އަވައްޓެރި ޕާކިސްތާނަށް ކުރި ވިއްސާރައިގައި އެ ގައުމުގެ ބޮޑު ބައެއްގައި ފެންބޮޑުވެ، ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް އެމްއެންޔޫ ސްޓޫޑެންޓް ޔޫނިއަންގެ ވިންގެއް ކަމަށްވާ ސޮސައިޓީ އޮފް ޝަރީއާ އިން ލޯ (އެސްއެސްއެލް)އިން އިސް ނަގައިގެން އެމްއެންޔޫ ދަރިވަރުންގެ ނަމުގައި ޕާކިސްތާނަށް އެހީވުމުގެ ކެމްޕޭނެއް މިއަދު ފަށައިފިއެވެ.

އެމްއެންޔޫގައި މިިއަދު ބޭއްވި ހަފުލާއެއްގައި "ޕާކިސްތާނަށް އެހީވަމާ"ގެ ނަމުގައި އެ ކެމްޕޭން ފައްޓަވައިދެއްވީ ޕާކިސްތާން ހައި ކޮމިޝަންގެ ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްގަރްނައިން އަހުމަދެވެ.

ޕާކިސްތާނަށް އެހީވުމަށް އެސްއެސްއެލްއިން އިސްނަގައިގެން ކެމްޕޭނެއް ފެށުން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާނު

އެ ކެމްޕޭނުގެ ތެރެއިން ޖުމުލަ ފަސް ފަންޑު ފޮއްޓެއް ބެހެއްޓުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. އެގޮތުން އެމްއެންޔޫ ސެންޓްރަލްގައި ދެ ފޮއްޓާއި ބިޒްނަސް ސުކޫލާއި ސުކޫލު އޮފް ނާސިން އަދި ފުޓްސަލް ފިއެސްޓާ ކުރިއަށްދާ ސަރަހައްދުގައި އެއްފޮށި ހުންނާނެއެވެ.

ޕާކިސްތާނަށް އެހީވުމުގެ ގޮތުން ފެށި އެ ކެމްޕޭނާ ބެހޭގޮތުން، އެ ހަރަކާތް ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވާ އެސްއެސްއެލްގެ މީޑިއާ ކޯޑިނޭޓަރު އިސްމާއީލް ރަޒީން އިމްރާން މިއަދު "ސަން"އަށް ވިދާާޅުވީ މިއަދު ފެށި އެކެމްޕޭން މި މަހުގެ 23ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ.

"ކެމްޕޭންގެ އެންމެ ބޮޑު ބޭނުމަކީ އަޅުގަނޑުމެންފަދަ މުސްލިމު ގައުމެއްގެ އަޚުންތަކެއް ދަތި ހާލުގައި އުޅޭތީ ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް،" އޭނާ ވިދާޅުވިއެވެ.

ރަޒީން ވިދާޅުވީ މިހާރަށް ފަސް ފޮށި ބަހައްޓަން ހަމަޖެހިފައި ވީނަމަވެސް އަތޮޅުތެރޭގައި ހިމެނޭ އެމްއެންޔޫގެ ކެމްޕަސްތަކުގައި ވެސް ފަންޑު ފޮށި ބެހެއްޓުމައްޓަކައި މިހާރު ވާހަކަދައްކަމުންދާ ކަމަށެވެ.

އެސްއެސްއެލްއިން ކުރިއަށްގެންދާ އެ ކެމްޕޭނާ ގުޅިގެން އެ ފެކަލްޓީގެ ރައީސް އަހުމަދު ސަދޫފް މޫސާ މިއަދު "ސަން"އަށް ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެމްއެންޔޫއެސްޔޫއާ އެމްއެންޔޫގެ ސީނިއާ މެނޭޖުމެންޓް ދެއްވި އެއްބާރުލުން ފާހަގަކުރައްވާ ކަމަށެވެ.

"މި ހަރަކާތް ކުރިއަށް ގެންދެވެނީ އެ ބޭފުޅުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން. އެހެންވީމަ މި ކެމްޕޭނަށް ރަނގަޅު ތަރުހީބެއް ލިބޭނެ ކަމުގެ އުއްމީދު އެބައޮތް،" އޭނާ ވިދާޅުވިއެވެ.

އެ ހަރަކާތާ ގުޅިގެން އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. މުޙައްމަދު ޝަރީފް މިއަދު "ސަން"އަށް ވިދާޅުވީ އެމްއެންޔޫގެ ދަރިވަރުންތަކެއް އިސްނަގައިގެން އެފަދަ ހަރަކާތެއް ކުރިއަށް ގެންދާތީ އެކަމާ އުފާކުރާ ކަމަށެވެ.

ޕާކިސްތާނަށް އެހީވުމަށް އެސްއެސްއެލްއިން އިސްނަގައިގެން ކެމްޕޭނެއް ފެށުން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާނު

"އެފަދަ ހަރަކާތެއްގެ ސަބަބުން އަޅުގަނޑުމެންގެ ހުންނަން ޖެހޭ މޯރަލް ވެލިއުސް އެބަ އާދެ. ޔުނިވާސިޓީގައި ކިޔަވާފަ ދާއިރު ކޮންމެ ކުއްޖެއްގެވެސް ހުންނަން ޖެހޭ އެއްޗެއް އެއީ،" އޭނާ ވިދާޅުވިއެވެ.

ޝަަރީފް ވިދާޅުވީ އެ ކެމްޕޭނަށް ރަނގަޅު ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޕާކިސްތާނަށް ކުރި ވިއްސާރައިގައި އެ ގައުމުގައި ފެންބޮޑުވެ، 1500 މީހުން މަރުވެފައިވާއިރު، ލިބުނު ގެއްލުންތަކުގެ އަދަދު 30 ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް އަންދާޒީ ރިޕޯޓުތަކުން ބުނެއެވެ.

ދުނިޔެ ހޫނުވުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާނެ ގައުމުތަކުގެ ތެރޭގައި ޕާކިސްތާން ހިމެނޭއިރު، މިފަހަރުގެ ވިއްސާރައިގައި ޕާކިސްތާނަށް ރިކޯޑު އަދަދަކަށް ވާރޭ ވެހުނެވެ.