މި އަހަރު ބާއްވާ އެފް.އޭއެމް އިންތިހާބުގައި އީގަލްސްއިން ވޯޓުދޭނެ މީހަކު އަދި ނުނިންމާ ކަމަށް އެކުލަބުން މިއަދު ބުނެފި އެވެ.

ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) ވިދާޅުވީ އިންތިހާބަށް ކުރިމަތިލައްވާ ދެ ބޭފުޅުންގެ ތެރެއިން އެފް.އޭ.އެމުގެ މިހާރުގެ ރައީސް އަލީ އާޒިމަކީ ވަރަށް ގާބިލް ބޭފުޅެއް ކަމަށެވެ.

އޭނާ ވިދާޅުވީ އީގަލްސް ވޯޓުދޭނެ ގޮތް އިނގޭނީ އިލްހާމް (އަހުމަދު، ގެމަނަފުށީ ދާއިރާގެ މަޖިލިސް މެމްބަރު) އަށްނޫން ކަމަށާއި އެކަން ނިންމާނީ އީގަލްސް އިން ކަމަށެވެ. އަދި އިލްހާމަކީ ފުޓްބޯޅަ އަށް އާމީހެއް ކަމަށެވެ.

ސަން އަށް ލިބިފައިވާ ކޮމެންޓްތަކުގެ ތެރެއިން މިވާހަކައާ ވަރަށް ގުޅޭ ކޮމެންޓެއް ގައި ބުނަނީ ވިކްޓްރީއާއި އީގަލްސްގެ ވޯޓްލިބޭނެކަމަށް ސާންތީއާއި ސުޒޭނުގެ ބަހަށް ބަލައިގެން ކަންޔަޤީން އެކަމަކު ވޯޓްދޭނެ މީހަކު އިނގޭނީ ސަރނގޭއަށާއި އީވާއަށް. ވަރަށް ސަލާމް، ކަމަށެވެ. މިކޮމެންޓް ފޮނުވާފައިވަނީ ހއ. ދިއްދޫ އިބޫ ކިޔާ މީހެއްގެނަމުގަ އެވެ. މި ކޮމެންޓްގައި ބުނާ ސާންތީ އަކީ އީގަލްސްގެ ކޯޗެވެ. ސަރަނގޭ އަކީ އީގަލްސްގެ ޗެއާމަނެވެ. އީވާ އަކީ ވިކްޓަރީގެ ޗެއާޕާސަން އެވެ.

ފުރަތަމަ ޑިވިޝަނުގެ ބޮޑެތި ބައެއް ކުލަބުތަކުގެ ތާއީދާއެކު އެފް.އޭ.އެމުގެ ރައީސް ކަމަށް އާޒިމާ ވާދަކުރައްވަން އިލްހާމް ނުކުންނަވާއިރު މި ދެ ބޭފުޅުންނަކީ އެންމެ ވާދަވެރި ސިޔާސީ ދެ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ދެބޭފުޅުންނެވެ. ކުރިން އެކުގައި ޑީއާރުޕީގައި ތިއްބެވި ނަމަވެސް އިލްހާމަކީ މިހާރު ޕީޕީއެމްގެ ބޭފުޅެކެވެ. އާޒިމް ހުންނެވީ ޑީއާރުޕީގަ އެވެ. އިލްހާމާއެކު އޭނާގެ ނާއިބަކަށް ނުކުންނަވަނީ ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ އަބުދުލްމުހުސިންހަމީދު (ޖޭފޯ) އެވެ. އާޒިމާއެކު ނާއިބް ރައީސްކަމަށް ވާދަކުރައްވާނެ ކަމަށް ބެލެވެނީ މިހާރުގެ ނާއިބް ރައީސް ޕީޕީއެމްގެ ހިޔަލީ މުހައްމަދު ރަޝީދެވެ. އޭނާ ކުރިމަތިލައްވާނީ ވެލެންސިއާއިންނެވެ.

އެފް.އޭ.އެމުގެ އިންތިހާބުގައި ވޯޓުލާނީ ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބުންނާއި ދެވަނ ޑިވިޝަނުން ތިން ކުލަބު އަދި ތިން ވަނަ ޑިވިޝަނުން ދެ ކުލަބަކުންނެވެ. ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުން ވޯޓުލާ ކުލަބުތައް ނިންމާނީ އެ ދެ ޑިވިޝަނުގެ ހުރިހާ ކުލަބުތަކުން ވޯޓުލައިގެންނެވެ.