10 Oct 2022, 18:41
ރީ ބްރޯޑްކާސްޓިން ވިޔަފާރީގެ ހަމަހަމަކަން ރާއްޖޭގައި ގެއްލިފައިވާ ކަމަށް ބުނެ ޕާލިމެންޓްރީ އިންކުއަރީއެއް ހެދުމަށް މަޖިލީހަށް ހުށަހަޅައިފިއެވެ.
ޕާލިމެންޓަރީ އިންކުއަރީއެއް ހެދުމަށް މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.
ޝިޔާމް ހުށަހެޅުއްވި ގަރާރަކީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ހަބަރާއި މައުލޫމާތު ފެތުރުމާއި އުނގެނުމާއި މުނިފޫހިފިލުވުމުގެ ހިދުމަތްދޭ ރީ ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ މެދުގައި އޮންނަންޖެހޭ ވާދަވެރި ވިޔަފާރީގެ މާހައުލު ސިޔާސީ ގޮތުން ނުފޫޒުގަދަ ވަކި ފަރާތްތަކެއްގެ ބާރުން ނައްތާލައިފައިވާ ކަމަށް ބުނެ އެކަން ބަލައިދިނުމަށް އެދި ހުށަހެޅި ގަރާރެކެވެ.
އެ ގަރާރުގައި ވަނީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިދުމަތްދެމުންދާ ކުދި އޮޕަރޭޓަރުންގެ ވިޔަފާރި ހުއްޓުވައި ވަކިބަޔަކަށް ނާޖާއިޒު ބޮޑެތި މަންފާތަކެއް ލިބޭނެފަދަ ގޮތަކަށް ސަރުކާރާއި މިނިވަން މުއައްސަސާތައް މެދުވެރިކޮށް ދަތިތަކާއި ހުރަސްތަކާއި ތަފާތުކުރުންތައް ކުރުމަތި ކުރަމުންދާ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ޕާލިމަންޓަރީ އިންކުއަރީއެއް މެދުވެރިކޮށް އެ ކަންތައްތައް ދެނެގަނެ، އެ ހުރަސްތައް ނައްތާލުމަށް އެ ގަރާރުގައި އޭނާ ވަނީ ސަރުކާރަށް ގޮވައިލައްވައިފައެވެ.
އެ ގަރާރުގައި ވަނީ ރާއްޖޭގެ އާބާދީގެ އެކި ގިންތިތަކަށް އަމާޒުކޮށް މައުލޫމާތާއި ހޭލުންތެރިކަމާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް
ބްރޯޑްކާސްޓަރުން މެދުވެރިކޮށް، އިންސާފުވެރި ވާދަވެރި މާހައުލެއްގައި ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމާއި، ބްރޯޑްކާސްޓްކުރުމުގެ މައިދާނުގެ ބާރުތައް އެއްބައެއްގެ އަތް މައްޗަށް ނުދާނެގޮތަށް އެ މައިދާން ބައްޓަންކުރުމާއި، އިންސާފުވެރި ވާދަވެރިކަމަށް ފުރުސަތު ފަހިކޮށްދިނުމަށް ވަރަށް ސާފުކޮށް ބްރޯޑްކާސްޓިންގެ ގާނޫނުގައި އޮންނަ ކަމަށެވެ.
ނަމަވެސް އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުންގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާ ނުކުރާ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެއެވެ. އަދި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ބަދަލުގައި ސިޔާސީ އަދި އެހެނިހެން ނުފޫޒުތަކުގައި އެ ކޮމިޝަނުގެ މެންބަރުން ޖެހި އެ ގާނޫނުގެ މަގްސަދު ގެއްލޭގޮތަށް ވަކި ފަރާތްތަކަކަށް ކަނޑައެޅިގެން ނުހައްގު ނާޖާއިޒް މަންފާތައް ލިބޭނޭ ގޮތައް އަމަލުކުރާ ކަމަށް ވެސް އެގަރާރުގައި ތުހުމަތުކޮށްފައިވެއެވެ.
އެ ގަރާރުގައި ވަނީ ގާނޫނުން އެ ކޮމިޝަނަށް ލިބޭ ބާރުތަކުގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން ހަދާފައިވާ "ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު"އަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހަމަހަމަކަމުގެ އުސޫލުތަކާއި، ބްރޯޑްކާސްޓްކުރުމުގެ ގާނޫނާ ކަނޑައެޅިގެން ހިލާފު ގަވާއިދެއް ކަމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަން މެދުވެރިކޮށް ކޭބަލް ޓީވީގެ ވިޔަފާރީގެ ތެރެއަށް ރަށްރަށުން ވަދެފައިވާ ކުދި ރީބްރޯޑްކާސްޓަރުންނާ މެދު ނާއިންސާފުން އަމަލުކޮށް އެ މީހުންގެ ވިޔަފާރި ހުއްޓުމަކަށް އައިސްފައިވާ ކަމަށް ޝިޔާމް ހުށަހެޅުއްވި ގަރާރުގައިވެއެވެ.
އޭގެ ސަބަބުން ކުޑަ އަގެއްގައި ރަށްރަށަށް ކޭބަލް ޓީވީގެ ޚިދުމަތްދޭ ކުދި ރިީބްރޯޑްކާސްޓަރުންގެ ވިޔަފާރި ހުއްޓިފައިވާތީ އިގްތިސާދީގޮތުން ވަރަށް ދަތި ހާލަތެއްގައި އޮތް މިދަނޑިވަޅުގައި ރައްޔިތުން ބޮޑު މާލީ ބުރައެއް އުފުލަންޖެހިފައިވާތީއާއި، އަތްފޯރާފަދަ އަގެއްގައި ރައްޔިތުންނަށް ޚަބަރާއި މައުލޫމާތާއި މުނިފޫހިފިލުވުމުގެ ޚިދުމަތް ހޯދޭނެ ފުރުސަތު ގެއްލެމުންދާތީ ކުދި ރިީބްރޯޑްކާސްޓަރުންނަށް ދޭން ޖެހޭ ހިމާޔަތާއި ގާއިމުކުރަން ޖެހޭ އިންސާފު ގާއިމުކުރުމަށް ގަރާރުގައި ގޮވައިލާފައިވެއެވެ.
އެ ގަރާރުގައި ދިރާގުން ކޭބަލް ޓީވީގެ ހިދުމަތްދޭން ފެށުމުން "ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު" އެއް އެކުލަވާލައި، އެގަވާއިދުގެ "ރީބްރޯޑްކާސްޓްކުރަން އެދޭ ފަރާތަކީ ސައްތަ އިން ސައްތަ ދިވެހިން ހިއްސާވާ ކުންފުންޏަކަށް ވާންވާނެ" ކަމަށް ބަޔާންކޮށް، އެކުންފުންޏަށް މިހާރު ދީފައިވާ ލައިސަންސްގެ މުއްދަތު އަންނަ އަހަރުގެ ޖެނުއަރީ 28ވަނަ ދުވަހުގެ ފަހުން ހަމަވުމުން އަލުން ލައިސަންސް ނުލިބޭނެގޮތަށް އެކުންފުނީގެ ރީބްރޯޑްކާސްޓްކުރުމުގެ ވިޔަފާރީގެ ކުރިމަގު އެއްކޮށް ހުއްޓުވާފައިވާ ކަމަށް ވަނީ ބުނެފައެވެ.
މި އަހަރުގެ ވޯލްޑްކަޕް ދައުލަތުގެ ޓީވީން ބެލޭނެކަން ރައްޔިތުންނަށް ކަށަވަރުކުރަން ބޭނުންވާ ކަމަށާއި އެކަން އެހެން ނުވާނަމަ ރައްޔިތުންގެ އަތުން ދާނީ އިތުރު ޚަރަދެއް ކަމަށް ވެސް އެ ގަރާރުގައިވެއެވެ.
ހުރިހާ ރައްޔިތުންނަށް މައުލޫމާތާއި ޚަބަރާއި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ މުހިއްމު ޚިދުމަތް އެންމެ އެދެވޭގޮތުގައި އަތްފޯރާފަދަ އަގެއްގައި ފޯރުކޮށްދިނުމަށްޓަކައި ވިޔަފާރީގެ ހަމަހަމަ ފުރުސަތުތައް ރީ ބްރޯޑްކާސްޓިން ވިޔަފާރީގެ ތެރޭގައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ވިޔަފާރީގެ އިންސާފުވެރި ވާދަވެރި މާހައުލެއް ގާއިމުކުރުމަށް ދިމާވެފައިވާ ދަތިތަކާއި ހުރަސްތައް ދެނެގަނެ، އެ ވިޔަފާރީގައި ހަރަކާތްތެރިވާ ވަކިބަޔަކު ބްރޯޑްކޮމްއަށް ނުފޫޒު ފޯރުވާ މިންވަރު ދެނެގަނެ އެބޭފުޅުން ޖަވާބުދާރީ ކުރުމަށްޓަކައި މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ޕާލަމަންޓަރީ އިންކުއަރީއެއް ހެދުމަށް އެ ގަރާރުގައިވަނީ ގޮވައިލައިފައެވެ.
ހަމައެއާއެކު ރީބްރޯޑްކާސްޓިން ޚިދުމަތް މިނިވަން އިންސާފުވެރި ވިޔަފާރީގެ މާހައުލެއްގައި ކުރިއަށް ގެންދެވޭނެ މަގެއް ހޯދައިދިނުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ލަސްނުކޮށް ގެނައުމަށް އެ ގަރާރުގައި ވަނީ ގޮވައިލާފައެވެ.