އައު ރަންވޭއާއި، ފިއުލްފާމާއި، އެއާކާގޯ ޓާމިނަލްގެ އިތުރުން ސީޕްލޭން ޓާމިނަލް އެޅުއްވުމުގެ ގައުމީ ބަތަލަކީ އަދި އާރުކާޓީއަކީ ކުރީގެ ނައިބު ރައީސް އަދި މޯލްޑިވިސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ރައީސް އަޙްމަދު އަދީބު ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޓީޑީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ މަސައްކަތް ކުރުމަށް ޗައިނާގެ ބީޔޫސީޖީއަށް ދައުވަތު ދީގެން ރާއްޖެ ގެނައުމާއި، ފަހުން އެ ކުންފުންޏާ ހަވާލުކޮށް ޗައިނާގެ އެގްޒިމްބޭންކުން ފައިނޭންސިން ފެސިލިޓީ ހޯއްދަވައި ދެއްވީ އަދީބު ކަމަށެވެ. އެ ދުވަސްވަރު ރައީސް ޔާމީން ގިނައިން އުޅުއްވީ ތާސްކުޅުއްވުމުގައާއި ކުޅިވަރު ކުޅުއްވުމުގައި ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ފަތުރުވެރިކަމަށް ފަންސާސް އަހަރު ފުރުމުގެ މުނާސަބާއާއި އެއާޕޯޓްގެ ކޯޑްއެފް ރަންވޭ ހުޅުވުމާ ގުޅޭގޮތުން ރައީސް ޔާމީންގެ އިތުރުން ކަމުގެ މަޢުލޫމާތު ނެތް އެހެން ބައެއް ފަރާތްތަކުން، ދިވެހި ތާރީޚަށް ޚިޔާނާތްތެރިވަމުންދާ ކަމަށް އެމްޓީޑީން ވަނީ ތުހުމަތު ކޮށްފައެވެ.

ވީއައިއޭ އަނބުރާ ހޯދީ 2012 ގައި ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައި ކަން ފާހަގަކޮށް އެ ޕާޓީން ބުނީ އެދުވަސްވަރު އަދީބު ޓުއަރިޒަމް މިނިސްޓަރު ކަމުގައި ހުންނަވައި، އެމްއޭސީއެލްގެ އިސްވެރިންނާއެކު މަޝްވަރާކުރައްވައި އެއާޕޯޓް ތަރައްގީ ކުރުމުގެ ޕްލޭން އެކުލަވާލެއްވި ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަދި މޯލްޑިވިސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ރައީސް އަޙްމަދު އަދީބު -- ފޮޓޯ/ ރައީސް އޮފީސް

"ސްކޮޓްވިލްސަން މާސްޓާ ޕްލޭނެއްގެ ދަށުން ދެވަނަ ރަންވޭ އެޅުމަށް ނިންމީ ރައީސް ޑރ. ވަހީދުގެ ވެރިކަމުގައި ސީދާ އަޙްމަދު އަދީބުގެ މޭސްތިރިކަމުގެ ދަށުން،" ބަޔާނުގައިވެއެވެ.

ބަޔާނުގައި ވަނީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު އެ މާސްޓާ ޕްލޭންއަށް އިންފްރާޓާގެ ކޮންސަލްޓަންސީގެ ދަށުން ބަދަލުތައް ގެނެސް އިތުރު ފުރިހަމަކަން ގެނައުމަށާއި ކޮންސަލްޓަންސީ ހޯދުމުގެ ގޮތުން އަދީބުގެ މޭސްތިރިކަމުގެ ދަށުން ސިންގަޕޫރުގެ ޗަންގީ އެއާޕޯޓްސް ރާއްޖެއަށް އައުމަށް ދައުވަތު ދެވުނު ކަމަށެވެ. އެ ދައުވަތާ އެއްގޮތަށް ސިންގަޕޫރުގެ ޗަންގީ އެއާޕޯޓްސް ރާއްޖެ އައިސް އެމްއޭސީއެލްއާ އެކީގައި މަސައްކަތްކޮށް މާސްޓާޕްލޭން ފުރިހަމަ ކުރި ކަމަށް ބަޔާނުގައިވެއެވެ.

އަދީބު 2012 ވަނަ އަހަރު ޓޫރިޒަމް މިނިސްޓަރުކަމާ ހަވާލުވި އިރު ދިވެހި ފަތުރުވެރިކަމުގެ މަރުކާގެ ގޮތުގައި ބޭނުންކުރަމުންއައި ދިވެހި ފަތުރުވެރިކަމުގެ ބިލިއަން ޑޮލަރުގެ ބްރޭންޑް "ސަނީ ސައިޑް އޮފް ލައިފް" އޮތީ ކުނިވަށިގަނޑަކަށް ލާފައި ކަމަށް އެމްޓީޑީން ބުނެއެވެ. އަދި އަލުން އެ ބްރޭންޑް އިޔާދަކުރުމަކީ ޓޫރިޒަމް އިންޑަސްޓްރީއާ މަޝްވަރާކޮށްގެން އަޙްމަދު އަދީބު ނިންމެވި ހިތްވަރުގަދަ ނިންމެވުމެއް ކަމަށް ވެސް އެމްޓީޑީން ބުނެއެވެ.

"އެއް މިލިއަން ފަތުރުވެރިންގެ އަމާޒު ހިފާ 2013 ނިޔަލަށް އެއް މިލިއަން ފަތުރުވެރިން އެއަހަރުތެރޭ ރާއްޖެއަށް ޒިޔާރަތްކޮށް، އެމަނިކުފާނު ގައުމަށްޓަކައި ކަނޑަ އެޅި ޓާގެޓް އޭރުގެ ސިޔާސީ ހަލަބޮލި ކަމާއި އިންތިހާބުގެ ބުރަ އުފުލުމުގެ ތެރެއިންވެސް ޓާގެޓްކުރި ފެހި ރޮގުވަނީ ހުރަސްކޮށްފައި،" އެމްޓީޑީން ބުނެފައިވެއެވެ.

1.5މިލިއަން ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ޕާޓީން ބުނީ ބީބީސީއާއި ދުނިޔޭގެ އެހެން ޗެނަލްތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ އިތުރުން، ޑެސްޓިނޭޝަން ޕްރޮމޯޝަން ސޯޝަލް މީޑިއާގައި ފެށީ އަދީބު ކަމަށެވެ. އަދި ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީންނާއި ފަންނާނުންނާއި ސޯޝަލް މީޑިއާގައި ނުފޫޒުގަދަ ފަރާތްތަކުގެ މެދުގައި ރާއްޖެ ޕްރޮމޯޓް ކުރަން ފެށީ ވެސް އަދީބު ކަމަށް އެ ޕާޓީގެ ބަޔާނުގައި ވެއެވެ.

އެމްޓީޑީގެ ބަޔާނުގައި ބުނީ ހަތަރުވަނަ ވަނަ ޓުއަރިޒަމް މާސްޓަޕްލޭން 2013 ގައި އެކުލަވާލާ ތަންފީޒުކުރުމުގެ މަސައްކަތަކީ ދިވެހި ގައުމުގެ މުސްތަގުބަލުގެ ހައްގުގައި އަދީބު ކުރެއްވި ސާބަސް ހައްގު މަސައްކަތެއް ކަމަށެވެ. އަދި މިއަދު ވެސް ތަންފީޒުކުރަމުންދަނީ އަދީބު ފަރުމާކުރެއްވި ފަތުރުވެރިކަމުގެ މާސްޓާ ޕްލޭން ކަމަށް ބަޔާނުގައި ވެއެވެ.

އެ ޕާޓީން ބުނީ 2008 އިން ފެށިގެން އިންވެސްޓްކުރުން ލޮޑުވެ، މަޑުޖެހިފައި އޮތް ޓޫރިޒަމް އިންޑަސްޓްރީގައި އިންވެސްޓް ކުރާނެ އިންވެސްޓަރުން ހޯއްދެވުމުގެ މަސައްކަތް ފެއްޓެވީ ވެސް އަދީބު ކަމަށެވެ.

"ޕާސަނަލީ ކޮންވިންސް ކުރައްވައިގެން ރިކޯޑް އަދަދަކަށް އިންވެސްޓަރުން ހޯއްދަވައި، ކުރީން އެންމެ ރިސޯޓެއް ތަރައްގީ ކޮށްފައިވާ ރ. އަތޮޅު ފަދަ އަތޮޅުތަކުގައި، ރިސޯޓްތައް ތަރައްގީ ކޮށް، އޮޕަރޭޓިން ރިސޯޓްތަކުން ރާއްޖޭގެ ސަރަހައްދުތަކަށް ފަތުރުވެރިކަމުގެ ނަފާ ހަމަހަމަކަމާއެކު ލިބޭނެ ވަސީލަތްތަކާއި ދޮރުތައް ހުޅުވާލަދެއްވީ އަދީބް،" އެ ޕާޓީން ބުނެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުން ބިނާވާ އަސާސަކީ ހަރުދަނާ ސިޔާސަތުތަކާއި ގަވާއިދުތަކާއި އުސޫލުތައްކަމަށް ދެކިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފައްޓަވައިދެއްވި ގެސްޓް ހައުސް އަދި ހޮޓާތައް މީހުން ދިރިއުޅޭ ރައްރަށުގައި ހެދޭނެ ގަވައިދުތައް ހަރުދަނާކޮށް ފުރިހަމަކޮށްދެއްވުމުގެ މުގުލަކީ ވެސް އަދީބު ކަމަށް ބަޔާނުގައިވެއެވެ.

އެ ޕާޓިން ބުނީ 2012 ވަނަ އަހަރު ރިސޯޓްތަކުގެ ބިލްޓް އަޕްއޭރިއާ 20 ޕަސެންޓުން 30 ޕަސެންޓަށް ބޮޑުކުރައްވައި، ފަތުރުވެރިކަމާ ގުޅުންހުރި ހުރިހާ މަސައްކަތެއް އެއްފުރާޅެއްގެ ދަށުން ކުރެވޭނެ އިންތިޒާމު ޓޫރިޒަމް މިނިސްޓްރީގައި ހަމަޖައްސަވައި ދެއްވީ އަދީބު ކަމަށެވެ. އަދި އަލަށް ތަރައްގީކުރާ ރިސޯޓްތަކުގެ ޑިއުޓީ މައާފުކޮށް، މުޅި ރާއްޖޭގައި ރިސޯޓް ކޮންސްޓްރަކްޝަން ބޫމެއްގެނެސްދެއްވީ ވެސް އަދީބު ކަމަށެވެ.

އެމްޓީޑީން 2012 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް 40 އަހަރު ފުރުނުއިރު، އެ 40 އަހަރުތެރޭގައި ތަރައްގީކުރެވި، ރަޖިސްޓްރީކުރެވިފައި ހުރީ ގާތްގަޑަކަށް ފަންސަވީހަކަށް ހާސް އެނދު ކަމަށެވެ. ނަމަވެސް އަދީބު އެކަށައެޅުއްވި ހަރުދަނާ ސިޔާސަތުތަކާއި އެތައް ބައެއްގެ މިންނެތް މަސައްކަތުން ރާއްޖޭގެ ފަތުރުވެރިކަމަށް ފަންސާސް އަހަރު ފުރޭއިރު ރަޖިސްޓްރީ ކުރެވިފައިވާ 57 ހާސް އެނދު ހުރުމަކީ ކުރުމުއްދަތެއްގެ ތެރޭގައި މުޅިރާއްޖޭގެ ޖީޑީޕީ ޑަބަލްވުމުގެ މައިގަނޑު ސަބަބު ކަމަށް އެ ޕާޓީން ފާހަގަކުރެއެވެ.

އެ ޕާޓީގެ ބަޔާނުގައި ބުނީ ބްރިޖުގެ މަސައްކަތާއި ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސައްކަތަކީ ސީދާ އަދީބުގެ އިސްނެންގެވުމާއި ބެއްލެވުމުގެ ދަށުން ޕްލޭންކޮށް، ފަންޑް ހޯދާ އެގްރީމަންޓް ކުރެވިފައިވާ ބިޔަބޮޑެތި މަޝްރޫއުތަކެއް ކަމަށެވެ.

"2013 ގައި ޕީޕީއެމްގެ އިކޮނޮމިކް މެނިފެސްޓޯ އެކުލަވާލާ ހުށަހަޅާއިދީ ތަންފީޒު ކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރި އާރުކާޓީއަކީ އެމްޓީޑީގެ ރައީސް އަހުމަދު އަދީބް،" އެ ޕާޓީގެ ބަޔާނުގައިވެއެވެ.

އެމްޓީޑީން ބުނީ ފ. އަތޮޅުގެ މެގަ ޕްރޮޖެކްޓާއި އައިހެވަންއަކީ 2012 އިން ފެށިގެން އަދީބު ނެގޯޝިއޭޓްކޮށް ޕްލޭން ކުރަމުން އައި ބޮޑު ދެ މަޝްރޫއު ކަމަށެވެ. އަދި އަދީބުގެ މާސްޓާސްގެ ރިސާޗްގައި ހިމެނި އެކި ގައުމުތަކުގަ ކާމިޔާބު ކަމާއެކު ހިންގުން އެސްއީޒެޑް ކޮންސެޕްޓަކީ އެމަނިކުފާނު މެނިފެސްޓޯގައި ހިމަނާފައިވާ ކަމެއްކަމަށެވެ.

އެ ޕާޓީން ބުނީ އެ މެނިފެސްޓޯގައި ކަމާގުޅުންހުރި ގާނޫނުތައް ވުޖޫދަށް ގެނެސް، އެސްއީޒެޑް އޮފީސް ގާއިމްކޮށް އެސްއީޒެޑްތައް ގާއިމުކުރައްވަން އަހުމަދު އަދީބް ފެއްޓެވި ކަމަށެވެ. ނަމަވެސް ރައީސް ޔާމީނުގެ އަމުރަށް އަދީބު ފްރޭމްކުރި ކަމަށް އެ ބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ. އޭގެ ސަބަބަކަށްވީ އަދީބު ހުންނަވައިފިނަމަ ރައީސް ޔާމީނަށް ތަރައްގީގެ އެއްވެސް ކްރެޑިޓެއް، ތައުރީފެއް ނުލިބޭނެތީ ކަމަށް އެމްޓީޑީން ތުހުމަތުކުރިއެވެ.

"އެކަމުގެ ސަބަބުން ރައީސް ޔާމީނަށް އައިހެވަން، ފ. އަތޮޅުގެ ބިޔަ ޕްރޮޖެކްޓާއި އެސްއީޒެޑްގެ އެންމެ ޕްރޮޖެޓެއް ކާމިޔާބެއް ނުކުރެވުނު. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުވެސް އަޙްމަދު އަދީބު ނުލާ ކާމިޔާބެއް ނުކުރެއްވުނު. މަޖިލިސް މެމްބަރުންނާއި އަޣުލަބިއްޔަތު ގެއްލި، ކޯޓްތައް ދެކޮޅުވެދިޔަ ހިނދުވެސް ރައީސް ޔާމީން އުޅުއްވީ އަޙްމަދު އަދީބު ޖަލަށް ލާފަ ޑިފެންސަށް ކުޅެން،" ބަޔާނުގައިވެއެވެ.

އެމްޓީޑީން ބުނީ ކަމެއް ގޯސްކޮށް ދިޔުމަކީ، އެމީހަކު ކުރި ގައުމީ ޚިދުމަތްތައް ތާރީޚުން ފޮހެލެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އަދީބުގެ ގައުމީ ޚިދުމަތް ފަނޑުކޮށް، ފުހެލުމަށް ރައީސް ޔާމީން ކިތަންމެ މަސައްކަތެއް ކުރެއްވި ނަމަވެސް އެއީ ދިވެހި އަޑުދަށުން ފިލައިދާނެ ޚިދުމަތްތަކެއް ނޫން ކަމަށް އެ ޕާޓީގެ ބަޔާނުގައިވެެއެވެ.

ކުރީގެ ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް އަދީބު -- ފޮޓޯ/ ރައީސް އޮފީސް

އެ ޕާޓީން ބުނީ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، އަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ އާއި، މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމްފަދަ ބޭފުޅުން ޖީއެމްއާރު އަތުން އެއާޕޯޓް ހޯދަން ކުރި މަސައްކަތާ ގާތައްވެސް ރައީސް ޔާމީނަށް މަސައްކަތެއް ނުކުރެއްވޭ ކަމަށެވެ. އަދި ރައީސް ޔާމީނު އެދުވަސްވަރު ވަރަށް ސިއްރުން ސިންގަޕޫރުގައި ޖީއެމްއާރު ބޭފުޅުންނާ ބައްދަލުކުރައްވައި، ކެމްޕޭނަށް ފައިސާ ހޯއްދަވަން މަސައްކަތް ކުރެއްވިކަން ކުރީގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ހެކިވާނެ ކަމަށް ވެސް އެމްޓީޑީން ތުހުމަތުކުރިއެވެ.

އެ ބަޔާނުގައި ބުނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކޯޑްއެފް ރަންވޭއާއި ސީޕްލޭން ޓާމިނަލް ހުޅުވައި އެތަންތާގެ ޚިދުމަތްތައް ވަރަށް ފުރިހަމައަށް ދެމުންދާ ކަމަށެވެ. ހުރިހާކަމެއް އެހާފުރިހަމަކޮށް، ކުރިއަށް ދަނީ އެމްއޭސީއެލްގެ ޗެއާމަން މުޙައްމަދު ޢުމަރު މަނިކު (އެމްޔޫ މަނިކު)ގެ ހިންގުންތެރި ސިޔާސަތުގެ ސަބަބުން ކަމަށް އެ ޕާޓީން ބުނެއެވެ.

އެމްޓީޑީން ބުނީ އެ ޕާޓީއާއި، ޕާޓީގެ ރައީސް އަދީބުގެ އުއްމީދަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލް ހުޅުވާ ދިވެހި ރާއްޖެއަކީ މިސަރަހައްދުގެ އޭވިއޭޝަން ހަބަކަށް ވާތަން ދުށުން ކަމަށެވެ.