03 Apr 2012, 12:50
މިދިއަ އާދީއްތަ ދުވަހު ވެސްޓްޕާކް ކައިރިން ވަޅި ހަރާ ޒަޚަމްކޮށް މަރާލި މީހާގެ މައްސަލައިގެ ތުހުމަތުގައި ހަތަރު މީހަކާއި ކުޑަ ކުއްޖަކު ހައްޔަރުކޮށް އެމީހުންގެ މައުލޫމާތު ފުލުހުން އާންމު ކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ފަސް މީހުންނަކީ ހދ. ކުމުންދޫ ފިނިފެންމާގެ އަލީ މަލާޝް އާއި ދަފްތަރު، މުހައްމަދު ޝައިފާން އާއި ޅ. ކުރެންދޫ، މާފަހި، މުހައްމަދު އާސިފާއި ހަމަ އެގޭ އަލީ އާސިފު އަދި 18 އަހަރު ނުފުރޭ ކުޑަކުއްޖެއް ކަމަށެވެ.
މ. ފެއަރީކޯނާ، އަލީ ޝިފާން 33، މަރުވީ ވެސްޓް ޕާކް ކައިރިން ވަޅިން ހަމަލަދީ ޒަހަމްކޮށްލުމަށްފަހު ބިންމައްޗަށް ވައްޓާލާފައި އޮއްވާ ފެނިގެން ފަރުވާދޭން އައިޖީއެމްއެޗަށް ގެންގޮސްފައި ވަނިކޮށެވެ. އޭރު އައިޖީއެމްއެޗުން ބުނެފައި ވަނީ ޝިފާން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.
އޭނާ ގަޔަށް ވަޅި ހެރީ ޖީއެން ސައިކަލެއް ގައި ދިޔަ ދެ މީހަކު ކަމަށް މަންޒަރު ދުށް މީހަކު ބުނެފައިވާ ކަމަށާއި ޝިފާންގެ ބައިމަތިން ތިން ތަނަކަށާއި އަތުގެ ބައެއް ތަންތަނަށް ވަޅި ހަރާ ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ވެސް ބުންޏެވެ. ވަޅި ހަރާ ޒަހަމް ކޮށްލުމަށްފަހު ޝިފާން ބިންމައްޗައް ވައްޓާލާފައި ވަނިކޮށް ފެނުނީ ސިފައިންގެ މީހަކެވެ.