10 Oct 2022, 16:57
ސަން މީޑިއާގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) އަކަށް އިބްރާހީމް ޚަލީލް އަދި ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަކަށް މުޙައްމަދު ޢާޞިފް (މޮންދު) އައްޔަން ކުރައްވައިފިއެވެ.
މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މިހާތަނަށް، ސަން މީޑިއާގެ ސީއޯއޯގެ މަގާމުގައި ހުންނަވައި މި މީޑިއާ ހިންގެވުމުގައި އިސްކޮށް ހުންނެވީ ޑރ. އަޝްރަފް ޢަބްދުއްރަޙީމެވެ.

ސަންގެ ސީއޯއޯ އާސިފް އާއި ސީއީއޯ ޚަލީލްއާ ސަން މީޑީއާގެ ގުރޫޕްގެ ފައުންޑާ ސިޔާމް ބައްދަލު ކުރައްވަނީ-- ސަން ފޮޓޯ
ސަން މީޑީއާ ގްރޫޕްގެ ފައުންޑާ އަޙްމަދު ސިޔާމް މުޙައްމަދު ވަނީ، އަލަށް އައްޔަނު ކުރެއްވި ސީއީއޯ އާއި ސީއޯއޯއާ ބައްދަލުކުރައްވައި މީގެ 15 އަހަރު ކުރިން ސަން މީޑިއާ ފެއްޓެވި ސަބަބު ފާހަގަ ކުރައްވައި، ޑިމޮކްރަޓިކް ވެއްޓެއްގައި މިނިވަން މީޑިއާއެއް ހިންގޭނެ އެންމެ ރަނގަޅު ގޮތަކަށް މި މީޑިއާ ހިންގައި ދެއްވުމަށް އެދިވަޑައިގެންފައެވެ.
އަދި މީޑިއާގެ ވިޔަފާރި ފުޅާކުރެވެން އޮތް ހުރިހާ ދިމާއަކަށް ސަން މީޑިއާގެ މިސްރާބު ބަދަލުކޮށް، މީޑިއާގެ ޚިދުމަތުގައި ވިޔަފާރި ކުރިއަރުވައި ދެއްވުމަށް ވެސް ސިޔާމް އެދިވަޑައިގަތެވެ.
ހަމައެހެންމެ މީޑިއާގެ ދާއިރާގައި މަސައްކަތް ކުރާނެ ޒުވާނުން ބިނާ ކުރުމުގައި ސަން މީޑިއާއިން ބައިވެރިވުމަށް ސިޔާމް އެދިވަޑައިގަތެވެ. އަދި ދިވެހި ޤައުމު ބިނާކުރުމަށާއި ރައްޔިތުންނަށް އުފާފާގަތިކަން ގެނެސް ދިނުމުގައި ސަން މީޑިއާ މެދުވެރިކޮށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ވެސް ސިޔާމް އެދިވަޑައިގަތެވެ.
ސަން މީޑިއާ ގްރޫޕްގެ ސީއީއޯ ޚަލީލް ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މި މީޑިއާ ގުރޫޕު އެހެން ހަރުފަތަކަށް ގެންދިއުމަށް ކަމަށެވެ. ހަމައެއާއެކު މީޑިއާގެ ދާއިރާއަށް އިލްމީ މީހުން ނެރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ސީއޯއޯ ޢާޞިފް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ސަން މީޑިއާގެ ކޮންޓެެންޓުގައި މުޅި ރާއްޖެ ބައިވެރި ކުރައްވާނެ ކަމަށެވެ.
"ވީހާވެސް ގިނަ ރަށްރަށުން އަޑާއި މަންޒަރުތައް އަޅުގަނޑުމެން ގެނެސް ދޭނަން. ކޮންޓެންޓް މުއްސަނދި ކުރުމަށް އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރާނަން،" ޢާޞިފް ވިދާޅުވިއެވެ.

ސަން މީޑިއާގެ ވެރިންނާއި މުވައްޒަފުން-- ސަން ފޮޓޯ: މުޙައްމަދު ހައްޔާން
ޚަލީލްއާއި ޢާޞިފް މަގާމަށް އައްޔަން ކުރެއްވުމާ ގުޅިގެން ސަން މީޑިއާ ގްރޫޕްގެ މުވައްޒަފުން ވަނީ އެ ދެ ބޭފުޅުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެ ދެ ބޭފުޅުން ވަނީ ސަން މީޑިއާ ކުރިއަށް އޮތްތަނުގައި ހިންގަވާނެ ގޮތުގެ ކުރު ޚުލާސާއެއް މުވައްޒަފުންނާ ޙިއްސާކުރައްވާފައެވެ.
މީގެ 33 އަހަރު ކުރިން ހަވީރު ނޫހުގެ ރިޕޯޓަރެއްގެ ވަޒީފާއިން މީޑިއާ ކެރިއާ ފެއްޓެވި ޚަލީލް ވަނީ ދައުލަތުގެ މީޑިއާގެ އެންމެ އިސް މަގާމު ދެ ފަހަރެއްގެ މަތިން ފުރުއްވާފައެވެ. ވިހި އަހަރު ވަންދެން މެދުކެނޑުމެއް ނެތި ދައުލަތުގެ މީޑިއާގެ ނިއުސްރޫމްގެ އެޑިޓޯރިއަލް މަގާމުތައް ފުރުއްވިއެވެ. އޭގެ ފަހުން ދިއެފްއެމް އާއި ވީޓީވީގައި ވެސް އެންމެ އިސް މަގާމު ފުރުއްވިއެވެ. މީޑިއާ ކައުންސިލްގެ ރައީސްކަން ކުރެއްވުމުގެ އިތުރުން އޭނާ ވަނީ ސަރަހައްދީ މީޑިއާ ޖަމިއްޔާތަކުގެ އިސް މަގާމުތައް ވެސް ފުރުއްވާފައެވެ.
ޢާޞިފް 1991 ވަނަ އަހަރު ޕްރޮޑިއުސަރެއްގެ ގޮތުގައި ޓީވީއެމްއާ ގުޅުނުއިރު އެންމެ ފަހުން ދައުލަތުގެ މީޑިއާއިން ވަކިވީ އެ ތަނުގެ ސީއޯއޯގެ މަގާމު ފުރުއްވާފައެވެ. އޭގެ އިތުރުން ވީޓީވީގެ ސީއޯއޯގެ މަގާމު އަދާކުރެއްވިއެވެ. މީޑިއާ ކައުންސިލްގެ ރައީސްކަން ކުރެއްވުމުގެ އިތުރުން "މޮންދު ޕްރޮޑަކްޝަންސް"ގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ވެސް ހިންގަވައެވެ.