ރިފްއަތާ ޒިޔާނާއާއި ދެމީހުން ދިޔުމުން މިޝްޔާ ވެސް އެރީ މައްޗަށެވެ. އޭނާ ގޮސް ކޮޓަރީގެ ދޮރުފަތް ހުޅުވާލާފައި އެތެރެއަށް ވަނުމާއެކު އެކީ ފިޔަވަޅުތައް ހުއްޓުނެވެ.

އޭނާގެ އެނދަށް ބަލަހައްޓައިގެން ފުރަގަސްދީގެން ހުރީ މިޝްޔާގެ ބޮޑުބޭބެއެވެ. ކޮޓަރީގެ ދޮރުފަތް ހުޅުވައިލި އަޑަށް ބޮޑުބޭބެ އެނބުރި ބަލައިލިއެވެ. އެގޮތަށް ބޮޑުބޭބެ އެ ކޮޓަރިތެރެއިން ފެނުމުން މިޝްޔާއަށް ލިބުނީ ޝޮކެކެވެ.

"ކީއްކުރަނީ ތީ؟" މިޝްޔާ އެހެން އަހައިލިއިރު، އެ އަޑުގައި ކަންބޮޑުވުމުގެ އަސަރުތައް ވިއެވެ.

"ކަމެއް ނުކުރަން..." ބޮޑުބޭބެ އެހެން ބުނެލިއިރު އެ ދެލޮލުން ފެނުނީ ބުނެދޭން ނޭގޭ ފަދަ ވިދުވަރެކެވެ.

"ނުކުމޭ މިކޮޓަރިން..." މިޝްޔާ ބުނެލިއެވެ. މިޝްޔާ އެހެން ބުނެލުމާއެކު، ބޮޑުބޭބެ އޭނާގެ ތުންފަތް މައްޗަށް ވެރިކޮށްލީ މަލާމާތުގެ ހިނިތުންވުމެކެވެ.

"ގޭގައި އެކަކުވެސް ނެތެއްނު. އާދެބަލަ އަހަރެން ކައިރިއަށް..." މިޝްޔާއާ ދިމާލަށް ކުރިއަށް ފިޔަވަޅެއް އަޅައިލަމުން ބޮޑުބޭބެ ބުނެލިއެވެ.

"އަހަރެން ކައިރިއަށް އައިސްގެން ނުވާނެ!" އަތް ދިއްކޮށްލަމުން މިޝްޔާ ރުޅިވެރިކަން އަޑަށް ގެންނަން މަސައްކަތް ކުރިއެވެ. ބޮޑުބޭބެގެ ފިޔަވަޅުތައް ހުއްޓުނެވެ.

"ލަދެއްނުގަނޭތަ, އަހަރެން މީ ކާކުކަން ވެސް ނޭނގެނީތަ؟" މިޝްޔާ ރުޅިވެރިކަން އިސްކުރަން މަސައްކަތް ކުރިނަމަވެސް، ރުޅިއަށް ވުރެ ބޮޑަށް އޭނާ ވަނީ ބިރުގަތްފައެެވެ.

"ތީ މިޝްޔާއެއްނު..." ބޮޑުބޭބެ ބުނެލިއެވެ. އޭނާގެ ނަޒަރު މިޝްޔާގެ ތުންފަތަށް ހުއްޓުމާއެކު މިޝްޔާއަށް ބޭއިޚްތިޔާރުގައި އޭނާގެ އަނގަމަތީގައި އަތް އަޅައިލެވުނެވެ. އޭނާ ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. ގޭގައި އެކަކުވެސް ނެތެވެ. މިޝްޔާ އުޅުނީ ފަހަތަށް އެނބުރުމަށްފަހު, ކޮޓަރިން ނުކުންނާށެވެ. ތަޅުގައި އަތް ލެވުނީ ކިރިޔާއެވެ. ބޮޑުބޭބެ އައިސް މިޝްޔާގެ އަތުގައި ހިފާ ތަޅުން އަތް ނައްޓުވައިލިއެވެ. އެއަށްފަހު އޭނާ މިޝްޔާގެ ގައިގައި ވަރަށް ބާރަށް ބައްދައިލިއެވެ. މިޝްޔާގެ ދެލޯ ބޮޑުވުމާއެކު، އޭނާއަށް ހާސްކަން ލިބިގެން ދިޔައެވެ.

"ހާދަ މީރުވަސް ދުވައޭ...
މިޝްޔާގެ ފަން އިސްތަށިގަނޑުން ވަސްބަލައިލަމުން ބޮޑުބޭބެ އެހެން ބުނެލިއެވެ.

"މީހެކޭ. މަންމާ.. މީހެކޭ..." މިޝްޔާ ހަޅޭއްލަވަން ފެށިއެވެ.

" އެއްވެސް މީހަކަށް އަޑެއް ނީވޭނެ. އެންމެން ވީ ބޭރުގަ." ބޮޑުބޭބެ ފަޚުރުވެރިކަމާއެކު ބުނެލިއެވެ.

"އަހަރެން ދޫކޮށްލާ...." މިޝްޔާ ބުނެލިއެވެ.

"ކިހިނެއް އެހާ ފަސޭހައިން ދޫކޮށްލާނީ..." ބޮޑުބޭބެ ބުނެލިއެވެ. މިޝްޔާގެ ހެދުން މައްޗަށް ހިއްލައިލަމުން މިޝްޔާގެ ބަނޑުގައި އަތް ޖައްސައިލަމުން ބޮޑުބޭބެ ބުނެލިއެވެ. މިޝްޔާ ގަދަ ހަދަމުން ދިޔަނަމަވެސް އެކަން އޭނާއަކަށް ކާމިޔާބެއް ނުވިއެވެ. މިޝްޔާ އުނދަގުލުން ބޮޑުބޭބެގެ އަތް ނައްޓައިލަމުން ދުއްވައިގަތް ނަމަވެސް، އޭނާއަށް މިފަހަރުވެސް ކޮޓަރިން ނުކުމެވޭ ގޮތެއް ނުވިއެވެ. ބޮޑުބޭބެ އައިސް އޭނާގެ ގައިގައި ހިަފއްޓައިގެން ގޮސް އެނދުމައްޗަށް މިޝްޔާ ކޮށްޕައިލިއެވެ. ޖެހުނު ގޮތުން ތަދުވެ މިޝްޔާގެ ބޮލަށް ވެސް ހިނދުކޮޅަކަށް އެނބުރުން އަރާގޮތްވިއެވެ. ބޮލުގައި އަތް ޖައްސައިލަމުން އޭނާ އަށް ވޭނީ އާހެއްގެ އަޑު ބޭރުކޮށްލެވުނެވެ. ފުރުސަތުގެ ބޭނުން މިޝްޔާގެ ބޮޑުބޭބެ ހިފިއެވެ. އޭނާ މިޝްޔާ ހައްޔަރުކޮށްލިއެވެ. ގަދަހަދަމުން ދިޔަ މިޝްޔާގެ އާދޭސްތަކާ ރުއިމުގެ އަޑުން އެ ހަރު ހިތަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. މިޝްޔާ ބާރަށް ރޯން ފެށުމާއެކު ބޮޑުބޭބެ މިޝްޔާގެ ކޯތާފަތުގައި ޖެހިއެވެ. އެ އަނިޔާވެރިޔާގެ އަނިޔާގެ ވަކިތަކުގެ ދަށުގައި މިޝްޔާ ހައްޔަރުވެގެން ދިޔައެވެ. މިޝްޔާގެ އިއްފަތް ތެރިކަން ފޭރުމަށްފަހު ބޮޑުބޭބެ ނުކުމެގެން ދިޔައީ މިޝްޔާއަށް އިންޒާރެއް ދީފައެވެ.

"ހަނދާން ކުރާތި! މި ވާހަކަ އިތުރު އެއްވެސް މީހެއް ކައިރީ ބުނެފިއްޔާ މިޝްޔާވެސް، މިޝްޔާގެ މަންމަވެސް ސަލާމަތެއް ނުވާނެ! އެހެން ނޫނަސް މިޝްޔާ، މި ވާހަކަ ބުންޏަސް ގަބޫލުކުރާނެ މީހެއް ނުހުންނާނެ!" ބޮޑުބޭބެ ނުކުމެގެން ދިޔުމާއެކު ބެޑްޝީޓުން ގައި ނިވާކޮށްލުމަށްފަހި އޭގައި ބާރަށް ހިފައްޓާލައިގެން އޮވެ މިޝްޔާ ރޯން ފެށިއެވެ. ކަރުނަތައް ހޯސްލާފައި ފައިބަމުން ދިޔައިރު އޭނާއަށް ހަދާނެ ގޮތެއް ނޭނގުނެވެ. މިޝްޔާގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނުގެ ދެގުނަ އޭނާގެ ހިތުގައި އަޅަމުން ދިޔައެވެ. އެއީ އޭނާ ދުވަހަކުވެސް އުންމީދުކުރިކަމެއް ނޫނެވެ. ދުވަހަކުވެސް ދުށް ދުވަހެއް ނޫނެވެ. އޭނާގެ ޚިޔާލަށް ވެސް ގެނެވިފައިވާކަމެއް ނޫނެވެ. ހިތުގައި އުފެދުނު ގިލަންވެރިކަމުގެ ތެރޭގައި އޭނާގެ ނަފްސުވެސް އޮޔާ ބެހިގެން ދާން ފެށިއެވެ. މުޅި މީހާގެ ހަށިގަނޑުގައި އޭރުވެސް މަޑުމަޑު ތުރުތުރު އެޅުމެއް ވިއެވެ. މިޝްޔާގެ ވޭނީ ގިސްލުމުގެ އަޑު މުޅި ކޮޓަރިތެރޭގައި ގުގުމާލާފައި ވެއެވެ. ބިރުވެރިކަމުގެ ސާލެއް އޭނާގެ މުޅިހަށިގަނޑުގައިވެސް ވަށާލާފައިވާ ފަދައެވެ. މަންމައަށް ގޮވެމުން ދިޔަ ނަމަވެސް އެ އަޑެއް މަންމައަށް ނީވޭނެކަންވެސް މިޝްޔާއށް އެނގެއެވެ. އެ ތޫފާނީ ވިއްސާރަރޭ ބޮޑުބޭބެ އެ ދިޔައީ އޭނާގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެފަދަ ލަކުނެއް އޭނާގެ ހިތާ ހަށިގަނޑުގައި ލައްވާފައެވެ. އުމުރުގެ ބާކީ ބައިގައި ކޮންމެ ދުވަހަކުމެ އެ ހަނދާންތައް އޭނާއާއެކު ވާނެއެވެ. އެއްވެސް ފަނޑުވުމެއް ނެތިއެވެ. އެއީ މުޅި އުމުރަށް އޭނާއަށް ގޯނާ ކުރާނެ ހިތި ހަނދާނެކެވެ.

* * * * *

އެ ހަނދާންތަކުން މިޝްޔާއަށް އުނދަގޫވަމުން ދިޔައެވެ. އޭނާގެ ނޭވާ ފުންވަމުން ދިޔައެވެ. އެއީ ބިރުވެރި ހުވަފެނަކަށް ވާނެ ނަމައޭ މިޝްޔާގެ ހިތަށް އަރަމުން ދިޔައެވެ.

"އެއީ އަހަރެންގެ އިއްފަތް ފޭރުނު މީހަކީ. އަހަންނަށް... އަހަންނަށް މިޙާލު ޖެއްސި މީހަކީ... އިތުރު އެއްވެސް މީހެއް ނޫން. އަހަރެންގެ ބޮޑުބޭބެ..." މިޝްޔާގެ އެވާހަކަތަކުން ނާޒިލްއަށް ވެސް ބުނާނެ އެއްޗެއް ނޭނގިފައި އިނދެވުނެވެ. އިވުނު ވާހަކަތަކުން އޭނާއަށް ވެސް ވަނީ ޝޮކެއް ލިބިފައެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން ކުރާނެ ކަމެއް ވެސް ނާޒިލް އަކަށް ނޭނގުނެވެ. އެރޭ މިޝްޔާއާ ދިމާވީ މިޝްޔާގެ ބޮޑުބޭބެކަމަށްވާއިރު، މިޝްޔާއަށް އެހާ އަނިޔާވެރިވިމީހަކީވެސް އެއީކަން އެނގުމުން ނާޒިލްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މިޝްޔާ ސޯފާއިން ތެދުވެލިއެވެ. ނާޒިލްގެ ކުރިމަތީގައި އެހަޤީގަތް ހާމަކުރުމަށްފަހު އެތަނުގައި ހުންނާކަށް ވެސް މިޝްޔާއަކަށް ނުކެރުނެވެ. މިޝްޔާ ހިނގައިގަތުމާއެކު އޭނާގެ ދެފައިން ވަރުދޫވެ ޓައިލްސްތަކު މަތީގައި އިށީނދެވުނެވެ.

"މިޝްޔާ" ރޮމުން ގިސްލަމުން ދިޔަ މިޝްޔާއަށް ގޮވައިލި ނާޒިލްއަށް އިންތަނުން ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ. ރޮވެމުންދިޔަލެއް ބޮޑުކަމުން މިޝްޔާއަށް ނޭވާލާން ވެސް އުނދަގޫވިއެވެ. ނާޒިލް މަޑުމަޑުން މިޝްޔާގެ ކައިރިއަށް ޖެހިލިއެވެ. އެއަށްފަހު އޭނާ މިޝްޔާއާ އެއްހަމައެއްގައި އެއްކަކޫ ޖައްސާލައިގެން އިށީނދެލިއެވެ. މަޑުމަޑުން މިޝްޔާގެ ތުރުތުރު އަޅަމުން ދިޔަ އަތުގައި ހިފައްޓައިލަމުން މިޝްޔާ ގެނެސް އޭނާގެ މޭގައި ޖައްސައިލިއެވެ. މީހެއްގެ އެހީތެރިކަން އިންތިހާ ބޭނުންވެފައި އިން މިޝްޔާވެސް ނާޒިލް ދުރުކޮށްލާކަށް މަސައްކަތެއް ނުކުރެއެވެ. ނާޒިލްގެ މޭގައި މޫނު ފޮރުވައިލުމަށްފަހު މިޝްޔާ ބާރަށް ރޮމުން ދިޔައެވެ. މިޝްޔާ ރޯނެ ވަރަކަށް ރޯލަން ދެން އޭނާ ހުއްޓުވަން ނޫޅި ނާޒިލް ވެސް އިރުކޮޅަކު މަޑުކޮށްލިއެވެ. އޭނާ މިޝްޔާގެ އިސްތަށިގަނޑުގައި މަޑުމަޑުން ފިރުމައިލަ ފިރުމައިލާ އިނެވެ.

"މިހާރު މާގިނައިން ރޮވިއްޖެ. ދެން ހުއްޓައިލާ..." ނާޒިލް މިޝްޔާ ކުޑަކޮށް ދުރުކޮށްލުމަށްފަހު މިޝްޔާގެ ދެ ކޯތާފަތުގައި ހިފައްޓައިލަމުން މަޑުމަޑުން ބުނެލިއެވެ. މިޝްޔާގެ ދެލޯ ވަނީ ދުޅަވެ ރަވްވެފައެވެ. ދެ ކޯތާފަތުގެ އިތުރުން ނޭފަތް މަތި ވެސް ވަނީ ރަތްވެފައެވެ. މިޝްޔާގެ ދެލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެލަމުން ނުރުއިމަށް ނާޒިލް އެދުނެވެ. އެ އަޑުގައިވެސް ވަނީ އިންތިހާ ވޭނެވެ. ބުނެދޭން ނޭގޭ ޖަޒުބާތުތަކެއް އޭނާގެ ހިތުގައި އުފެދެމުން ދިޔައެވެ. އެހިތަށް އުނދަގޫ ކުރުވަމުންދާ ހަޤީގަތެއްގެ ސަބަބުން އެހިތަށް އިތުރު ނުތަނަވަސްކަމެއް ލިބިގެން ދިޔައެވެ. ނާޒިލްއަށް އިސްޖަހައިލެވުނެވެ. އެހެންނަމަވެސް އެ ހަޤީގަތް އޭނާ ހިއްސާކުރާނީ ވެސް ކާކާ ހެއްޔެވެ؟ މިޝްޔާގެ އެ ދެލޮލުގައިވަނީ އިންތިހާ ވޭނާއި ކެކުޅުމެވެ. ނާޒިލް އޭނާއާ ނަޒަރުވަކިކޮށްލުމުން މިޝްޔާ މަޑުމަޑުން ނާޒިލްއާ ދުރުވެލިއެވެ.

"އައި އެމް ސޮރީ..." މިޝްޔާ މާފަށް އެދުނެވެ.

"މިޝްޔާ މާފަށް އެދެނީ ކީއްވެތަ؟ އަހަރެން މާފަށް އެދެން ޖެހޭނީ..." ނާޒިލް ބުނެލިއެވެ. މިޝްޔާއަށް ނާޒިލް އެހެން ބުނަން ޖެހުނު ސަބަބެއް ފަހުމެއް ނުވިއެވެ. މިޝްޔާ އަށް އޭރުވެސް ގިސްލެވެމުން ދިޔައެވެ.

"ޕްލީޒް. ހުއްޓާލަލަބަ!" އިސްޖަހައިގެން އެއިން ގޮތަށް އިނދެ ނާޒިލް ބުނެލިއެވެ.

(ނުނިމޭ)