10 Oct 2022, 11:05
ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދޭނެ ގޮތް ހެދުމަކީ އެންމެންނަށް ކަށަވަރުވެފައިވާ ހައްގަކަށް ވާން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ވޯލްޑް މެންޓަލް ހެލްތު ޑޭއާ ގުޅުވައި އެމަނިކުފާނު އިނގިރޭސި ބަހުން މިއަދު ކުރެއްވި ޓުވީޓެއްގައި ނަފްސާނީ ދުޅަހެޔޮކަން ދުނިޔޭގެ ފެންވަރުގައި އިސްކަންދެވޭ ކަަމަކަށް ހެދުމަށްޓަކައި މީހުން ހޭލުންތެރިކުރުވުމަށް މުޅި މުޖުތަމައު މަސައްކަތް ކުރުމަށް ވަނީ ގޮވާލައްވައިފައެވެ.
ހަމައެއާއެކު އެކަށީގެންވާ އަގެއްގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދޭނެ ގޮތް ހެދުމަކީ އެންމެނަށް ކަށަވަރުވެފައިވާ ހައްގަކަށް ވާން ޖެހޭ ކަމަށް ވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.
ވޯލްޑް މެންޓަލް ހެލްތު ޑޭގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހުއެވެ.
މި ދުވަސް ފާހަގަކުރަމުންދާއިރު ރާއްޖޭގައި ވެސް ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
އެގޮތުން މިހާރު ނަފްސާނީ ބަލިތަކަށް ފަރުވާދޭ ވަކި ތަނެއް ހުންނަނީ ހަމައެކަނި އައިޖީއެމްއެޗުގައެވެ.
ނަމަވެސް ބައްޔަށް ފަރުވާހޯދަން ނަން ނޯޓު ކުރާ މީހުންގެ އަދަދު އިތުރުވެ މަދުވެގެން މަހެއްހާ ދުވަސް ވަންދެން ޑޮކްޓަރަށް ދެއްކުމަށް ކިޔޫގައި ހުންނަން ޖެހެއެވެ.