10 Oct 2022, 08:33
އެމެރިކާގެ މަޝްހޫރު އެކްޓަރު ޑްވޭން "ދަ ރޮކް" ޖޯންސަން، އެގައުމުގެ ރިޔާސީ އިންތިހާބުގައި ބައިވެރި ނުވާނެ ކަމަށް ބުނެފިއެވެ.
ޑަބްލިއުޑަބްލިއުއީ ނުވަތަ ރެސްލިންގެ ތެރެއިން އާންމުންގެ ބޮޑު ތަރުހީބެއް ހޯދި ރޮކް މިހާރު އަންނަނީ ހޮލީވުޑްގެ އޭލިސްޓު ތަރިންނާއެކު މަސައްކަތް ކުރަމުންނެވެ.
މީގެ ކުރިން ރޮކް ވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ބައިވެރިވާން ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެއާއެކު 2020 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ބައިވެރިވާން މަސައްކަތް ކޮށްފައިވާނެ ކަމަށާއި ނަމަވެސް އެކި ސަބަބުތަކާ ގުޅިގެން އިންތިހާބުގައި ބައިވެރިވެވޭގޮތް ނުވި ކަމަށް ބުނެފައިވެއެވެ.
ދާދިފަހުން ސީބީއެސްއަށް ދިން އިންޓަވިއުއެއްގައި ރޮކް ބުނީ 2020 ވަނަ އަހަރުގެ އިންތިހާބަށް ފަހު ދެން އަންނަ ރިޔާސީ އިންތިޚާބެއްގައި ބައިވެރިވާން އޭނާ ފުރަތަމަ ވިސްނައިގެން ހުރި ކަމަށެވެ.
ނަމަވެސް މިހާރު އިންތިޚާބުގައި ބައިވެރިވާން ބޭނުން ނުވާ ކަމަށް އޭނާ ބުންޏެވެ. ސަބަބަކީ އޭނާގެ ތިން ދަރިން ކަމަށް ވެސް އޭނާ ބުންޏެވެ.
ރޮކް ބުނީ އޭނާ އިންތިޚާބަށް ކުރިމަތިލާން ވެއްޖެނަމަ އޭނާގެ ދެ ދަރިންނަށް ވަގުތު ނުދެވޭނެ ކަމަށާއި އޭނާ އުޅެން ޖެހޭނީ އެކުދިންނާ ދުރުގައި އަބަދުވެސް ކޮންމެވެސް އިވެންޓެއްގައި ކަމަށެވެ. އެ ކުދިން ބޮޑުވަމުން އަންނަ އިރު އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމަށް ވެސް ރޮކް ބުންޏެވެ.
އެހެންވީމާ ރައީސް ކަމަށް ކުރިމަތިލުމުގެ ވިސްނުން ދޫކޮށްލާފައިވާ ކަމަށް ރޮކް ބުންޏެވެ.