މޯލްޑިވްސް އިމިގްރޭޝަންގެ ސަދަން ރީޖަނަލް އޮފީސް ހިންގަމުން އައި އިމާރާތް މަރަދޫ ރަށްވެހިގެއަށް ބަދަލުކޮށް އެ އޮފީހުން މިއަދު ޚިދުމަތް ދޭން ފަށައިފިއެވެ.

އައު ސަދަން ރީޖަނަލް އޮފީސް ހުޅުވާ، ރަސްމީކޮށް ބޭނުން ކުރަން ފެށުމުގެ ގޮތުން މަރަދޫގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރެވެ. މި ރަސްމިއްޔާތުގައި އިމިގްރޭޝަންގެ ސީނިއާ މުވައްޒަފުންނާއި ކައުންސިލް އިދާރާގެ ބައެއް މެންބަރުން ބައިވެރިވިއެވެ.

އިމިގްރޭޝަންގެ ދެކުނު އޮފީސް މަރަދޫގައި ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އިމިގްރޭޝަން

މަރަދޫގައި މިއަދު ހުޅުވި އައު އޮފީހަކީ ޚިދުމަތް ހޯދުމަށް އަންނަ ރައްޔިތުންނަށް އިހުނަށް ވުރެ ރަނގަޅު މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން ހުޅުވި އޮފީހެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ ކުރިން ހިތަދޫގައި ހިންގަމުން އައި ސަދަން ރީޖަނަލް އޮފީހުން ދެމުން ގެންދިޔަ، ހުރިހާ ޚިދުމަތަކެއް މިއަދުން ފެށިގެން ދެން ލިބޭނީ މަރަދޫން ކަމަށެވެ.

ހިތަދޫގައި އިމިގްރޭޝަންގެ ސަދަން ރީޖަނަލް އޮފީސް އެންމެ ފުރަތަމަ ހިންގަން ފަށާފައިވަނީ 2016 ވަނަ އަހަރުގައެވެ.