10 Oct 2022, 12:18
ހުޅުމާލޭ ހޮސްޕިޓަލުގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް ރަސްމީކޮށް މިއަދު ހުޅުވައި ޚިދުމަތްދޭން ފަށައިފިއެވެ.
އެ ސެންޓަރު ރަސްމީކޮށް މިއަދު ހުޅުވައިދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދެވެ. އަދި އަރިހުގައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަތެވެ.
އެ ހޮސްޕިޓަލުގައި މިއަދު ހުޅުވި މެންޓަލް ހެލްތު ސެންޓަރުގައި ދެ ކޮންސަލްޓޭޝަން ރޫމާއި ދެ ޓްރީޓްމެންޓް ރޫމާއި އެއް ކޮންފަރެންސް ރޫމް ހިމެނެއެވެ.
ރަސްމީކޮށް މެންޓަލް ހެލްތު ސެންޓަރުގެ ޚިދުމަތް ހުޅުމާލޭ ހޮސްޕިޓަލުގައި ފަށާފައިވަނީ، ދެ ސައިކޮލޮޖިސްޓުންނާއި ދެ ސައިކޭޓްރިސްޓުންނާއެކުއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް ރަސްމީކޮށް ހުޅުވުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް
ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވި މެންޓަލް ހެލްތު ސެންޓަރާއި ގުޅޭގޮތުން އެ ހޮސްޕިޓަލުން މިއަދު "ސަން"އާ ހިއްސާ ކުރި މައުލޫމާތައް ބަލާއިރު، އެ ސެންޓަރުގައި ދެ ސައިކޮލޮޖިސްޓުން ދުވާލެއްގެ މައްޗަށް 12 ނުވަތަ 15 މީހުންނަށް ފަރުވާދޭއިރު ދެން ތިބި ދެ ސައިކޭޓްރިސްޓުން(ޑޮކްޓަރުން) ދުވާލެއްގެ މައްޗަށް 30 މީހުންނަށް ފަރުވާ ދޭނެއެވެ.
ހަމައެއާއެކު 24 ގަޑިއިރު އޮންކޯލުގައި ސައިކޭޓްރިސްޓަކު ހުންނާނެއެވެ.
ނަފްސާނީ ފަރުވާދޭ އެ ސެންޓަރުން ސައިކިއޭޓްރިކް ކޮންސަލްޓޭޝަން، ސައިކޮލޮޖިކަލް އެސެސްމަންޓްސް، ސައިކޮތެރަޕީ، ކައުންސެލިންގެ ޚިދުމަތުގެ އިތުރުން ކެޑަބަމްސް ފަދަ ކަންކަން ކުރެވޭނެއެވެ.
ހަމައެއާއެކު ސައިކިއޭޓްރިކް ކޮންސަލްޓޭޝަން ދިނުމަށްފަހު ބަލިމީހުން ސައިކޮލޮޖިސްޓުންނަށް ރިފާ ކުރާނެއެވެ. އެގޮތަށް ރިލެކްޝަން ތެރަޕީ، ސީބީޓީ، ބީޓީ އަދި ޑީބީޓީ ހިމެނޭ ގޮތަށް ސައިކޮތެރަޕީ ވެސް ފޯރުކޮށްދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މެންޓަލް ހެލްތު ސެންޓަރާއި ބެހޭގޮތުން އިތުރު މައުލޫމާތު ދެއްވަމުން ހުޅުމާލޭ ހޮސްޕިޓަލްގެ ފްރޮންޓް އޮފީސް އަދި ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަބްދުﷲ މައުރޫފް މިއަދު "ސަން"އަށް ވިދާޅުވީ އެ ހޮސްޕިޓަލަކީ މީގެ ކުރިންވެސް އެކި ކަންކަމަށް ފަރުވާދޭ ޑިޕާޓްމެންޓުތައް ވަކިވަކިން ހިންގާ ތަނެއް ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް ރަސްމީކޮށް ހުޅުވުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް
"ނަފްސާނީ ބަލިތަކަށް ފަރުވާދޭން ވަކި ސެންޓަރެއް ގާއިމް ކުރުމުގެ ބޭނުމަކީ އެ ޚިދުމަތް ލިބިގަތުމަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކޮށްދިނުން. ހުޅުމާލޭގެ އާބާދީ މި އަންނަނީ ބޮޑުވަމުން. އެހެންވީމަ ބޭނުންވޭ ހުޅުމާލޭ ހޮސްޕިޓަލުން މީހުންނަށް އެންމެ ބޭނުންވާ ޚިދުމަތް ފަސޭހަ ކަމާއެކު ދެވޭނެ ގޮތެއް ހަދައިދެން،" އޭނާ ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ ރާއްޖޭގައި ދެވަނަ މެންޓަލް ހެލްތް ސެންޓަރު އެ ހޮސްޕިޓަލުގައި ގާއިމް ކުރެވުމާއެކު އައިޖީއެމްއެޗްގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް އޮންނަ ކިއު ކުޑަ ކުރެވޭނެ ކަމަށެވެ.
ހުޅުމާލޭ މެންޓަލް ހެލްތު ސެންޓަރުން އެޕޮއިންޓް ހެދުމަށް ގުޅަން ޖެހޭނީ، 24 ގަޑިއިރު ޚިދުމަތްދެވޭ ނަންބަރު 1417އަށެވެ.
މައުރޫފް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ހުޅުމާލޭ މެންޓަލް ހެލްތު ސެންޓަރުން ގްރޫޕް ތެރަޕީ އާއި ސުކޫލު ކައުންސެލިން އާއި ކޮމިއުނިޓީ މެންޓަލް ހެލްތު ޕްރޮގްރާމުތައް ހިންގަން ރާވާފައިވާ ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް ރަސްމީކޮށް ހުޅުވުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް
ހުޅުމާލޭ ހޮސްޕިޓަލުން ގަބޫލު ކުރާ ގޮތުގައި އެ ހޮސްޕިޓަލުގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ވަކި ސެންޓަރެއް ގާއިމުކުރުމަކީ އެ ބަލިތަކަށް ފަރުވާ ހޯދުމަށް މީހުން ކިއުގައި ތިބެންޖެހޭ ވަގުތު ކުޑަ ކޮށްދޭނެ ކަމެކެވެ.
މިއަދަކީ ބައިނަލްއަގުވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސްކަމަށްވާއިރު މީގެ ކުރިން ނަފްސާނީ ބަލިތަކަށް ފަރުވާދޭ ވަކި ތަނެއް ހުންނަނީ ހަމައެކަނި އައިޖީއެމްއެޗުގައެވެ. އެ ސެންޓަރު ވެސް ހުޅުވީ މިސަރުކާރުންނެވެ.