މަސްވެރިންގެ ޝަކުވާތައް ސަރުކާރަށް އަޑުއިއްވައި، ސަރުކާރު ޖަވާބުދާރީ ކުރުމަށް ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީއިން "ލޭނާރު"ގެ ނަމުގައި އިހުތިޖާޖުކޮށްފިއެވެ.

ޕީޕީއެމް/ޕީއެންސީއިން އިހުތިޖާޖު ކުރިއަށްގެންދިޔައީ މަސްމާރުކޭޓު ކުރިމަތީގައެވެ. އެ އިހުތިޖާޖުގައި އިސްކޮށް ތިއްބެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބު ރައީސުން ކަމަށްވާ ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ.

މަސްވެރިންގެ ޝަކުވާތަކާއެކު ޕީޕީއެމް/ޕީއެންސީއިން ކުރިއަށްގެންދާ އިހުތިޖާޖު -- ފޮޓޯ/ ޕީޕީއެމް

އެ އިހުތިޖާޖުގެ ބައިވެރިން ބޮޑުތަކުރުފާނު މަގުން، ޖުމްހޫރީ މައިދާނާ ދިމާލަށް ހިނގައިގަތުމުން ފުލުހުން ވަނީ ބެރިކޭޑު ޖަހައި އެމީހުން ހުއްޓުވައިފައެވެ. އެހާ ހިސާބުން ފަހަތަށް ޖެހެން ފުލުހުން އެންގުމުން އެކަމަށް ދެކޮޅު ހެދި ބައެއް މީހުން ފަހަތަށް ޖެއްސުމަށް ޓަކައި ފުލުހުން ޕެޕާ ސްޕްރޭ ޖެހިއެވެ.

އެ އިހުތިޖާޖުގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފައިވި ނަމަވެސް ހައްޔަރު ކުރި މީހުންގެ ސީދާ އަދަދެއް އަދި ކަށަވަރު ނުވެއެވެ.

މަސްވެރިކަން ރަނގަޅުވާ ކޮންމެ ދުވަސްވަރަކު ބާނާ މަސް ކިރުމަށް ގިނަ ވަގުތު ހޭދަވުމާއި، މަސް ގަނޑުކުރުމަށް ބޭނުންވާ އައިސް ނުލިބުމުގެ ޝަކުވާ މަސްވެރިން އަންނަނީ ކުރަމުންނެވެ.

މަސް ނުކިރުމުގެ މައްސަލައަށް މި ސަރުކާރުން ދާއިމީ ހައްލެއް ހޯދައިދޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވަނީ މިދިޔަ މަހުގެ 26ގައި ވިދާޅުވެފައެވެ. އެގޮތުން އިތުރު ކޯލްޑް ސްޓޯރޭޖް ފެސިލިޓީތައް ގާއިމު ކުރުމުގެ މަސައްކަތް ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.