03 Apr 2012, 13:34
ވޯޓަށް އަހަން އޮތް ވަގުތުގައި މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިއްތަވައިގެން އިންޒާރު ދެއްވުމަށް ފަހު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދުގެ ނަންއިއްވައި ސިފައިން ވަދެ މަޖިލީހުގެ ތަޅުމުން މިއަދު ނެރެފި އެވެ.
އަލީ ވަހީދާއި ބޮންޑާގެ ނަން އިއްވައި މަޖިލީހުން ނެރެންދެން މަޖިލީހުގެ ޖަލްސާ ޖަލްސާ ވަނީ ބައި ގަޑިއިރަށް މެދު ކަނޑާލާފަ އެވެ. އަލީ ވަހީދުގެ ނަން އިއްވީ މިއަދު މެންދުރު ފަހު 1:30 ގައި ވޯޓަށްއަހަން ޖެހޭ ރަނގަބީލު ޖެއްސެވުމުން އަލީ ވަހީދު ކޮޅަށް ތެދުވެވަޑައިގެންނެވި ގޮތަށް، އިށީނދެވަޑައި ނުގަތުމުންނެވެ. އަދި ނަންއިއްވައި މަޖިލީހުން ނުކުންނެވުމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ނަސޭހަތްތެރިވުމުން ވެސް އޭނާ މަޖިލީހުން ނުކުންނެވުމަށް އިންކާރު ކުރެއްވުމުން ސިފައިން ވަދެ އޭނާ ނެރެލީ 1:50ގަ އެވެ. އޭނާ މަޖިލީހުން ނެރެ ދެވަނަ ފަހަރަށް މަޖިލިސް ފެށުމާއެކު މާފަންނު ބޮންޑާ ވަނީ މަޖިލިސް ކުރިއަށް ގެންދިއުމަށް ހުރަސްއަޅުއްވާފަ އެވެ. ރިޔާސަތުގެ އެންގެވުމަށް ކިޔަމަން ނުވުމުން ބޮންޑާވެސް ނެރުނީ ސިފައިންގެ ބާރާއެކުގަ އެވެ.
ރައްޔިތުންގެ މަޖިލީޙުގެ މިއަދުގެ ޖަލްސާގައި ވަރަށް މުހިއްމު ކަންތައްތަކަށް ވޯޓަށް އެއްސެވުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި އާ ދެ މިނިސްޓްރީގެ ގޮތުގައި މިނިސްޓްރީ އޮފް ޖެންޑާ ފެމެލީ އެންޑް ހިއުމަންރައިޓްސް އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަޖީ އުފައްދަވައި، މިނިސްޓީ އޮފް ހެލްތް އެންޑް ފެމިލީގެ ނަން މިނިސްޓްރީ އޮފް ހެލްތުގެ ނަމަށް، އަދި މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަންމަންޓްގެ ނަން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފަރާންސްޓްރަކްޗާގެ ނަމަށް ބަދަލުކުރަން ފާސްކުރަން ހުށަހަޅާފައިވާ މައްސަލަ ހިމެނެ އެވެ.
އަލީ ވަހީދު ނިޒާމީ މައްސަލަ ނަންގަވައި ރިޔާސަތަށް އިޝާރާތްކުރައްވައި ނިޒާމީ ނުކުތާ އަކަށް އެދިވަޑައިގަތީ، ރިޔާސަތުން ވޯޓަށް އެއްސެވުމަށް ރަނގަބީލު ޖައްސަވާފައި ވަނިކޮށް ކަމަށް ވިދާޅުވެ ރިޔާސަތުން ވަނީ އަލީ ވަހީދަށް ފުރުސަތު ނުދެއްވައިފަ އެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ވޯޓަށް އެހުމަށް ރަނގަބީލު ޖަހާފައިވާ ދަނޑިވަޅެއްގައި ނިޒާމީ ނުކުތާއެއް ނުނެންގެވޭނެ އެވެ. އަލީ ވަހީދާއި ބޮންޑާ ނިޒާމީ މައްސަލައެއް ފެންމަތި ކުރެއްވީ ކީއްވެގެން ކަމެއް ނޭނގެ އެވެ.