ލިވަޕޫލް ބަލިކޮށް ޕްރިމިއާ ލީގް ޕޮއިންޓް ތާވަލުގެ އެއްވަނައިގަ އާސެނަލް ހަމަޖެހިލައިފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި އާސެނަލް އާއި ލިވަޕޫލް ބައްދަލުކުރި މި މެޗު އާސެނަލް ކާމިޔާބުކުރީ 2-3 ގެ ނަތީޖާއަކުންނެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި ކުޅުނު މެޗުގައި އާސެނަލްގެ ޒުވާން ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ހާއްސަ ގޮތެއްގައި މިޑްފީލްޑަރު ބުކާޔޯ ސާކާ އަދި މާޓިނެލީ ފާހަގަކޮށްލެވެއެވެ.

ދެޓީމުގެ ދެމެދުގައި ވަރަށް ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި އާސެނަލަށް ގޯލް ހުޅުވާލަދިނީ މެޗު ފަށައިގެން ފުރަތަމަ މިނެޓް ތެރޭގައި ގެބްރިއަލް މާޓިނެލީއެވެ. އާސެނަލްގެ ލަނޑަށްފަހު ލިވަޕޫލުން ވަނީ ކުޅުން ރަނގަޅުކޮށް އެޓޭކުވެސް ވަރުގަދަކޮށްފައެވެ. ނަތީޖާއަކީ އާސެނަލުން ލީޑު ނަގާފައިވަނިކޮށް ލިވަޕޫލްގެ ފޯވަޑް ޑާވިން ނުނޭޒް 34 ވަނަ މިނެޓް ތެރޭގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކުރުމެވެ.

ލިވަޕޫލުން އެއްވަރުކޮށްފައިވަނިކޮށް ބުކާޔޯ ސާކާ ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހައި ދެވަނަ ފަހަރަށް އާސެނަލަށް ލީޑު ނަގައިދީފައެވެ. އާސެނަލުން ލީޑު ނަގާފައިވަނިކޮށް ދެވަނަ ހާފު ފެށިގެން މާ ގިނައިރެއްނުވެ، ރޮބޭޓޯ ފިރްމީނޯ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އަނެއްކާވެސް ހަމަހަމަކޮށްފައެވެ.

މެޗުން އާސެނަލް މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ބުކާޔޯ ސާކާއެވެ. މެޗުގައި ލިވަޕޫލްގެ މުހައްމަދު ސަލާހުއަށް އެދެވޭ ވަރާ ގާތަށްވެސް ނުކުޅެވެއެވެ. ފަހުން ސަލާހު ވަނީ ބަދަލުކޮށްފައެވެ.

ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އުޅެނީ 24 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ތާވަލުގެ ދެވަނައިގައި 23 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އުޅޭއިރު، މިރޭގެ މެޗުން ބަލިވި ލިވަޕޫލް އުޅެނީ 10 ޕޮއިންޓާއެކު ތާވަލުގެ އަށް ވަނައިގައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އެހެނިހގެން މެޗްތަކަށް ބަލާއިރު ކުރިސްޓަލް ޕެލަސް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗު 1-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލީޑްސް ޔުނައިޓެޑެވެ. ވެސްޓަމް ޔުނައިޓެޑާ ފްލަމް ބައްދަލުކުރި މެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވެސްޓްހަމް ޔުނައިޓެޑެވެ.