ޖަކާޓާ (9 އޮކްޓޯބަރު 2022): އިންޑޮނޭޝިޔާއަށް އާދަޔާ ޚިލާފަށް ވިއްސާރަކޮށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވެރިރަށް ޖަކާޓާގައި ފެންބޮޑުވެ ތިން މީހުން މަރުވެ މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ލިބުނު ގެއްލުންތަކުގެ ތެރޭގައި ކަރަންޓާއި ފޯނުގެ ޚިދުމަތް ކަނޑައިގެން ދިޔުމާއި ގެދޮރު ހަލާކުވުމާއި ގޭގެއާއި އިމާރަތްތަކަށް ފެންވަނުމާއެކު ހިފައިގެންގުޅޭ ތަކެއްޗަށް ގެއްލުންތައް ލިބުމާއި މަގުތައް ހަލާކުވުމާއި އެތަށް ލައްކަ ބަޔެއްގެ ގޮދޮރު ހަލާކުވެ ހާލުގައި ޖެހުން ހިމެނެއެވެ.

އިންޑޮނޭޝިއާގެ މަސްއޫލުވެރިން ވިދާޅުވާގޮތުގައި ޖަކާޓާގައި ފެންބޮޑުވުމުގެ ސަބަބުން އާންމު ދިރިއުޅުންވަނީ ހުއްޓުމަކަށް އައިސްފައެވެ. ސްކޫލްތަކާއި ވިޔަފާރިތަކާއި އޮފީސްތައްވަނީ ބަންދުކޮށްފައެވެ. ޖަކާޓާއަކީ ގާތްގަނޑަކަށް 30 މިލިއަންމީހުން ދިރިއުޅޭ މެގަ ސިޓީއެކެވެ.

ފެންބޮޑުވެގެން މަރުވީ ސްކޫލްތިން ކުދިންކަމަށާއި އެކުދިން މަރުވީ ސްކޫލެއްގެ ފާރެއް ވެއްޓުމުން އެފާރުގެ ދަށުވެގެން ކަމަށް މީޑީއާ ރިޕޯޓްތައް ބުނެއެވެ. ޖަކާޓާގެ ބައެއް ސަރަހައްދުތަކުގައި ހަތަރު ފޫޓަށްވަނީ ފެންބޮޑުވެފައެވެ. އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ ގްރޭޓާ ޖަކާތާ މެޓްރޮޕޮލިޓަން ސަރަޙައްދުގައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ދެހާސް ވިހި ވަނަ އަހަރުވެސް އިންޑޮނޭޝިއާއަށް ބޯކޮށް ވާރޭވެހުމާ ގުޅިގެން ބިންގަނޑު ކަނޑައިގެން ގޮސް، 70 އެއްހާ މީހުން މަރުވިއެވެ. އެދުވަސްވަރު ބައެއް ސަރަޙައްދުތަކުގައި 10 ފޫޓަށް ފެންގަނޑު ބޮޑުވިއެވެ. އިންޑޮނޭޝިޔާއަށް މިހާރު ކުރަމުންދަނީ 2020 ވަނަ އަހަރު ކުރިފަދަ އާދަޔާ ޚިލާފު ވިއްސާރައެއްކަމަށް އެގައުމުގެ މޫސުމާބެހޭ އިދާރާއިން ބުނެއެވެ.