10 Oct 2022, 10:03
ސްމާޓް ފޯނު އުފެއްދުމުގެ އިތުރުން ކޮންސިއުމާ އިލެކްޓްރޯނިކްސް އާއި އެއާ ގުޅުންހުރި ސޮފްޓްވެއާ އާއި، އަދި ގޭތެރޭގެ ސާމާނު އުފެއްދުމުގައި ކުރިއަރަމުން އަންނަ ޗައިނާގެ ޝިއޯމީ ކުންފުނީގެ އޮޕަރޭޝަންތައް އިންޑިއާއިން ޕާކިސްތާނަށް ބަދަލުކޮށްފާނެ ކަމަށް މީޑިއާގައި މި ހަފުތާގެ ކުރީކޮޅު އަޑުތަކެއް ވަނީ ފެތުރިފައެވެ.
މި އަޑުތަކެއް ފެތުރިފައި ވަނީ ފޮރިން އެކްސްޗޭންޖް މެނޭޖްމަންޓް އެކްޓް (އެފްއީއެމްއޭ) ގެ ގައިޑްލައިންތަކާ ޚިލާފުވެފައިވާ ކަމަށް ބުނެ އިންޑިއާ ސަރުކާރުން ޝިއޯމީގެ 676 މިލިއަން ޑޮލަރުގެ އެސެޓްތައް ފްރީޒްކުރި ދަނޑިވަޅެއްގައެވެ.
މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެޕަލް އިންކް ފިޔަވައި ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން ސްމާޓްފޯނު ވިއްކި ކުންފުނި ޝިއޯމީން ވަނީ އެ ތުހުމަތުތަކަށް ރައްދުދީ އެކަމަށް އިންކާރު ކޮށްފައެވެ.
ޓްވިޓާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެކަމާއި ގުޅިގެން އެ ކުންފުންޏަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކަކީ މުޅިން ދޮގު އަދި އަސާސެއް ނެތް ވާހަކަ ތަކެއް ކަމަށެވެ. ޝިއޯމީގެ އޮފިޝަލް ޓްވިޓާ ހެންޑްލް އިން މި ބަޔާން ދިނީ ސައުތު އޭޝިއާ އިންޑެކްސް އިން ކުރި ޓްވީޓަކަށް ރައްދު ދެމުންނެވެ.
Just IN: Chinese mobile-maker Xiaomi may move its operations from India to Pakistan after Indian govt freezes its assets worth $676M. - sources
— South Asia Index (@SouthAsiaIndex)October 6, 2022
ސައުތު އޭޝިއާ އިންޑެކްސް އިން އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހު ކުރި ޓްވީޓެއްގައި، މަސްދަރުތަކާ ހަވާލާދީ ބުނެފައި ވަނީ "އިންޑިއާ ސަރުކާރުން 676 މިލިއަން ޑޮލަރުގެ އެސެޓްތައް ފްރީޒް ކުރުމުން، ޗައިނާގެ މޯބައިލް އުފައްދާ ކުންފުނި ޝިއޯމީގެ އޮޕަރޭޝަންތައް އިންޑިއާއިން ޕާކިސްތާނަށް ބަދަލުކޮށްފާނެ" ކަމަށެވެ. އިންޑިއާ ސަރުކާރުން ޝިއޯމީއާއި ދެކޮޅަށް އެޅި ފިޔަވަޅުގެ ސަބަބުން އެ ކުންފުނިން އިންޑިއާގައި ހިންގާ ވިޔަފާރީގެ މުޢާމަލާތްތައް ގާތްގަނޑަކަށް ހުއްޓާލާފައިވާ ކަމަށްވެސް އެޓްވީޓްގައި ބުނެފައިވެއެވެ.
އެ ތުހުމަތުތަކަށް ޝިއޯމީ އިން ވަނީ ރައްދު ދީފައެވެ.
އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ޝިއޯމީން އެ ޓްވީޓަށް ޖަވާބު ދީފައި ވަނީ އެ ކުންފުނީގެ ރަސްމީ އެކައުންޓުންނެވެ. އޭގައި ބުނެފައި ވަނީ “މި ޓްވީޓަކީ މުޅިން ދޮގު އަދި އަސާސެއް ނެތް ޓްވީޓެއް ކަމަށެވެ. ޝިއޯމީ އިންޑިއާއަށް އެތެރެވީ 2014 ވަނަ އަހަރު ކަމަށާއި، އަހަރަކަށް ވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިންޑިއާގައި އެކުންފުންޏަށްލިބިފައިވާ ކުރިއެރުންތައް ފާހަގަކޮށްފައިވެއެވެ.
"އަޅުގަނޑުމެންގެ ސްމާޓްފޯނުގެ 99 ޕަސެންޓް އަދި އަޅުގަނޑުމެންގެ ޓީވީގެ 100 ޕަސެންޓަކީ އިންޑިއާގައި އުފައްދާފައިވާ އެއްޗެހި، އަޅުގަނޑުމެންގެ އަބުރު ދޮގު އަދި ބުހުތާން ދައުވާތަކުން ރައްކާތެރި ކުރުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނަން”.ޝިއޯމީގެ ޓްވީޓްގައި ބުނެފައިވެއެވެ.
ޝިއޯމީން މިހެން ބުނިނަމަވެސް އޭޕްރީލް 29 ވަނަ ދުވަހު އެކުންފުނީގެ އެސެޓްތައް ފްރީޒް ކުރުމަށް ސެޕްޓެމްބަރު 29 ވަނަ ދުވަހު ނެރުނު އަމުރަށް ބޯނުލެބުމަށްޓަކައި ބޮޑާހޭކުމާއެކު، ޝިއޯމީން ވަނީ އަނެއްކާވެސް ކަރްނާޓަކާ ހައިކޯޓްގައި އެމައްސަލަ އިސްތިއުނާފު ކޮށްފައެވެ.
ޝިއޯމީން ހުށަހެޅި ޕެޓިޝަނެއްގައި މީގެ ކުރިން ވަނީ ފެމާގެ 37 ވަނަ މާއްދާގެ އޭގެ ސައްހަކަމާ މެދު ސުވާލު އުފައްދާފައެވެ. އެ މާއްދާގައި ވާހަކަ ދައްކާފައިވަނީ އިންޑިއާއިން ބޭރުގައި ކުންފުންޏަކުން ހިފަހައްޓާފައިވާ އެސެޓްތަކާ ބެހޭ ގޮތުންނެވެ. އެގޮތުން ކޯޓު އަމުރަށް ޝިއޯމީން ފާޑުކިޔާފައި ވަނީ ބޭރުގެ ބޭންކެއް ތަމްސީލުކުރާ މެންބަރަކު އެ އަޑުއެހުމުގައި ބައިވެރިވުމުގެ ފުރުޞަތު ދީފައި ނުވާތީ ކަމަށްބުނެއެވެ.
އެ މައްސަލައިގެ އަޑުއެހުން ދެން ތާވަލުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހަށެވެ.