09 Oct 2022, 20:54
ތިލަމާލެ ބުރިޖުގެ މަޝްރޫއުގައި ބޭނުންކުރަމުން ދިޔަ ޕްލެޓްފޯމެއް ވިލިމާލޭގެ ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުމުގެ ސާވޭ ރިޕޯޓެއް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ހަދާފައި ވަނިކޮށް، އެ މަސައްކަތް ކުރާ އެފްކޮންސްއިން އަމިއްލައަށް ސާވޭ ރިޕޯޓެއް ހަދަން އެދިއްޖެއެވެ.
މިކަމާ ގުޅިގެން އީޕީއޭގެ ޑިރެކްޓަރު ޖެނަރަލް އިބްރާހިމް ނައީމް މިރޭ "ސަން"އަށް ވިދާޅުވީ އެފްކޮންސްއިން ސާވޭ ރިޕޯޓެއް ހަދަން އެދުނީ އީޕީއޭގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގެއްލުމުގެ މިންވަރާ މެދު ހިތްހަމަނުޖެހިގެން ކަމަށެވެ.
އޭނާ ވިދާޅުވީ އީޕީއޭއިން ކުރި ސާވޭގައި ބައިވެރިވުމުގެ ފުރުސަތު އެފްކޮންސްއަށް ދިންކަމަށެވެ. ނަމަވެސް އެ ކުންފުނީގެ ބަދަލުގައި ސާވޭގައި ބައިވެރިވީ ކުންފުނީގެ އިންޝުއަރެންސްގެ ބައެއް ކަމަށް ނައީމް ވިދާޅުވިއެވެ.
"އެމީހުންގެ ފަރާތުން ބައިވެރިވާނަމޭ ކިޔާފަ ފަހުން އިންޝުއަރެންސުން ބައިވެރިވީ،" އޭނާ ވިދާޅުވިއެވެ.
ނައީމް ވިދާޅުވީ ސާވޭ ރިޕޯޓު އަމިއްލައަށް ހެދުމަށް އެފްކޮންސްއިން އެދުނީ އެ ކުންފުންޏަށް ޖަވާބުދާރީވާން ދިން މުއްދަތުގެ ތެރޭގައި ކަމަށެވެ. އެހެންކަމުން އަލުން ސާވޭ ހެދުމަށްފަހު ހަތް ދުވަހުގެ ތެރޭގައި ޖަވާބުދާރީވުމަށް އެ ކުންފުންޏަށް އަންގާފައިވާނެކަމަށް ނައީމް ވިދާޅުވިއެވެ.
ނަމަވެސް އެ މުއްދަތު ދިން ތާރީޚެއް އޭނާ ހާމަނުކުރައްވައެވެ.
"މި ހިނގަނީ މިހާރު އެ ހަތް ދުވަސް،" ނައީމް ވިދާޅުވިއެވެ.
މީގެ ކުރިން "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި އެފްކޮންސްގެ ޕްރޮޖެކްޓްސް ޑިރެކްޓަރު އާރްވީއާރް ކިޝޯރް ވިދާޅުވީ ފަރަށް ލިބުނު ގެއްލުމާމެދު ކަންކުރުމުގައި އީޕީއޭއިން ދޭ ލަފަޔާ އެއްގޮތަށް އެ ކުންފުނިން ކަންކުރާނެ ކަމަށެވެ.
"އީޕީއޭއާ ގުޅިގެން އަޅުގަނޑުމެން ކުރި އިންވެސްޓިގޭޝަނެއް ވަރަށް ފަހުން ނިމިއްޖެ. އަޅުގަނޑުމެން ޔަގީންކަން ދެން އީޕީއޭއާއި ސަރުކާރުގެ އެހެން މުއައްސަސާތަކާއެކު މިކަން ހައްލުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނަން،" ކިޝޯރު ވިދާޅުވިއެވެ.
ޕްލެޓްފޯމު ފަރަށް އެރުމާ ގުޅިގެން ފަރަށް ލިބިފައިވާ ގެއްލުންތައް ފެންނަ ފޮޓޯތަކެއް އީޕީއޭއިން ވަނީ އާއްމުކޮށްފައެވެ.
އީޕީއޭއިން އާއްމުކުރި ފޮޓޯތަކުން ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ފަރުގައި ހެދިފައިވާ ބޮޑެތި ހަތަރު ބާގަނޑު ފެނެއެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަނިކޮށް އެ މަސައްކަތަށް ބޭނުންކުރި ޕްލެޓްފޯމެއް ފަރަށްއެރީ އޮގަސްޓް މަހުގެ 16ވަނަ ދުވަހުއެވެ. އަދި ހާދިސާ ހިނގިތާ 12 ދުވަސްފަހުން ޕްލެޓްފޯމް ފަރުމަތިން ނަގާފައިވަނީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ.