10 Oct 2022, 00:44
މިދިޔަ މަހު ދައުވާކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް 214 މައްސަލައެއް ހުށަހަޅާފައިވާ އިރު އޭގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.
ޕީޖީ އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ މަހު ޕީޖީއަށް މަސްތުވާތަކެއްޗާ ގުޅޭ 89 މައްސަލައެއް ހުށަހަޅާފައިވެއެވެ. އެއީ އޮގަސްޓް މަހާ އަޅާބަލާއިރު އިތުރު އަދަދެކެވެ. އެގޮތުން އެ މަހު ހުށަހަޅާފައި ވަނީ 82 މައްސަލައެކެވެ.
މިދިޔަ މަހު ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތަކާއި މާރާމާރީ ހިންގުމުގެ މައްސަލަތަކެވެ. އެއީ ވައްކަމުގެ 41 އަދި މާރާމާރީ ހިންގުމުގެ 14 މައްސަލައެވެ.
މިދިޔަ މަހު ޕީޖީއަށް އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވާ އިދާރާއަކީ ދިވެހި ފުލުހުންގެ ޚިދުމަތެވެ. އެއީ 202 މައްސަލައެވެ. ދެވަނައަށް އެންމެ ގިނަ މައްސަލަ ހުށަހެޅީ އެންޓި ކޮރަޕްޝަން ކޮމިޝަނުންނެވެ. އެ ކޮމިޝަނުން ޕީޖީއަށް ވަނީ 10 މައްސަލައެއް ހުށަހަޅާފައެވެ. ބާކީ ދެ މައްސަލަ ހުށަހެޅީ ހިއުމަން ރައިޓްސް ކޮމިޝަނުންނެވެ.
މީގެ އިތުރުން ޕީޖީ އޮފީހުން 149 ދައުވާއެއް ކޯޓުތަކަށް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ވެސް އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅުން ހުރި ދައުވާއެވެ. އެއީ މަސްތުވާތަކެތި ބޭނުންކުރުމުގެ 61 ދައުވާއެކެވެ.
ވައްކަން ކުރުމުގެ 20 ދައުވާއެއް މިދިޔަ މަހު ޕީޖީ އޮފީހުން ކޯޓުތަކަށް ހުށަހަޅާފައި ވާއިރު، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ފޯރުވުމުގެ 14 ދައުވާ ހުށަހަޅާފައިވެއެވެ.
ހަމައެއާއެކު ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ނުވަ މައްސަލައަކާއި އަނިޔާ ދިނުމުގެ އަށް މައްސަލަ ވެސް މިދިޔަ މަހު ކޯޓަށް ފޮނުވާފައިވާ ކަމަށް ޕީޖީގެ ތަފާސްހިސާބުން ދައްކައެވެ.
މިދިޔަ މަހު ނިސްބަތުން އެންމެ ގިނަ މައްސަލަ ހުށަހެޅިި ކޯޓުތަކަށް ބަލާއިރު، 55 މައްސަލައެއް ޑްރަގް ކޯޓަށް ހުށަހަޅާފައިވެއެވެ. އަދި 37 މައްސަލައެއް ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވާއިރު އެހެނިިހެން ކޯޓުތަކަށް 32 މައްސަލައެއް ހުށަހަޅާފައިވެއެވެ.