09 Oct 2022, 22:01
އއ. މާޅޮހުގެ ދެކުނުން ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ސަލާމަތްވި މީހާ އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރަނިކޮށް ޚަބަރެއް ނުވެގެން ރިޕޯޓުކޮށްފައިވާ އެ ލޯންޗު ބަންޑުންޖަހާލާފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހު މާޅޮސް ކައިރިންނެވެ. އެ ލޯންޗުން ދަތުރުކުރި ދެ މީހުންގެ ތެރެއިން އެކަކު ފެނުނީ ފެރިދޫ ފުއްޓަރު ފަރާތުންނެވެ.
މިރޭ ފުލުހުން ބުނީ ފެރިދޫ ފުއްޓަރު ފަރާތުން ފެނުނު މީހާއަށް އެރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު އާއިލާގެ އެދުމަށް އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެނައި ކަމަށެވެ. އަދި ފަރުވާއަށް ފަހު އޭނާ ދޫކޮށްލީ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި ގެއްލުނީ އުމުރުން 28 އަހަރުގެ ސ. ހިތަދޫ، މިންހާ، މުހައްމަދު މިންހާޖެވެ. އޭނާ ހޯދުމަށް މިހާރު 65 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން ބަލާފައި ވަނީ އދ. ހަންޏާމީދޫގެ ދެކުނު ކަނޑުއޮޅިން (އދ. އަތޮޅު އިރުމަތިން) ފެށިގެން އަތޮޅުގެ ހުޅަނގަށް ވާގޮތަށެވެ. އަދި އޭނާ ހޯދުމުގެ ގޮތުން މާދަމާ ފެރިދޫގެ ހުޅަނގު ފުއްޓަރުފަރާތުގެ ކަނޑުގެ ސަރަހައްދު، ޑައިވްކޮށްގެން ބެލުމަށް ހަމަޖެހިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ގެއްލިގެން ހޯދާ މިންހާޖު ފެނިއްޖެ ނަމަ ނުވަތަ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމާ 119 ނުވަތަ 3322111 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.