10 Oct 2022, 09:42
ޓްވީޓްތަކުގެ ސްކްރީންޝޮޓްތައް ނަގައި ހިއްސާކުރާން ޓްވިޓާއިން ބޭނުން ނުވާކަމަށް ބުނެ އެކަން ނުކުރުމަށް އިލްތިމާސްކޮށް ބައެއް ޔޫޒަރުންނަށް ޓްވިޓާއިން ނޮޓިފިކޭޝަން ފޮނުވަން ފަށައިފިއެވެ.
މަޝްހޫރު އެޕް ރިސާޗަރު ޖޭން މަންޗުން ވޮންގް އަށް ފުރަތަމަ އެކަން ފާހަގަ ކުރެވުނު ހިސާބުން އޭނާވަނީ މީޑިއާއަށް އެވާހަކަ ތިލަކޮށްފައެވެ. އޭނާބުނީ ސްކްރީންޝޮޓެއް ނެގުމުން ޓްވިޓާ އިން ވަނީ ބައެއް ޔޫޒަރުންނަށް ޕޮޕް އަޕް ނޮޓިފިކޭޝަން ފޮނުވަން ފަށާފައި ކަމަށެވެ.
މައިކްރޯ ބްލޮގިން ޕްލެޓްފޯމް ޓްވިޓާ އިން ރަސްމީކޮށް އެކަން އިއުލާން ނުކުރިނަމަވެސް ޓްވިޓާއިން ވަނީ ގިނަ ޔޫޒަރުންނަށް ނޮޓިފިކޭޝަން ފޮނުވަން ފަށާފައި ކަމަށާއި ޓްވީޓްތަކުގެ ސްކްރީންޝޮޓް ނެގުމުގެ ބަދަލުގައި ޓްވީޓްތައް ހިއްސާ ކުރުމަށް އެ ނޮޓިފިކޭޝަންގައި ބާރު އަޅާ ކަމަށް އެހެން ބައެއް ރިޕޯޓްތައްވެސް ބުނެއެވެ.
"ޓްވީޓްގެ ސްކްރީންޝޮޓެއް ނެގުމުގެ ބަދަލުގައި ޓްވީޓް ނުވަތަ ކޮޕީ ލިންކް ޝެއާ ކުރުމަށް ޓްވިޓާ އިން ވިސްނައިދޭން މަސައްކަތް ކުރަނީ،" ވޮންގް ޕޯސްޓް ކުރި އެވެ.
ސޯޝަލް މީޑިއާގެ ކޮންސަލްޓަންޓް މެޓް ނަވާރާއަށް ވެސް އެ ފީޗާ ބައެއް ޔޫޒަރުންނަށް ތައާރަފް ކުރަމުންދާތަން ފެނިފައިވާ ކަމަށް އޭނާވެސް ވަނީ ބުނެފައެވެ.
"ޓްވިޓާއިން ދެން ބޭނުމެއް ނޫން ޓްވީޓްތައް ސްކްރީންޝޮޓް ކުރާކަށް. އެއީ ވާދަވެރި ޕްލެޓްފޯމްތަކުގައި ސްކްރީންޝޮޓް މެދުވެރިކޮށް ޓްވީޓްތައް ބަލާތީ. ޓްވިޓާ އަކީ އެ ޕްލެޓްފޯމްގައި އެކްޓިވް ޔޫޒަރުން ތިބޭ ވަރެއް ބަލަން ބޭނުންވާ ކުންފުންޏެއް. އެހެންވެ މިހާރު ސްކްރީންޝޮޓެއް ނެގުމުން ޕޮޕް އަޕް ވެގެން ދަނީ،" އޭނާ ބުންޏެވެ.
މި އާ ފީޗާއަކީ ހަމައެކަނި ފޯވާޑް ސްކްރީންޝޮޓްތައް ކިޔުމަށްވުރެ ބޮޑަށް ޓްވިޓާގެ ޕްލެޓްފޯމްތަކަށް އިތުރު ޔޫޒަރުން ގެނައުމަށް ކުރާ މަސައްކަތެއް ކަމަށް ބެލެވެއެވެ.
މީގެ އިތުރުން ޓްވިޓާއިން ވަނީ އެމެރިކާގައި ބްލޫ ސަބްސްކްރައިބަރުންނަށް ‘އެޑިޓް ބަޓަން’ ފީޗާ ތައާރަފް ކުރަން ވެސް ފަށާފައެވެ. މި ޕްލެޓްފޯމުން މިހާރު ވަނީ ކެނެޑާ، އޮސްޓްރޭލިއާ، އަދި ނިއުޒީލެންޑްގައި ބްލޫ ސަބްސްކްރައިބަރުންނަށް ‘އެޑިޓް ބަޓަން’ ތައާރަފްކޮށްފައެވެ. ނަމަވެސް އިންޑިއާގެ ޔޫޒަރުންނަށް އެ ފީޗާ ލިބޭނެ ކަމުގެ އެއްވެސް އިޝާރާތެއް އަދި މިހާތަނަށް ޓްވިޓާއިން ކޮށްފައެއް ނުވެއެވެ.
ޓްވީޓްތައް އެޑިޓް ކުރުމަށް ދޫކޮށްފައިވާ އާ ފީޗާގައި ބައެއް ލިމިޓޭޝަންތައް ވެސް ހިމެނެއެވެ. މިސާލަކަށް ޓްވީޓްތައް ޝާއިއުކުރުމަށްފަހު 30 މިނެޓް ފަހުން ޔޫޒަރުންނަށް އެޑިޓް ނުކުރެވޭނެއެވެ.
ޓްވިޓާ ބްލޫ ސަބްސްކްރިޕްޝަންތަކަށް ފައިސާ ދައްކަން ޖެހޭއިރު، އަގުކަނޑައަޅަނީ ސަރަހައްދީ ގޮތުން އެމީހަކު ނިސްބަތްވާ ހިސާބަކަށް ބަލާފައެވެ. މިވަގުތު އެމެރިކާގެ އަގަކީ ކޮންމެ ޔޫޒާއަކަށް 4.99 ޑޮލަރެވެ.
ޓްވިޓާއިން އަލަށް ތަޢާރަފްކުރާ ފީޗާތަކުގެ ތެރެއިން ވަކިން ހާއްސަކޮށް ޔޫޒަރުންގެ ޓައިމްލައިންތަކުގައި ހުންނަ ވީޑިއޯތައް ފުލް ސްކްރީން އިމަރސިވް ވީޑިއޯ ޕްލޭޔަރގައި ހުޅުވޭގޮތް ހެދުން ހިމެނެއެވެ. ނަމަވެސް މި ފީޗާ ލިބޭނީ ހަމައެކަނި އެ ކުންފުނީގެ އައިއޯއެސް އަށް ބިނާކޮށް އުފައްދާފައިވާ އެޕުން އެކަންޏެވެ.