09 Oct 2022, 11:59
ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަށް މިހާރު ލިބިފައިވާ ކާމިޔާބީގެ އަސްލަކީ ދިވެހި ޒުވާނުން ރިސޯޓްތަކުގައި ކުރަމުންއައި ބުރަ މަސައްކަތް ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ރ. އަތޮޅު ކައުންސިލުން އިސްނަގައިގެން ބޭއްވި ހަރަކާތްތަކުގެ ނިމުން ފާހަގަކުރުމަށް ރޭ ރ. ދުވާފަރުގައި ބޭއްވި "ރ. ޓުއަރިޒަމް އެކްސްޕޯ 2022" ގެ އެވޯޑްދިނުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމައަށް ކާމިޔާބުކަމާއެކު ގެނެސްދެއްވި ފަރާތްތަކުގެ ބުރަ މަސައްކަތްތައް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.
ހަމަ އެހެންމެ ފަތުރުވެރިކަމުގެ މިއަދުގެ ކާމިޔާބީއާ ހަމައަށް އާދެވުނީ ވަރަށްގިނަ ބައެއްގެ ބުރަަމަސައްކަތުންކަން ފާހަގަކުރައްވައި އޭގެ ތެރެއިން ވެސް ޚާއްސަކޮށް ދިވެހި ޒުވާނުން އެމީހުންގެ އާއިލާއާ ދުރުގައި ތިބެ މި ދާއިރާގެ ކުރިއެރުމަށް ކުރި ބުރަ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޒުވާނުންގެ އެ މަސައްކަތަކީ ފަތުުރުވެރިކަމުގައި މިއަދު މިދެކޭ ކާމިޔާބީ ހޯދައިދިނުމަށް ވީ ގުރުބާނީއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި މިދާއިރާގެ ކާމިޔާބީއަކީ ކަމާގުޅޭ ހުރިހާ ފަރާތްތައް ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާކަމުގައި ވިދާޅުވިއެވެ. އަދި، ޚާއްސަގޮތެއްގައި ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ރިސޯޓްތަކުގައި އެ ދަތިއުނދަގުލުގެ ތެރޭގައި ކޮށްފައިވާ ބުރަ މަސައްކަތް ފާހަގަކުރައްވައި އެފަރާތްތަކަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
ރ. ޓުއަރިޒަމް އެކްސްޕޯ 2022ގެ އަތްތެރި މަސައްކަތުގެ މައުރަޒުގެ ރަންވަނަ ހާސިލުކުރި ފަރާތްތަކަށް ރޭގެ ހަފްލާގައި އިނާމު ޙަވާލުކޮށްދެއްވީ ނައިބު ރައީސެވެ. އަދި އެ ހަފްލާގައި އަތޮޅު ރިސޯޓް އެވޯޑް ހާސިލުކުރި ދެ ރިސޯޓުގެ އެވޯޑް ވެސް އެފަރާތްތަކާ ހަވާލުކޮށްދެއްވީ ނައިބު ރައީސެވެ. މި ހަފްލާގައި ރ. އަތޮޅު ކައުންސިލުގެ ފަރާތުން ވަނީ އެމަނިކުފާނަށް ހަނދާނީ ފިލައެއް ވެދުމަަށްއަރުވާފައިވެއެވެ.