10 Oct 2022, 10:42
މައިކްރޮސޮފްޓްގެ ލެޕްޓޮޕްތަކާއި ޓެބްލެޓް ސީރީޒް ކަމަށްވާ "ސާފޭސް"ގެ އެންމެ ފަހުގެ ޑިވައިސްތައް މި ހަފުތާގައި ދައްކާލުމަށް ތައްޔާރުވެއްޖެއެވެ.
މައިކްރޮސޮފްޓުން މި ހަފުތާގެ ބުދަ ދުވަހު އާ ސާފޭސް ޑިވައިސްތައް ދައްކާލުމަށް އިވެންޓެއް ވަނީ ރާވާފައެވެ. އެ އިވެންޓު ބާއްވާނީ މައިކްރޮސޮފްޓް ހެޑްކުއާޓާސްގައެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މައިކްރޮސޮފްޓް ސާފޭސް އޮފިޝަލް ޔޫޓިއުބް ޗެނަލްއިން އިވެންޓް ލައިވް ކުރާނެއެވެ. އިވެންޓް ފަށާނީ ރާއްޖެ ގަޑިން ރޭގަނޑު 10 ޖަހާއިރެވެ. އިވެންޓް ގާތް ވުމުން އިވެންޓްގެ ލައިވް ލިންކްޗެނަލްއަށްއަޕްލޯޑު ކުރާނެއެވެ.
އެ ޑިވައިސްތަކާ ބެހޭ ލީކްތަކުން ބުނާގޮތުން މިއަހަރުގެ ސާފޭސް އިވެންޓު ވަރަށް ބޮޑުވާނެއެވެ. އެގޮތުން އެކުންފުނީގެ ސާފޭސް ލައިންގެ ގިނަ ޑިވައިސްތަކަށް ބޮޑު އަޕްގްރޭޑެއް ގެންނާނެ އެވެ. އޭގެ އިތުރުން މުޅިން އާ ޑިވައިސްތައް ވެސް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ އިވެންޓުން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ޑިވައިސްއަކީ ސާފޭސް ހައިބްރިޑް ޑިވައިސް އެވެ. އެގޮތުން މިއަހަރުގެ އިވެންޓުގައި "ސާފޭސް ޕްރޯ 9" ދައްކާލާނެ ކަމަށް ބެލެވެއެވެ. އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ސާފޭސް ޕްރޯއަށް ބޮޑު ޑިޒައިން ބަދަލުތަކެއް ވެސް ގެންނާނެ ކަމަށް ވާހަކަ ދެކެވެއެވެ.
ސާފޭސް ސްޓޫޑިއޯގެ ތިންވަނަ އަޕްގްރޭޑް އާއި ފަސްވަނަ ސާފޭސް ލެޕްޓޮޕް ވެސް މިއަހަރު ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. މި ޑިވައިސްތަކުގެ ޑިޒައިނަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ނޭނގެއެވެ. ނަމަވެސް މި ޑިވައިސްތަކުގެ އިންޓާނަލް ހާޑްވެއާ އެއްކޮށް ފަހުގެ ހާޑްވެއާއަށް ބަދަލުކުރާނެއެވެ.
މި ޑިވައިސްތަކުގެ އިތުރުން މައިކްރޮސޮފްޓުން "ސާފޭސް ޕްރޮޖެކްޓް ވޯލްޓްރާ" ނަމަކަށް ކިޔާ ޑިވައިސްއެއް ނެރޭނެ ކަމުގެ ޚަބަރު ވަނީ ފެތުރިފައެވެ. މިއީ ސާފޭސް ލައިންގެ ފުރަތަމަ މިނީ ޕީސީއެވެ. ނަމަވެސް މި ޑިވައިސް އަކީ ކިހާ ވަރުގަދަ ޑިވައިސްއެއް ކަން އެނގޭނީ އެ ޑިވައިސް ތައާރަފު ކުރުމުންނެވެ.