10 Oct 2022, 08:48
ހެންވޭރުގައި ހުންނަ ގެއެއްގެ ކުޑަދޮރެއް މަގުމައްޗަށް ވެއްޓިއްޖެއެވެ.
މަގުމައްޗަށް އެ ކުޑަދޮރު ވެއްޓިފައިވަނީ ރޭ 11:30ހާއިރު ހ. ކަރަންކާ މަގާއި ސަމަންދު ގޯޅި ގުޅޭ ކަންމަތީގައި ހުންނަ ސްނޯޑްރޮޕް ވެސްޓް، ކިޔާ ގޭގެ ހަތަރުވަނަ ފަންގިފަލާއިންނެވެ.
މަންޒަރު ދުށް މީހަކު "ސަން"އަށް ބުނިގޮތުގައި، ކުޑަދޮރު ވެއްޓުނު ދިމާލުގައި ތިން މީހަކު މަޑުކޮށްލައިގެން ތިއްބެވެ. އޭނާ ބުނި ގޮތުގައި އެ ވަގުތު ގޭގެ ފާރު ކައިރީގައި ހުރި މީހާގެ ބޮލުގައި އެ ދޮރުން ނުޖެހި ސަލާމަތްވީ ހަމަ ކިރިޔަ ކިރިޔާއެވެ.
"އެ ދޮރު ވެއްޓެން އައި ވަގުތު މަގުމަތީގައި ހުރި ފިރިހެނެއްގެ ބޮލުގައި ނުޖެހުނީ ހަމަ ކިރިޔާ. އެނާ އަދި ކުޑަ ދުވަސްކޮޅަކު ދުނިޔޭގައި ހުންނަން އިރާދައިގައި ހުރިކަމުން އެ ސަލާމަތްވީ. އެ މަންޒަރު ފެނިފައި ވަރަށް ބިރުގަތް،" އެމީހާ ބުންޏެވެ.

ހ. ސްނޯޑްރޮޕް ވެސްޓް، ގެއިން މަގުމައްޗަށް ވެއްޓުނު ދޮރުގެ ބިއްލޫރިތައް، ފުލުހުންނާއި އާއްމުން ގުޅިގެން ސާފު ކުރަނީ -- ސަން ފޮޓޯ
ގެއެއްގެ ކުޑަދޮރެއް ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން "ސަން"ގެ ނޫސްވެރީން އެ ސަރަހައްދަށް ދިޔައިރު، ހ. ސްނޯޑްރޮޕް ވެސްޓް، ގޭގެ ހަތަރުވަނަ ފަންގިފިލާއިން އެލްމިނިއަމް ދޮރެއް މަގުމައްޗަށް ވެއްޓި، ދޮރުގެ ބިއްލޫރިތައް ވަނީ ތަޅައިގެން ގޮސް މަގުމައްޗަށް އެޅިފައެވެ. އެތަނުގައި ހުރި ބިއްލޫރިތައް ސާފު ކުރީ އާއްމުންގެ ބައެއް މީހުންނާއި ޓްރެފިކް ފުލުހުން ގުޅިގެންނެވެ.
މާލޭގައި ހަދަމުން އަންނަ އިމާރާތްތަކާއި މީހުން ދިރިއުޅޭ އިމާރާތްތަކުން މަގުމައްޗަށް އެއްޗެހި ވެއްޓުމުގެ ނުރައްކާތެރި ހާދިސާތައް ދޭތެރެދޭތެއިން ހިނގައެވެ.
އެގޮތުން މިއަހަރުގެ ފެބްރުއަރީ މަސް ތެރޭގައި މީސް މީޑިއާގައި އާއްމުވި ވީޑިއޯއަކުން ފެންނަނީ މާލޭގެ އަސުރުމާ ގޯޅީގައި ހަދަމުން ދިޔަ އިމާރާތެއް ކައިރިން ދުއްވާފައި ދިޔަ ޕިކަޕެއްގެ ކުރީ ބިއްލޫރިގަނޑާ ދިމާލަށް ބޮޑު ދަގަނޑު ހޮޅިއެއް ވެއްޓި ތާށިވެފައި އަންނަ މަންޒަރެވެ.
މި ހާދިސާގެ އިތުރުން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަސް ތެރޭގައި ވެސް ވަނީ މުޅި ގައުމު ބިރުން ސިއްސައިގެން ދިޔަ ނުރައްކާތެރި ހާދިސާއެއްގައި ވަރަށް ހިތާމަވެރި ގޮތަކަށް ކުޑަކުއްޖަކު ނިޔާވެފައެވެ. އެއީ މާލޭގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ބަންގްލަދޭޝްގެ އުމުރުން ހަތް އަހަރުގެ އަންހެން ކުއްޖަކު ނިޔާވެފައިވާ ހިތާމަވެރި ހާދިސާއެވެ.