10 Oct 2022, 11:01
ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް މަރުކަޒީ ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ގާއިމްކޮށްފައިވާ، ސެންޓާ ފޯ މެންޓަލް ހެލްތްގައި ޑޮކްޓަރަށް ދައްކަން އެދި ކިޔޫގައި ތިބި މީހުންގެ އަދަދު ފުރަތަމަ ފަހަރަށް ބޮޑުތަނުން ދަށަށް ގޮސްފިއެވެ.
މީގެ ކުރިން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަން އެދި ކިޔޫގައި ތިބޭ މީހުންގެ އަދަދު އެތައް ހާހަކުން މައްޗަށް އަރައެވެ. އެހެންކަމުން އައިޖީއެމްއެޗްއިން ޑޮކްޓަރަށް ދެއްކެނީ ނަން ނޯޓް ކުރާތާ އެތައް މަހެއް ފަހުންނެވެ. އޭގެ ސަބަބުން ބަލިބޮޑުވެ ވަރަށް ހާލުގައި މީހުން އުޅެން ޖެހެއެވެ.
މިއަހަރު ފެށުނުއިރު ވެސް އެ ސެންޓަރުގައި ޑޮކްޓަރަށް ނުދެއްކި ކިޔޫގައި 3200 މީހުން ތިއްބެވެ. އޭޕްރީލް މަހުން ފެށިގެން އެ އަދަދު ދަށަށް ދަމުން ގޮސް މިހާރު ވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފައެވެ.
ބައިނަލްއަގުވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް މިއަދު ފާހަގަ ކުރަމުން އަންނައިރު އެ ހޮސްޕިޓަލުން "ސަން" އަށް ބުނީ މިހާރު އެފަދަ ބަލިތަކަށް ޑޮކްޓަރަށް ނުދެއްކި ކިޔޫގައި ތިބީ 556 މީހުން ކަމަށެވެ.
މަހެއްގެ މައްޗަށް އެވެރެޖްކޮށް 150 މީހުން އަލަށް ފަރުވާއަށް އެދި ކިޔޫގައި ޖެހޭ ކަމަށް އެ ސެންޓަރުން ބުނެއެވެ.
ކުރިއާ އަޅާބަލާއިރު ކިޔޫގައި ޖެހޭތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިހާރު ޑޮކްޓަރަށް ދެއްކެއެވެ. އެންމެ ގިނަ ވެގެން ވެސް ނަގަނީ މަހެއްހާ ދުވަހެވެ. ކުރިން ނަމަ ދެތިން މަސްވެއެވެ.
މެންޓަލް ހެލްތް ސެންޓަރުގެ އޮފިޝަލަކު މި ނޫހަށް ވިދާޅުވިގޮތުގައި ކިޔޫ ބޮޑުތަނުން މަދު ކުރެވުނީ މީގެ ތިން ވަރަކަށް މަސް ދުވަސް ކުރިން ނަފްސާނީ ބައްޔަށް ފަރުވާ ދެއްވާ ގިނަ ޑޮކްޓަރުންތަކެއް އެ ސެންޓަރާ ގުޅުމުންނެވެ. މިހާރު އެ ސެންޓަރުގައި އަށް ޑޮކްޓަރުން ބައްލަވައެވެ.
"އަޅުގަނޑުމެން މި އުއްމީދު ކުރަނީ ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ކިޔޫ އަދި މިއަށް ވުރެވެސް ކުޑަ ކުރެވޭނެ ކަމަށް،" އޮފިޝަލް ވިދާޅުވިއެވެ.
އެ ސެންޓަރުގައި އިސްކޮށް ތިއްބަވަނީ ޑރ. ޝަނޫހާ މަންޞޫރާއި ޑރ. އާރިފް މުޙައްމަދެވެ. އޭގެ އިތުރުން ދިވެހި އެހެން ޑޮކްޓަރުންނާއި ބިދޭސީ ޑޮކްޓަރުން ވެސް އެ ސެންޓަރުގައި ފަރުވާ ދެއްވައެވެ.
ނަފްސާނީ ބަލިތައް ހުންނަ މީހުންނަށް ބޭސް ދިނުމުގެ އިތުރުން ތެރަޕީތައް ވެސް އެ ސެންޓަރުން އަންނަނީ ދެމުންނެވެ. އައިޖީއެމްއެޗްގެ އެ ސެންޓަރުން ދޭ އެއްވެސް ހިދުމަތަކަށް ދިވެހީންގެ އަތުން ފައިސާއެއް ނުނަގައެވެ. އާސަންދައިން މުޅި ހިދުމަތް ކަވަރު ކުރެއެވެ.
ނަފްސާނީ ބަލިތައް ރާއްޖޭގައި ވެސް ވަރަށް ބޮޑަށް އިތުރު ވެފައިވާއިރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަވަހަށް ފަރުވާ ނުލިބުމެވެ. އަދި ހަމައެއާއެކު ނަފްސާނީ ބަލިތަކާ މެދު ދެކޭ ބޯދާ ވިސްނުންތަކުގެ ސަބަބުން ވެސް ފަރުވާ ހޯދަން މީހުން ޖެހިލުންވެއެވެ.
އައިޖީއެމްއެޗްގެ އިތުރުން އެހެން ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ވެސް ނަފްސާނީ ބަލިތަކަށް ފަރުވާ ދެއެވެ. ނަމަވެސް އެތަންތަނުން ހިދުމަތް ހޯދަން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އަގުތައް ބޮޑުވުމެވެ.
އައިޖީއެމްއެޗްގައި މެންޓަލް ހެލްތް ސެންޓަރު ހުޅުވި، 2019 ވަނަ އަހަރު އެކަނިވެސް 7246 މީހުންނަށް ވަނީ ޚިދުމަތް ދީފައެވެ. އަދި 2020 ވަނަ އަހަރު 17،708 މީހުންނަށް އަދި 2021 ގައި 16،936 މީހުންނަށް ފަރުވާ ދީފައިވާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 13،718 މީހުންނަށް ވަނީ ފަރުވާ ދީފައެވެ. އެ ސެންޓަރުން މިހާތަނަށް ޖުމްލަ 51،803 މީހުންނަށް ޚިދުމަތް ދީފައިވެއެވެ.
ސީއެމްއެޗްގައި މިވަގުތު އަށް ސައިކޭޓްރިސްޓުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ތިން ސައިކޮލޮޖިސްޓުންނާ، ތިން ސޯޝަލް ވޯކާސް، ދެ ކައުންސެލަރުން އަދި އެއް އޮކިއުޕޭޝަނަލް ތެރަޕިސްޓަކު ދަނީ މަސައްކަތް ކުރަމުންނެވެ.
ނެޝަނަލް މެންޓަލް ހެލްތު ސެންޓަރެއް އުފައްދައި، ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ ފުޅާކޮށް، އެފަރުވާ އާސަންދައިގެ ދަށުން ކަވަރުކުރެވިގެން ދިއުމަކީ ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.