އިންޑިއާ އާއި ރާއްޖޭގެ ގުޅުމުގެ ރަމްޒެއް ކަމަށްވާ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް މަރާމާތުކޮށް، އާ ކުރުމަށް 8.4 މިލިޔަން ޑޮލަރު ]129.53 މިލިއަން ރުފިޔާ[ ހަރަދުކުރާނެ ކަމަށް އިންޑިޔާ ސަރުކާރުން މިއަދު ބުނެފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ، ޕޮލިޓިކަލް އެންޑް ސާކް ޕީއެސް، ކަރިތު ގެޔަން ވިދާޅުވީ އައިޖީއެމްއެޗު މަރާމާތުގެ ކުރުމުގެ މަސައްކަތް އިންޑިއާ ސަރުކާރުން ވަރަށް އަވަހަށް ފަށާނެ ކަމަށާއި އެހެން ނަމަވެސް އެކަމަށް ހޭދަވާނީ ކިހާ ދުވަހެއްކަން އަދި ދަންނަވަން ނޭނގޭ ކަމަށެވެ.

"އިންޑިއާ އިން މަސައްކަތް ކުރަނީ ވީހާ އަވަހަކަށް އެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަން، އެހެން ނަމަވެސް އެކަމަށް ހޭދަވާނީ ސީދާ ކިހާ މުއްދަތެއްކަން އަދި ދަންނަވާކަށް ނޭނގޭ،" ކަރިތުގެޔަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައިޖީއެމްއެޗު މަރާމާތު ކުރަނީ ކަމަށް ބުންޏަސް އެ މަސައްކަތް މިފަހަރު ކުރާނީ އެ ހޮސްޕިޓަލް އަލުން އިމާރާތް ކުރިއްޔޭ ބުނެވޭ ފަދަ ފެންވަރަކަށް ކަމަށެވެ. ނަމަވެސް އެ މަސައްކަތް ވީހާ ވެސް އަވަސް ކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި އެ މަސައްކަތް ކުރިއަށް ދާނީ ހޮސްޕިޓަލްގެ ހިދުމަތަށް ބުރޫ އަރާ މިންވަރު ވީހާ ވެސް ކުޑަވާނެ ގޮތްތަކަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އިންޑިއާ އަށް ވަރަށް މުހިއްމު މަޝްރޫއެއް، އިންޑިއާ އިން އަދި ވެސް ދެކެނީ އައިޖީއެމް އެޗަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ އެންމެ މުހިއްމު ރަމްޒުގެ ގޮތުގައި. ހޮސްޕިޓަލް މަރާމާތު ކުރަނީ ކަމަށް ބުންޏަސް އަޅުގަނޑުމެން މިއުޅެނީ ގާތްގަނޑަކަށް އެހޮސްޓަލް އަލުން އިމާރާތް ކުރަން،" ކަރިތުގެޔަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައިޖީއެމްއެޗް މަރާމާތުކޮށް، އާ ކުރުމުގައި އިންޑިއާ އިން ފޯކަސް ކުރާނީ ހަމަ އެކަނި އިންފްރާސްޓްރަކްޗާ އަށް ކަމަށް ވިޔަސް އެކަމުގެ ސަބަބުން ހޮސްޕިޓަލްގެ ހިދުމަތް ވަރަށް ބޮޑުތަނުން ރަނގަޅުވެގެން ދާނެ ކަމަށެވެ. އަދި ވިދާޅުވީ އައިޖީއެމްއެޗްގެ ހިދުމަތްތައް ރަނގަޅު ކުރުމަށް އިންޑިއާ ސަރުކާރުން އަންނަނީ އަބަދު ވެސް ހަރަދުކުރަމުން ކަމަށެވެ. އެ ގޮތުން އެ ހޮސްޕިޓަލް ހުޅުވި ފަހުން ޑޮކްޓަރުންނާއި ނަރުހުން އަދި ޓެކްނިކަލް އެހެން ސްޓާފުން ތަމްރީނު ކުރުމުގެ މަސައްކަތް އިންޑިއާ އިން ހުއްޓާ ނުލައި ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޑިއާ އިން ވަނީ އައިޖީއެމްއެޗަށް ވަރަށް ބޮޑު އިންވެސްޓެއްކޮށްފައި. ހަމަ އެކަނި ވަސީލަތްތަކުގެ ގޮތުގައެއް ނޫން، އިންޑިއާ އިން އަންނަނީ ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ ދާއިރާގެ އެހެން ސްޓާފުން ތަމްރީނު ކުރަމުން. އެމްބީބީއެސް ފެންވަރަށް ޑޮކްޓަރުކަން ކިޔެވުމުގެ ފުރުސަތު އިންޑިއާ އިން ދިވެހި ފަސް ދަރިވަރަކަށް ދޭ، އެހެން ވީމާ މިދިޔަ 20 އަހަރުގެ ތެރޭގައި އިންޑިއާ އިން 100 ދިވެހިން ޑޮކްޓަރުންގެ ގޮތުގައި ތަމްރީނުކޮށްފައި، ހުރިހާ ހަރަދެއް އިންޑިޔާ ސަރުކާރުން ކޮށްގެން، މެޑިސިންގެ ދާއިރާ އިން މާސްޓާސް ޑިގްރީއަށް ކިޔަވަން މިހާރު ވެސް އިންޑިޔާގައި ދިވެހި ހަތަރު ދަރިވަރުން ތިބޭނެ،" ކަރިތުގެޔަން ވިދާޅުވި އެވެ.

އައިޖީއެމްއެޗް ހިނގާ ގޮތާ މެދު އިންޑިޔާ ސަރުކާރުން ދެކެނީ ކިހިނެއްތޯ ދެންނެވުމުން ކަރިތު ގެޔަން ވިދާޅުވީ "ކޮންމެ މެނޭޖްމަންޓެއް އޮތަސް، ގިނަ ދަތިތަކަކާ އެކުގައި ނަމަވެސް ހޮސްޕިޓަލް ހިނގަމުން އަންނަނީ ރަނގަޅަށް ކަމަށް އިންޑިއާ އިން ދެކޭ" ކަމަށެވެ.

އަދި ވިދާޅުވީ އެ ހޮސްޕިޓަލްގެ ހިދުމަތް ރަނގަޅު ކުރުމަށް ރާއްޖެ އިން އެދޭ ކޮންމެ އެހީތެރިކަމެއް ދިނުމަށް އިންޑިއާ އަބަދު ވެސް އޮންނާނީ ތައްޔާރަށް ކަމަށެވެ.

ސަތާރަ ވަނަ ސާކް ސަމިޓްގައި ބައިވެރިވެޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގް ރާއްޖެ ވަޑައިގެން ދިވެހިސަރުކާރާ އެކު ވެވަޑައިގެންނެވި އެއްބަސްވުންތަކުގެ ތެރޭގައި އައިޖީއެމްއެޗް މަރާމާތުކޮށް ފެންވަރު ރަނގަޅުކުރުމުގެ އެއްބަސްވުން ވެސް ހިމެނެ އެވެ.