ކްރައިމިއާ (9 އޮކްޓޯބަރު 2022): 1914 ވަނަ ރަޝިއާއިން އެގައުމުގެ ސަރަހައްދަކަށް ހަދާފައިވާ ކްރައިމިޔާ އާއި ރަޝިއާއާ ދެމެދު ކަނޑުމަގުން އަޅާފައިވާ ބުރިޖް އިއްޔެ ގޮއްވާލުމުގެ ސަބަބުން އެބްރިޖަށް ގެއްލުންތަކެއް ލިބިއްޖެއެވެ.

ރަޝިއާ ބުނާގޮތުން ބްރިޖް ގޮއްވާލުމަށް ބޭނުންކޮށްފައިވަނީ ގޮވާތަކެތި އަޅާފައިވާ ލޮރީއެކެވެ. އެލޮރީ ގޮއްވާލުމުގެ ސަބަބުން ބްރިޖްގައި ކާރުތައް ދަތުރުކުރާ ދެލައިނުން އެއްލައިގެން ބައެއް ވަނީ ބިންދައިގެން ގޮސްކަނޑަށް ވެއްޓިފައެވެ. ބްރިޖްގައި ރޭލް ދަތުރުކުރުމަށް ހަދާފައިވާ ބަޔާއި އެނޫންވެސް ކާރުފަދަ އެއްގަމު އުޅަނދުތައް ދަތުރުކުރަން ހަދާފައިވާ ދެލައިނުގެ ތެރެއިން އަނެއް ލައިނަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ރަޝިއާ ބުނެއެވެ.

ނަމަވެސް ބްރިޖްގައި ރޭލް ދަތުރުކުރުމަށް ހަދާފައިވާ ބައިން ތެޔޮ ހިފައިގެން ދަތުރުކުރި ރޭލެއްގައި ވަނީ އަލިފާން ހިފާފައެވެ. އެކަމުގެ ސަބަބުން ރެއިލް ދަތުރުކުރާ ބަޔަށް ގެއްލުމެއް ނުލިބޭކަމަށާއި ބްރިޖްގައި ރެއިލް އަށް ޚާއްސަކޮށްފައިވާ ބައިން ރެއިލް ދަތުރުތައް އިއްޔެ އަލުން ފަށާފައިވާ ކަމަށް ރަޝިއާއިން ބުނެފައިވެއެވެ. ރެއިން ނޫން ވެހިކަލްތައް ދަތުުރުކުރާ ދެލައިންގެ ތެރެއިން ހަލާކު ނުވާ ލައިން މެދުވެރިކޮށް، އެވެހިކަލްތައްވެސް އިއްޔެ ހަވީރުން ފެށިގެން އަލުން ބްރިޖް މަތިން ދަތުރުތައް ފަށާފައިވާކަމަށް ރަޝިއާއިން ބުނެފައިވެއެވެ.

ރަޝިއާގެ ޚާރިޖީ ވުޒާރާއިން ވަނީ މިއީ ޔޫކްރެއިން ގެ ސަރުކާރުން ހިންގި ޓެރަރިޒަމްގެ އަމަލެއްކަމަށް ސިފަކޮށްފައެވެ. ކަޅު ކަނޑުގައި ޔޫކްރެއިންގެ ދެކުނުން އޮންނަ ފެނިންސިއުލާ އެއްކަމަށްވާ ކްރައިމިޔާއަކީ ކުރިން ރަޝިއާގެ ސަރަހައްދެކެވެ. އެތަން ޔޫކްރެއިންގެ ސަރަހައްދަކަށް އިދާރީގޮތުން ހަދާފައިވަނީ 1960 ގެ އަހަރުތަކުގެ ތެރޭގައި ކުރީގެ ސޮވިއެޓް ޔުނިޔަންގެ ވެރިކަމުގައި ޔުކްރެއިންއާއި ރަޝިއާ އިއްތިޙާދީ އެއްގައުމެއްގެ ގޮތުގައި އޮތް ދުވަސްވަރުއެވެ.

ސޮވިއެޓް ޔުނިޔަން ރޫޅި މުސްތަގިއްލު ދެގައުމުގެ ގޮތުގައި ޔޫކްރެއިން އާއި ރަޝިއާ އުފެދުނުތާ ވިއްސަކަށް އަހަރުފަހުން ޔޫކްރެއިން އާއި ރަޝިއާއާ ދެމެދު ޖެހުނު މައްސަލައެއްގައި 2014 ވަނަ އަހަރު ރަޝިއާ ވަނީ އަލުން އެސަރަހައްދު ރަޝިއާގެ ބާރުގެ ދަށަށް ގެނެސްފައެވެ.

އަދި 2014 ވަނަ އަހަރު ކްރައިމިޔާގެ އާންމުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓަކުން އެސަރަހައްދުގެ 80 އިންސައްތައަށްވުރެ ގިނަ ރައްޔިތުން ބޭނުންވަނީ ޔޫކްރެއިން އިން ވަކިވެ ރަޝިއާއާ ގުޅެންކަމަށްވާތީ އެއަހަރު ރަޝިއާ ވަނީ ކްރައިމިޔާއަކީ ރަޝިއާގެ އިއްތިޙާދުގެ ބައެއްގެ ގޮތުގައި ރަސްމީގޮތުން ހަދާފައެވެ. މިކަން ޔޫކްރެއިން ގަބޫލެއް ނުކުރެއެވެ. ކްރައިމިޔާގެ ރައްޔިތުންގެ 80 އިންސައްތައަށްވުރެވެސް ގިނައީ ރަޝިއާ ބަހުން ވަހަކަދައްކާ ރަޝިއާ ދަރިކޮޅުގެ މީހުންނެވެ.

ދެހާސް އަށާރަ ވަނަ އަހަރު ރަޝިއާއިން ވަނީ އެގައުމާއި ކްރައިމިޔާ ސީދާ ގޮތުން ގުޅާލުމަށްޓަކައި އަޒޯފް ކަނޑު ހުރަސްކޮށް 19 ކިލޯމީޓަރުގެ ދިގު އަދި 35 މީޓަރުގެ ފުޅާ ބްރިޖެއް ބިނާކޮށްފައެވެ. މި ބްރިޖް ގޮއްވާލާނެކަމުގެ އިންޒާރު ޔޫކްރެއިން އިން އެތައްފަހަރަކު ވަނީ ދީފައެވެ.

ގޮތްނޭނގޭ ބަޔަކު ގޮވާތަކެތި އަޅާފައިވާ ލޮރީއެއް ގޮއްވާލައިގެން މިބްރިޖްގެ ބައެއް އިއްޔެ ހަލާކުކޮށްލުމުން ޔޫކްރެއިންގެ ރައީސް ވްލަޑިމީރު ޒެލެންސްކީގެ މުސްތަޝާރުވަނީ އެކަމަށް މަރުހަބާ ވިދާޅުވެ އެބްރިޖް ގޮއްވާލުމަކީ ރަޝިއާއިން އަތްގަދަކޮށްފައިވާ ޔޫކްރެއިން ގެ ބިންތައް މިނިވަން ކުރަން ފެށުމުގެ ފުރަތަމަ މަރުހަލާކަމަށް ސިފަކުރައްވާފައެވެ.

ކްރައިމިޔާގެ މަސްއޫލުވެރިން ވިދާޅުވާގޮތުގައި ބްރިޖް ގޮއްވާލީ ޔޫކްރެއިންގެ ސަރުކާރު ފަހަތުގައި އޮވެގެން ޔޫކްރެއިންގެ ހަރުކަށި ޖަމާއަތަކުންނެވެ. އެއީ ޓެރަރިޒަމްގެ އަމަލެއްކަމަށް ކްރައިމިޔާގެ ޕާލަމެންޓްގެ ރައީސްވަނީ ސިފަކުރައްވާފައެވެ. ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިންވަނީ ކްރައިމިޔާގެ ބްރިޖް ގޮއްވާލީ ޙާދިސާ ތަހުގީގު ކުރުމަށްޓަކައި ޚާއްސަ ކޮމިޓީއެއް އެކުލަވާލައްވާފައެވެ.

އެކޮމިޓީން ތަހުގީގުގެ މަސައްކަތް އިއްޔެ ފަށާފައިވާއިރު އެހާދިސާގެ ފަހަތުގައި ޔުކްރެއިން އޮތްކަން ހާމަވެއްޖެނަމަ ޔޫކްރެއިންއަށް ވޭންދެނިވި ހަމަލާތަކެއްދީ ބަދަލުހިފާނެކަމުގެ އިންޒާރު ރަޝިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިޔާ ޒަޚަރޯވާ ވަނީ ދެއްވާފައެވެ.

ރަޝިއާގެ ގޭސް ޔޫރަޕަށް ފޮނުވުމަށް ޓަކައި ބޯލްޓިކް ކަނޑުގެ އަޑިން އަޅާފައިވާ ދެހޮޅި ކަމަށްވާ ނޯޑް ސްޓްރީމް ވަން އާއި ޓޫ ވެސް މީގެ ދިހަވަރަކަށް ދުވަސްކުރިންވަނީ ކަނޑުގެ 80 ވަރަކަށް މީޓަރު އަޑިން ގޮއްވާލާފައެވެ. މިކަމުގެ ފަހަތުގައިވާކަމަށް ރަޝިއާ ތުހުމަތު ކުރަނީ ޔުކްރެއިން ހަނގުރާމައަށް ދަރުއަޅައި އެހަނގުރާމަ ދިގު ދެންމުމަށް މަސައްކަތްކުރާ އެމެރިކާގެ މައްޗަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ތަންކޮޅެއްކުރިންވަނީ ނޯޑް ސްޓްރީމްގެ ހޮޅިތައް މެދުވެރިކޮށް ޔޫރަޕަށް ގޭސް ފޮނުވުމުގެ ފުރުސަތު ރަޝިއާއަށް ނުދޭނެކަމަށް ވިދާޅުވެ އިންޒާރެއް ދެއްވާފައެވެ. ކްރައިމިޔާ އާއި ރަޝިއާއާ ދެމެދު ކަނޑުމަގުން އަޅާފައިވާ ބުރިޖް ގޮއްވާލުމުގެ ސަބަބުން ތިން މީހުން މަރުވިކަމަށް ރަޝިއާ ބުނެފައިވެއެވެ.