ނަފްސާނީ ސިއްހަތު ނުވަތަ މެންޓަލް ހެލްތާ ބެހޭ ބިލުގެ ޑްރާފްޓް ނިމިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

"ސަން" އާ ވާހަކަދައްކަވަމުން މިއުވާން މިއަދު ވިދާޅުވީ އެ ބިލުގެ ޑްރާފްޓް ނިމިފައިވާއިރު މިހާރު ކުރިއަށް ދަނީ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމުގެ މަރުހަލާ ކަމަށެވެ. ނަމަވެސް އެ ބިލު މަޖިލީހަށް ހުށަހެޅޭނެ ތާރީޚެއް އޭނާ ވިދާޅެއްނުވެއެވެ.

ނަފްސާނީ ސިއްހަތު ނުވަތަ މެންޓަލް ހެލްތަށް ފަރުވާ ކުރެވޭނެ ފަސޭހަ އިންތިޒާމުތައް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ވަރަށް މުހިންމު ރިޔާސީ ވައުދުފުޅަކަށްވާއިރު މީގެ ކުރިން ވެސް ނަފްސާނީ ސިއްހަތުގެ ބިލު ވަނީ މަޖިލީހަށް ފޮނުވާފައެވެ.

ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަނީ ޢަބްދުލް ޙަކީމް 2019 ވަނަ އަހަރު ހުށަހެޅުއްވި އެ ބިލު އިތުރަށް ފުރިހަމަ ކުރުމަށް، 2020 ވަނަ އަހަރު އެ ބިލު ވަނީ އަނބުރާ ގެންގޮސްފައެވެ.

އެ ބިލު އަނބުރާ ގެންދެވިފަހުން ގިނަދުވަސްތަކެއް ވެފައިވާތީ އެކަމަށް ބައެއް ފަރާތްތަކުންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފައެވެ. ކުރިން ހުށަހެޅި ބިލަކީ ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވައި، ނަފްސާނީ ބަލިތަކަށް މުޖުތަމައު އަހުލުވެރިކުރުވުމުގެ މަގްސަދުގައި އެކުލަވާލި ބިލެއް ކަމަށް އޭރު އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ.

ނަފްސާނީ ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނަށް ދައުލަތުގެ ޚަރަދުގައި ފަރުވާ ދިނުމުގެ ނިޒާމެއް ގާއިމުކޮށް، އެފަދަ މީހުންގެ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމާއި އަދި އެފަދަ މީހުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަމާ ގުޅޭ އުސޫލުތައް މި ބިލުގައި ހިމެނިފައިވާކަމަށް ވެސް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

އޭރު މަޖިލީހަށް ހުށަހެޅި ބިލުގައި ނަފްސާނީ ބަލީގެ ފަރުވައާއި އެފަދަ ފަރުވާއާ ގުޅޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ގެންގުޅެންޖެހޭ ހަމަތަކާއި އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް އަމާޒުކޮށް ސަރުކާރުން މިހާރު ވަނީ ގިނަ ކަންތައްތަކެއް ފަށާފައެވެ. އޭގެ ތެރޭގައި ނަފްސާނީ ބަލިތަކާއި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވާ ކެމްޕޭނުތައްވެސް ހިމެނެއެވެ. މީގެ އިތުރުން ރައީސްގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޚާއްސަ މަރުކަޒެއް ވެސް ވަނީ ގާއިމުކޮށްފައެވެ.