09 Oct 2022, 14:11
ސަރުކާރުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑިސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އަމީނީ މަގު ހެދުމުގެ މަޝްރޫއު ހުއްޓާލުމަށް ވަގުތީ އަމުރެއް ނެރެދެވޭނެ ހާލަތެއް ނެތްކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
އެ މައްސަލައަކީ އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެ މަގުގައި ހައްދާފައިވާ ގިނަ އަދަދެއްގެ ގަސް އުފުރުމުގެ ސަބަބުން ތިމާވެއްޓާއި، އާއްމު ސިއްހަތުގެ އިތުރުން މޫސުމަށް ނޭދެވޭ އަސަރު ކުރާނެތީ އެ މަސައްކަތް ހުއްޓާލުމަށް އަމުރެއް ނެރެދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލައެކެވެ.
ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައިގައިވާ ގޮތުން ގަސް ކެނޑުމުގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ބަލައި ކަށަވަރު ކުރުމަކީ ޕްލޭނިން މިނިސްޓްރީގެ ޒިންމާއެކެވެ. ނަމަވެސް އެ މިނިސްޓްރީން އެ ޒިންމާ އަދާކޮށްފައިނުވާ ކަމަށް ވެސް އެ މައްސަލައިގައިވެއެވެ. އަދި އެ ގަސްތައް ނުއުފުރައި މަގު ހެދުމުގެ މަސައްކަތް ކުރެވެން އޮތް ނަމަވެސް އެއާ ޚިލާފަށް އެ ގަސްތައް އުފުރުމަކީ އެ މިނިސްޓްރީގެ މައްޗަށް އޮންނަ ތިމާވެށި ހިމާޔަތް ކުރުމުގެ ވާޖިބާ ޚިލާފުވުން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެ މައްސަލައާ ގުޅިގެން ޕްލޭނިން މިނިސްޓްރީން ބުނެފައިވަނީ ތިމާވެށިގެ އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ހިމާޔަތް ކޮށްފައިވާ ގަހެއް އަމީނީ މަގުގައި ނެތް ކަމަށެވެ.
އެ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު ކޮންމެހެން ނަގަން ޖެހޭ ގަސްތައް ނެގުމުގައި އެއްވެސް ހުރަހެއް އޮތް ކަމަށް ދައުލަތުން ނުދެކޭ ކަމަށް ވެސް އެ މިނިސްޓްރީގެ ޖަވާބުގައިވެއެވެ. މީގެ އިތުރުން އެ މަޝްރޫއާ ގުޅިގެން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން އެ މަޝްރޫއު މޮނީޓާ ކުރަމުންދާއިރު މިއަދާ ހަމައަށް ވެސް އީޕީއޭއިން އެކަމާ ގުޅޭ ގޮތުން އެހެން ނިންމުމެއް ނިންމާފައިނުވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
އެކަމާ ގުޅިގެން އާރްޑީސީން ބުނެފައިވަނީ އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ދަނީ ކަމާބެހޭ މާހިރުންގެ ލަފަޔާއި އިރުޝާދު ހޯދައިގެން ކަމަށެވެ. އަދި އެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކޮށް، ވެށި ހިމާޔަތް ކުރުމަށް އަބަދުވެސް ސަމާލުކަން ދެމުންދާ ކަމަށް ވެސް އާރްޑީސީން ފާހަގަކުރެއެވެ.
ސިވިލް ކޯޓުން ނިންމި ނިންމުމުގައި ވަނީ އެ މައްސަލަ ހުށަހެޅުއްވި، ރައީސް ނަޝީދަކީ އެ އަމުރަށް އެދުމުގެ ހައިސިއްޔަތު ގާނޫނީ ގޮތުން ލިބިގެންވާ ފަރާތެއްކަމަށް ބެލެވެން ނެތް ކަމަށެވެ. އެ މައްސަލައިގައި ދެ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ވަގުތީ އަމުރެއް ނެރެންޖެހޭ ސަބަބެއް ނެތް ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.
އަމީނީ މަގު ތަރައްގީކުރާއިރު، އެމަގުގައި ހުންނަ ގަސްތައް ކަނޑާ މައްސަލައިގައި އާންމުންގެ ފާޑުކިޔުން ވެސް އެ މަޝްރޫއަށް ވަނީ އަމާޒުވެފައެވެ.
އަމީނީމަގު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ އޮގަސްޓް މަހުގެ ތިނެއްގައެވެ. އެގޮތުން ޕްލޭނިން މިނިސްޓްރީއާއި އާރުޑީސީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން 1.7 ކިލޯމީޓަރުގެ މަގުގެ ސަރަހައްދެއްގައި ތާރު އެޅުމާއި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.
އެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 10 މަސް ތެރޭގައި ނިންމާގޮތަށެވެ.