ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި އެމްޑީޕީން ޓެންޓްޖަހާފައި ވަނިކޮށް ފުލުހުން އެ ސަރަހައްދު ރޫޅާލައި އެތާގައި ހުރި ތަކެތި ގެންދިޔަ މައްސަލައިގައި އެމްޑީޕީން ސިފައިންނާއި ފުލުހުންގެ މައްޗަށް ކޮށްފައިވާ ދައުވާގެ ތެރެއަށް މާލޭ ސިޓީ ކައުންސިލުން ތަދައްޚުލް ވެއްޖެ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ އައިޝާ ޝުޖޫން މުހައްމަދު ސިޓީ ކައުންސިލްގެ ވަކީލު އަނަސް އަބްދުއް ސައްތާރާއި ކުރެއްވި ސުވާލަކީ ސިޓީ ކައުންސިލުން ސުނާމީ ބިނާ ސަރަހައްދު އެމްޑީޕީއަށް ދިނިންތޯ އާއި އެސަރަހައްދު ދިނީ ވަކި އިމެއް ކަނޑައަޅާފައި ތޯ އެވެ.

ޖަވާބުގައި އަނަސް ވިދާޅުވީ ސުނާމީ ބިނާ ސަރަހައްދު އެމްޑީޕީއަށް ދީފައިވާ ކަމަށާއި އެތަން އެމްޑީޕީއަށް ދީފައި ވަނީ ވަކި ޝަރުތުތަކެއް ކުރުމަށް ފަހު ކަމަށެވެ. އަދި ވިދާޅުވީ އަދާލަތު ޕާޓީގެ އެދުމުގެ މަތިން 23 ޑިސެމްބަރުގައި އިއްތިހާދުން މުޒާހަރާ ކުރުމަށް ވެސް އެތަން ދީފައިވާ ކަމަށާއި އިއްތިހާދުން މުޒާހަރާ ކުރި އިރުވެސް ވަކި އިމެއް ބޭނުންކޮށްފައި ނުވާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ ސިޓީ ކައުންސިލްގެ މެންބަރަކު ޝަރީއަތަށް ހާޒިރުކޮށް ދެއްވުމަށް އެދިފައެވެ. ނަމަވެސް ސިޓީ ކައުންސިލްގެ މެންބަރުން ހާޒިރުކުރެއްވުމުގެ ބަދަލުގައި ސިޓީ ކައުންސިލާއި ކުރަން ބޭނުންވާ ސުވާލުތައް ކުރުމުގެ ފުރުސަތު ގާޒީ ދައުލަތުގެ ވަކީލަށް އެރުވި އެވެ.

ސުނާމީ ބިނާ ސަރަހައްދު އެމްޑީޕީއަށް ފުރަތަމަ ދީފައި ވަނީ ފެބުރުއަރީ މަހުން ފެށިގެން އެމަހުގެ ނިޔަލަށެވެ. އެއަށް ފަހު އިތުރު ސިޓީ އަކުން ވަނީ މާޗް މަހުގެ ނިޔަލަށް އެ ސަރަހައްދުގެ މުއްދަތު އިތުރުކޮށްދީފަ އެވެ.

ދައުލަތުގެ ވަކީލު އުޝާމް ވިދާޅުވީ ފެބްރުއަރީ މަހުގެ ނިޔަލަށް އެ ސަރަހައްދު އެމްޑީޕީ އަށް ދިނުމަށް ހުއްދަ ދިން ސިޓީ އާއި މާޗް މަހުގެ ނިޔަލަށް މުއްދަތު އިތުރު ކުރި ސިޓީގައިވާ ޝަރުތުތައް ތަފާތު ކަމަށެވެ.

ފެބްރުއަރީ މަހުގެ ނިޔަލަށް އެ ސަރަހައްދު ހަވާލުކުރި ސިޓީގައިވާ ޝަރުތުތަކަށް ވުރެ މާޗް މަހުގެ ނިޔަލަށް މުއްދަތު އިތުރު ކުރި ސިޓީގައިވާ ޝަރުތުތައް ގިނަ ކަމަށާއި އެއީ ކީހިނެއްވީ ކަމެއްތޯ އުޝާމް ވަނީ ސިޓީ ކައުންސިލާ ސުވާލުކޮށްފަ އެވެ. އަދި ދެ ވަނަ ސިޓީގައި އެ ސަރަހައްދުގައި ހަރަކާތް ހިންގަން ވާނީ ރައްޔިތުންނަށް އުނދަގޫ ނުވާގޮތަށް ކަމަށް ބުނެފައިވާ އިރު، ސިޓީ ކައުންސިލުން އެކަން ބަލަނީ ކިހިނެތްކަން ސާފުކުރުމަށް ވެސް ދައުލަތުން ސިޓީ ކައުންސިލްގެ ވަކީލު ކުރެން އެއްސެވި އެވެ.

މީގެ އިތުރުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކަށް ސިޓީ ކައުންސިލުން ހެދީ ކިހިނެތްތޯ އާއި އެމްޑީޕީން އެ ސަރަހައްދު ބޭނުންކުރީ ގާނޫނާއި ގަވާއިދުގެ ދަށުންތޯ ބަލާފައިވާނެތޯ ވެސް އުޝާމު އެއްސެވި އެވެ. ސިޓީ ކައުންސިލްގެ ވަކީލު އަނަސް ވަނީ އެ ސުވާލުތަކަށް އެހެން ދުވަހަކުން ޖަވާބު ދިނުމަށް ފުރުސަތަކަށް އެދިފައެވެ.

ސިވިލް ކޯޓުގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދު މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދައުލަތުގެ ސުވާލުތަކަށް ޖަވާބުދިނުމަށް ބުރާސްފަތި ދުވަހަށް ސިޓީ ކައުންސިލަށް ފުރުސަތު ދިނުމަށް ފަހު އެވެ.