސުން ކަމަށްވާ ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ.

މަސްވެރިންގެ ހައްގުގައި ކަމަށް ބުނެ، އިދިކޮޅުން ކުރި އިހުތިޖާޖުގެ ތެރެއިން -- ސަން ފޮޓޯ

ނަމަވެސް އިހުތިޖާޖުގެ ވަކި ހިސާބަކުން އެބޭފުޅުން ވަނީ އެ ސަރަހައްދު ދޫކުރައްވައި ވަޑައިގެންފައެވެ.

މި ބޭބޭފުޅުންގެ އިތުރުން ޕީޕީއެމްގެ މަސްވެރީންނާއި އެ ސަރަހައްދުން އެ މީހުންނާ ގުޅުނު ބައެއް މަސްވެރީން ވެސް އިހުތިޖާޖުގައި ބައިވެރިވެފައިވާކަން ފާހަގަ ކުރެވެއެވެ.

މިއަދުގެ އިހުތިޖާޖުގެ ބައިވެރިންގެ ޝުއޫރު ފައުޅުކުރުމުގެ ގޮތުން ސަރުކާރަށް ހަރުއަޑުން ގޮވަމުން ގެންދިޔައީ މާލީ ގޮތުން މަސްވެރިންނަށް ދެމުން ގެންދާ އަނިޔާ ވަގުތުން ހުއްޓާލުމަށާއި އެއަށްފަހު، މަސްވެރިން ބާނާ މަހަށް ހަމަ އަގު ދިނުމަށެވެ.

މަސްވެރިންގެ ހައްގުގައި ކަމަށް ބުނެ، އިދިކޮޅުން ކުރި އިހުތިޖާޖުގެ ތެރެއިން -- ސަން ފޮޓޯ

އިހުތިޖާޖުގެ ބައިވެރިން ގެންގުޅުނު ބޯޑުތަކުގައި ލިޔެފައިވަނީ މަސްވެރިކަމަކީ ދިވެހީންގެ ލޭނާރު ކަމުގައިވާއިރު، ސަރުކާރުން މަސްވެރިކަމުގެ ސިނާއަތު ފުނޑާލައިފި ކަމަށެވެ. އަދި އިންޑިއާގެ މަސްވެރީން ރާއްޖޭގެ ކަނޑުތައް ވަގަށް ނަގައިފި ކަމަށް ލިޔެފައިވާ ބޯޑުތައް ވެސް ބައިވެރީން ގެންގުޅުނެވެ.

މިއަދުގެ މުޒާހަރާގެ ބައިވެރިން ބޮޑުތަކުރުފާނު މަގުން، ޖުމްހޫރީ މައިދާނާ ދިމާލަށް ހިނގައިގަތުމުން ފުލުހުން ވަނީ ބެރިކޭޑު ޖަހައި އެމީހުން ހުއްޓުވައިފައެވެ. އެހާ ހިސާބުން ފަހަތަށް ޖެހެން ފުލުހުން އެންގުމުން އެކަމަށް ދެކޮޅު ހެދި ބައެއް މީހުން ފަހަތަށް ޖެއްސުމަށް ޓަކައި ފުލުހުން ޕެޕާ ސްޕްރޭ ޖެހިއެވެ.