09 Oct 2022, 15:39
ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ރައްޔިތުން ފަސޭހަކަމާއެކު ގުޅުވާލަދޭ ވަޞީލަތަކީ އެމްޓީސީސީގެ ދަތުރުފަތުރުގެ ވިއުގައޭ ބުނުން އެއީ ދޮގަކަށް ނުވާނެއެވެ. ދަތުރުފަތުރުގެ ޚިދުމަތަކީ އެމްޓީސީސީގެ 41 އަހަރުގެ ދިގު ދަތުރުގެ ވަރަށް ކުރީކޮޅު ފެށިގެން ދިޔަ ޚިދުމަތެކެވެ.
ސަރުކާރުގެ މެރިން ޑިވިޜަން 1981 ވަނަ އަހަރު ހަވާލުކު ކުރެއްވުމާއެކު ފެށުނު ލޯންޗު ދަތުރުގެ ޚިދުމަތް ވިޔަފާރީގެ އުޞޫލުން ކުންފުނީގެ ފުރަތަމަ އަހަރުގައިވެސް ފޯރުކޮށްދިނެވެ. މިހާރު އެމްޓީސީސީން ފޯރުކޮށްދެމުން ގެންދާ އާންމު ކަނޑު ދަތުރުފަތުރުގެ ޚިދުމަތް ފެށުނީ 2001 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު، މާލެއާއި ވިލިނގިއްޔާ ދެމެދު ފެރީގެ ޚިދުމަތް ތަޢާރަފު ކުރެވުނު ހިސާބުންނެވެ.
އަހަރުތައް ފާއިތުވަމުންދިއަ ވަރަކަށް، އެމްޓީސީސީން ގެންދިޔައީ ރައްޔިތުންނަށް ދެމުންގެންދާ ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރަމުންނެވެ. އެގޮތުން 2003 ވަނަ އަހަރު ހުޅުމާލެއަށް ފެރީގެ ޚިދުމަތް ފެށިތާ އަހަރެއް ފަހުން، ތިލަފުށި ފެރީގެ ޚިދުމަތާއި އަދި އެއަށްފަހު ގުޅީފަޅަށްވެސް ފެރީގެ ޚިދުމަތް ދޭން ފެށިއެވެ.
މިހާރު އެމްޓީސީސީއަކީ ތަނަވަސް ގިމަތަތައް މެދުވެރިކޮށް ޝެޑިއުލް ފެރީގެ ޚިދުމަތްތައް ގްރޭޓަރ މާލެ ސަރަހައްދުގައި ފުޅާކޮށް ދެމުންގެންދާ ކުންފުންޏެކެވެ. އެމްޓީސީސީން ގްރޭޓަރ މާލެ ސަރަޙައްދުގައި ދެމުން ގެންދިއަ ފެރީ ޚިދުމަތް، އަތޮޅުތަކަށް ފުޅާ ކުރެވިގެން ދިއައީ 2009 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.

މާލެ ސަރަހައްދުގައި ބޭނުންކުރާ އެމްޓީސީސީގެ ފެރީއެއް
މިހާރު ހަ ޒޯނަކަށް ބަހާލައިގެން، ރާއްޖޭގެ 20 އަތޮޅަކަށް އިތުބާރު ހުރި ފެރީގެ ޚިދުމަތްތައް އެ ކުންފުނިން ދަނީ ފޯރުކޮށްދެމުންނެވެ. ހަމަ އެހެންމެ ފަހުގެ އަހަރުތަކުގައި ތަޢާރަފު ކުރި ޕްރިމިއަމް އަދި އެކްސްޕްރެސް ޚިދުމަތުގެ ސަބަބުން އާންމު ފެރީތަކަށްވުރެ އަވަސް އަދި ތަނަވަސް ޚިދުމަތްތަކެއް، ޚިޔާރުކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބިގެން ދިޔައެވެ.
ރާއްޖޭގެ އަތޮޅުތަކާއި ރަށްތަކުގެ ބޮޑުބައެއް ގުޅުވާލަދޭ އެމްޓީސީސީގެ ފެރީ ޚިދުމަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ރައްޔިތުން، އެކި ބޭނުންތަކަށް ދަތުރު ކުރުމަށާއި، ކުރިއާލާ ރާވައިގެން އެއްތަނުން އަނެއްތަނަށް، މުދާ ފޮނުވުމަށް ފުރުޞަތު ހޯދައިދިން ޚިދުމަތެކެވެ.
އެ ކުންފުނީގެ މި ޚިދުމަތް އާޒަމާނަކަށް އަލިވިލުނީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ސަރުކާރުން "ރާއްޖެ ޓްރާންސްޕޯޓް ލިންކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި އެމްޓީސީސީއާ ހަވާލުކުރި ހިސާބުންނެވެ.
"ރާއްޖޭގެ ޕަބްލިކް ފެރީ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެންނާނެ އާރްޓީއެލްގެ ފުރަތަމަ ފެރީ ބާލައިފި. ރައީސުލްޖުމްހޫރިއްޔާގެ މި ވައުދު ފުއްދުމަށް އެމްޓީސީސީގެ މުވައްޒަފުން ކުރަމުން ގެންދަވާ ބުރަ މަސައްކަތަށާއި އަދި ޕްލޭނިންގ މިނިސްޓްރީން މިނިސްޓަރ އަޞްލަމް ދެއްވާ ލަފާފުޅަށް ޝުކުރު ދަންނަވަން."
އާރްޓީއެލްގެ ފުރަތަމަ ފެރީ ސެޕްޓެމްބަރު މަހު ބޭލި ދުވަހު، ސޯޝަލް މީޑިއާ މެދުވެރިކޮށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެފައި ވެއެވެ.
50 މީހުންގެ ޖާގައިގެ އާރްޓީއެލް ފެރީތަކަކީ ބާރު ސްޕިޑެއްގައި ދުވާ ފެރީތަކެކެވެ. އެމްޓީސީސީން މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ، މި ފެރީތަކުގެ ސްޕީޑް އެތައް ގުނައެއް އަވަސް ވާނެއެވެ. މި ފެރީތައް ފަރުމާކޮށްފައިހުރީ ދަތުރުވެރިންނަށް ހިތްފަސޭހަކަމާއެކު ދަތުރު ކުރެވޭ ގޮތަށެވެ. އެއާކޯން ކޮށްފައިވާ މި ފެރީތަކުގެ ސީޓާއި ޕަސިންޖަރުންގެ ކެބިން ފަރުމާކޮށްފައިވަނީ، މިފަދަ ދަތުރުތައް ކުރުމަށް އެންމެ އެކަށޭނެ ގޮތަށެވެ. މިއިން ކޮންމެ ސީޓެއްގައި މޯބައިލް ޗާޖް ކުރެވޭގޮތަށް ޔޫއެސްބީ އައުޓްލެޓެއް ހަރުކޮށްފައި ހުރެއެވެ. ފެރީގައި ފާޚާނާއާއި ލަގެޖް ބެހެއްޓޭ ޖާގަ ޚާއްޞަ ކުރެވިފައި ހުރެއެވެ. އަދި އާރްޓީއެލްގެ ޚިދުމަތް ހޯދާ ކޮންމެ ފަރާތަކަށް އެއް ލަގެޖްގެ އިތުރުން ކެރީއޮންއެއް ގެންދެވެއެވެ.

އާރްޓީއެލް ފެރީތަކެއް
މީގެ އިތުރުން، ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ޚިދުމަތުގައި ދަތުރުކުރާ، ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ދަފުތަރުގައި ގައިވާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި، ސްކޫލް ކުދިން ޔުނިފޯމްގައި ތިބޭނަމަ، އެކުދިންނަށް ވެސް ހިލޭ ދަތުރު ކުރެވޭނެއެވެ. މި ޚިދުމަތް ހަފްތާއަކު ހަތް ދުވަހު ރައްޔިތުންނަށް ފޯރުކޮށްދެއެވެ.
ދަތުރުފަތުރުގެ ނިޒާމަށް އިންޤިލާބެއް ގެނުވި، މި ފެރީ ނިޒާމުގެ އެންމެ ޚާއްޞަ ސިފައަކީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، ބަލި މީހުން އަރާފޭބުމަށާއި، ދަތުރުކުރުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިފައި ވުމެވެ. މިގޮތުން ކޮންމެ ފެރީއެއްގައި ފުރޮޅުލީ ގޮނޑިއާއި ސްޓްރެޗަރު ބެހެއްޓުމަށް ވަކިތަނެއް ޚާއްޞަ ކުރެވިފައިވެއެވެ. މިއީ ހަމަގައިމުވެސް ދިވެހި ރައްޔިތުންގެ އެތައް ބަޔަކަށް އުފަލާއި ހިތްހަމަޖެހުން ގެނުވާނެ ޚިދުމަތެކެވެ. އަދި މި ޚިދުމަތް ތަޖުރިބާ ކޮށްލެވުމުން ނޫނީ މިއީ ކިހާ ބޮޑު ލުއިފަސޭހައެއްކަން އިޙްސާސް ކޮށްލަން ދަތިވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
މި މަޝްރޫޢަކީ ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ މަޝްރޫޢެކެވެ. މި ފެރީ ނިޒާމުން ލުއިފަސޭހަ އަވަސް ޚިދުމަތެއް، ދަތުރުކުރާ ފަރާތްތަކަށް ފޯރުކޮށްދެވެއެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރުވަނީ ބޮޑު ތިލަދުންމަތި ގުޅާލާ، ޒޯން އެކެއް (ހއ. ހދ. ށ.) ގެ އަތޮޅުތަކަށް ޚިދުމަތް ދޭން ފަށައިފައެވެ. މިއާއެކު އާރްޓީއެލްގެ ފުރަތަމަ ފިޔަވަހި މިވަނީ ނިމިފައެވެ. މިކަން ފާހަގަ ކުރުމުގެ ގޮތުން ވަރަށް ކުލަގަދަ ހަފްލާއެއް ހއ. ދިއްދޫގައި ސެޕްޓެމްބަރ މަހުގެ 27 ވަނަ ދުވަހު ވަނީ ބާއްވައިފައެވެ.
"މިއީ ބޮޑު އުތުރާއި، މުޅި ބޮޑު ތިލަދުންމައްޗަށް، ތާރީޙުގައިވެސް އަންނަ އެންމެ ބޮޑު ބަދަލު، މިއަދު މިއީ ހަމައެކަނި ތިލަދުންމައްޗާއި މިލަމަޑުލު އުތުރުގެ ދުވަސް، އެހެންނަމަވެސް މިއީ، މުޅި ރާއްޖެއަށް އެކީ އެއްހަމައަކުން، ތަންފީޒުކުރެވޭނެ ވަކި ހާއްސަ ތަޞައްވަރެއް"
ހއ. ދިއްދޫގައި އޮތް، އާރްޓީއެލް ބޮޑު ތިލަދުންމަތި ގުޅާލުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައި ވެއެވެ.

އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ކުރިއަށް އޮތްތަނުގައި މި ޚިދުމަތް، ދެކުނުގެ އަތޮޅުތަކަށްވެސް ފުޅާކުރެވިގެން ދާނެކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ދިއްދޫ ޖަލްސާގައި ވިދާޅުވީ،
ގެއްލި ދިޔަ އެ ތަނަވަސްކަމާއި، ފުދުންތެރި އަމިއްލަ އިޤްތިޞާދު ރާއްޖޭގެ ހުރިހާ ރައްތަކާއި އަތޮޅުތަކަށް އަންނަންޖެހޭ، އެ ބޮޑު ބަދަލު ފެށެނީ އާރް.ޓީ.އެލްގެ ވިއުގައިން ކަމަށެވެ.
" މިއަދު ބޮޑު ތިލަދުންމައްޗަށް ގެނެވިފައި މިވާ މި ބޮޑު ބަދަލުން. ކުރިޔަށް އޮތް އަހަރުގެ ތެރޭގައި އާރްޓީއެލްގެ އުޅަނދު ފަހަރުން މުޅި ހުވަދޫ އެކުގައި އަމުނާ ގަތާލުމަށް ކުރަންޖެހޭ ކަންކަން ފެށިއްޖެ. ހަމައެއާއެކު އާރްޓީއެލް އިކުއޭޓަރ ހުރަސްކޮށް ފުވައްމުލަކާއި، އައްޑޫ އަދި ހުވަދޫ އެކުގައި ގުޅާލެވޭނެ." އެ ޖަލްސާގައި ރައީސް ސޯލިޙު، އިތުރަށް ވިދާޅުވެފައި ވެއެވެ.
"ރާއްޖެ ޓްރާންސްޕޯޓް ލިންކް" މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދެކެވެ. މި ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ތަފާތުކުރުމެއްނެތި ހުރިހާ ރައްޔިތުންނާމެދުވެސް ހަމަހަމަކޮށް ކަންތައް ކުރުމެވެ.
"ސަރުކާރުގެ މިއަދުގެ ވިސްނުމަކީ ހިންގާ މަޝްރޫޢުތައް އެއީ ހަމައެކަނި ދިރިތިބުމަށްޓަކައި ކުރާ ކަންކަމުގެ އިތުރަށް، ދިރިއުޅުމުގެ މަގު ކޮށައި އަލިކޮށްދޭ ވަޞީލަތްތައް ކަމުގައި ހެދުން،" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު 2022 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
"އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލާ، އެ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ މަގު ފަހިކުރުން". ރައީސް ވިދާޅުވެފައި ވެއެވެ. އެއަށްފަހު، އެމަނިކުފާނު ވިދާޅުވެފައިވަނީ،އެ ރާއްޖޭގައި ކުޑަޔެއް ބޮޑެއް، އުތުރެއް ދެކުނެއް އަދި މެދުރާއްޖެއެއް ނެތި ހަމަހަމަކަން އޮންނަންޖެހޭ ވާހަކައެވެ.
"މި ސަރަހައްދުގެ 41 ރަށް އަމުނާ ގަތާ، ބަދަހި ކުރަމުންދާ އާރްޓީއެލްގެ ރޫޓުތަކުން އެ ފެންނަނީ އެ ހަމަހަމަކަން." އާރްޓީއެލް ބޮޑު ތިލަދުންމަތި ގުޅާލުމުގެ ހަފްލާގައި، ރައީސް ވާހަކަފުޅު ދައްކަމުން ވިދާޅުވިއެވެ.

އާރްޓީއެލް ފެރީތަކެއް
މި މަޝްރޫޢުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީގެ ދުވެލި ބާރުވެ، ސަރަޙައްދީ ގޮތުން ރަށްތަކަށް ތަރައްޤީ ލިބިގެން ދާނެއެވެ. މިގޮތުން، ލޯކަލް ޓޫރިޒަމް އަދި މި ފަހުން ތަޢާރަފުކުރި ހޯމްސްޓޭ ޓޫރިޒަމް ފުޅާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ކައިރި ރަށްރަށުގައި ވަޒީފާ އަދާކުރުމުގެ އިތުރުން އުނގެނުމަށް ހުރި ފުރުޞަތުތަކަށްވެސް ލުއިފަސޭހަކަން ލިބިގެންދާނެއެވެ. ހަމައެހެންމެ އަތޮޅު ހޮސްޕިޓަލްތަކަށް އަދި އަތޮޅު ވެރިކަންކުރާ ރަށްރަށުން ބޭނުންވާ ސިއްޙީ އަދި އިދާރީ ޚިދުމަތް ހޯދުމުގައި ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ވީމާ، އާރްޓީއެލް ހައި ސްޕީޑް ފެރީ ޚިދުމަތުގެ ސަބަބުން ސިއްޙީ އަދި އިދާރީ ޚިދުމަތް ހޯދުމަށް، ދިރިއުޅޭ ރަށުން އިރާކޮޅު ފުރައިގެންގޮސް، ޚިދުމަތް ހޯދުމަށްފަހު، ހަމަ އެދުވަހު އެނބުރި އާދެވޭނެ މަގުވެސް މިވަނީ ފަހިވެފައެވެ.
"މުޅި މި ސަރަހައްދުގެ ހުރިހާ ރައްޔިތުންނާއި، ޒިޔާރަތްކުރައްވާ ކޮންމެ މީހަކަށްވެސް ދަތުރުފަތުރުގެ ޔަޤީންކަން މިއަދު އޮންނާނެ. މިރަށުގެ ނެތް އެރަށުގައި ހުރި ކިތަންމެ ޚިދުމަތަކާއި ވަޞީލަތެއް މީގެ ކޮންމެ ރަށެއްގައިވެސް ހުންނާނެކަން އަޅުގަނޑު ޤަބޫލުކުރަން. އާރްޓީއެލްގެ ސަބަބުން މުދާލާއި، ޙިދުމަތާއި، ވިޔަފާރިއާއި، ޞިއްހަތާއި، ތަޢުލާމާއި، ކުލުނާއި، ލޯބި މި 41 ރަށް އެއްކޮށް ބަދަހިކޮށް ބަނދެދޭނެ. ރަށްރަށުގެ މެދުގައި ކުރިން އޮތް ދުރުކަމާއި، ހުސްކަމާއި، ފޫހިކަން މަޑު މަޑުން ނައްތާލާނެ ވަޞީލަތަކީ، ދެއިރު ދެ ދަޅަޔަށް ލަފާފުރައިގެންދާ، މާ ގަޔާވާ އާރްޓީއެލް ކަމުގައިވާނެ."
ރައީސް ޞޯލިޙު ދިއްދޫ ޖަލްސާގައި ވިދާޅުވިއެވެ.
އެމްޓީސީސީން ރައްޔިތުންނަށް ފޯރުކޮށްދޭ ކޮންމެ ޚިދުމަތަކީވެސް "ކަސްޓަމަރ ފަސްޓް" ޕޮލިސީގެ ދަށުން، ފޯރުކޮށްދޭ ޚިދުމަތަކެވެ. މުޅި ރާއްޖެ ގުޅުވާލަދޭ ކަނޑުދަތުރުފަތުރުގެ ނިޒާމަކީވެސް މި ސިޔާސަތުގެ ދަށުން، ފޯރުކޮށްދޭ ޚިދުމަތަކަށް ވެގެންދާނެއެވެ. މިގޮތުން، ކޮންމެ ފެރީއެއްގައިވެސް ކެޕްޓަނާއި ފަޅުވެރިންގެ ގޮތުގައި ތިބޭނީ، ކަސްޓަމަރުންނަށް ޚިދުމަތް ދިނުމާގުޅޭ ޚާއްޞަ ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކޮށްފައިވާ މުވައްޒަފުންނެވެ. ޝެޑިއުލާ އެއްގޮތަށް ފެރީ ގަޑިއަށް ފުރާތޯ އެ މުވައްޒަފުން ޔަޤީން ކުރާނެއެވެ.
އެހެން ހައި ސްޕީޑް ފެރީތަކާ ޚިލާފަށް "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ފެރީތައް ވަކި ޝެޑިއުލަކަށް ކުރިއަށް ގެންދިޔުން ވެގެންދާނީ މި ޚިދުމަތަށް ރައްޔިތުންގެ އިތުބާރު އެންމެބޮޑުވާ ސަބަބަށެވެ.
"އާރްޓީއެލް ގެނެސްދިން ބޮޑު ބަދަލާއި ފަސޭހަޔާ އެކުއެކީ ލިބުނު، މާބޮޑު އެހެން އިތުބާރަކާއި ޔަޤީންކަމެއް އެބައޮތް. އެއީ އެމްޓީސީސީއަކީ ރައްޔިތުންގެ ކުންފުންޏަކަށް ވާނެކަމާ ސީއީއޯ އާދަމް އާޒިމް އެކަން ކުރައްވާނެކަން. އެ ޓީމްގެ ބުރަ މިންނަތް އިޙްލާސްތެރި މަސައްކަތް ނުވިނަމަ، މިރޭގެ މި ޖަލްސާ ބޭއްވުމަށް އަދި އެތައް ދުވަހެއް ނެގީސް. އެކަމަށްޓަކާއި އާޒިމަށާއި އެމްޓީސީސީގެ މުޅި ޓީމަށް ހިފެހެއްޓުމެއްނެތި ޝުކުރާއި ސާބަސް އަޅުގަނޑު ދަންނަވަން."
އާރްޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް
އެމްޓީސީސީގެ ސީއީއޯ އަދި ޓީމުގެ މަސައްކަތައް ތަޢުރީފުކުރައްވައި، ދިއްދޫ ޖަލްސާގައި ރައީސް ޞޯލިޙު، ވިދާޅުވެފައި ވެއެވެ.
އެމްޓީސީސީގެ ފެރީ، ގަޑިއަށް ފުރުމަކީ ރައްޔިތުންގެ ތަޢުރީފު މިހާރުވެސް ލިބޭ ކަމެކެވެ. އަދި މިފަދަ ސަބަބުތަކަށްޓަކައި ކައުންސިލްތަކުން ކުންފުންޏަށް ފޮނުވާ ސިޓީތަކުގައިވެސް އެމްޓީސީސީން ފޯރުކޮށްދެމުންދާ ޚިދުމަތަށް ތަޢުރީފުކޮށްފައިވެއެވެ. ހަމައެހެންމެ ރާއްޖެ ޓްރާންސްޕޯޓް ލިންކް ތަޢާރުފުވުމާއެކު، މިހާރު ދަތުރުފަތުރުގައި ހުރި ގިނަ ދަތިތައް ހައްލުވެ، ލުއިފަސޭހަ ޒަމާނީ ޚިދުމަތަކަށް ބަދަލުވެގެން އެބަ އާދެއެވެ. އަދި ރާއްޖޭގެ ބައިބައިވެފައިވާ އާބާދީތަކަށް ފަސޭހަކަމާއި، ރައްކާތެރިކަމާއެކު، އެކަށީގެންވާ ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ ފުރިހަމަ ފެރީގެ ނިޒާމަކުން ކުރިމަގުގައި ގުޅުވައިލަ ދޭނެއެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މިހާރު ތިއްބަވާނީ "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތް ތަޖުރިބާ ކޮށްލަން ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ކަމާމެދަކު ޝައްކެއް ނެތެވެ. ހަމަގައިމުވެސް ބޮޑު ތިލަދުންމަތީގައި ދިރިއުޅޭ ރަށްތަކުގެ އަހުލުވެރިން، މީސް މީޑިޔާގައި އެ ދައްކަނީ، އާރްޓީއެލް ގެ ހިތްގައިމުކަމާއި، ދިރިއުޅުމަށް ގެނެސްދިން ހެޔޮ ބަދަލުގެ ވާހަކައެވެ. ހާހުން ހޭދަކޮށްގެންކުރި، އަގުބޮޑު ދަތުރުތައް އަތްފޯރާފަށަށް ތިރިވެ، ދަތުރުފަތުރު ކުރުމުގައި މި ވީހާދުވަހު ނުވާހާ ފަސޭހަކަން ލިބުނު ވާހަކަތަކެވެ. އާރްޓީއެލްއަކީ ރައީސް ޞޯލިޙު ދިއްދޫ ޖަލްސާގައި ރާއްޖެ އޮތްދިގަށް ސަރާސަރު މަގުން ހިނގާ ވިޔަވަތި ޖަޒީރާވަންތަ ރާއްޖެއަކަށް ހެދުމަށްޓަކައި ބޭނުންވާކަމަށް ވިދާޅުވި ހެޔޮ ބަދަލުގެ ހެޔޮ ރޯޅިކަން މިހާރު ޤަބޫލު ކުރެވިއްޖެއެވެ.
ހަމަގައިމުވެސް ރައީސް ޞާލިޙުގެ އިރުޝާދާއެކު، އެމްޓީސީސީގެ މާލިމީ ސީއީއޯ އާދަމް އާޒިމް އާއި އެބޭފުޅާގެ ޓީމް އެތިއްބެވީ، މި މަޝްރޫޢާއެކު ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިންޤިލާބީ ހެޔޮ ބަދަލެއް ގެނެސްދިނުމުގެ ފުރަތަމަ ބާބު ފުރިހަމަކޮށް، ރާއްޖޭގެ ރައްޔިތުން ދިރިއުޅޭ ހުރިހާ ރައްތަށް އާރްޓީއެލްގެ ފެރީ ނިޒާމުން ގުޅުވާލާ، ރާއްޖޭގެ ހުރިހާ ރައްޔިތުން ރަށު ބަންދުން ވީއްލައި، އިހުނަށް ވުރެ ޖީބަށް ލުއި، ހައްޓަށް އަރާމު، ލުއިފަސޭހަ ޚިދުމަތެއް ދިނުމުގެ ނުގުޑާފަދަ އަޒުމުގައެވެ.