1- 2013 ގެ ރިއާސީ އިންތިހާބަށް ޑރ. ވަހީދު؟

ދެހާސް ތޭރަ ވަނަ އަހަރު ފަހުކޮޅު ބާއްވާ ރިއާސީ އިންތިހާބުގައި މިހާރުގެ ރައީސް ޑރ. ވަހީދު ވާދަ ކުރައްވާނެބާއެވެ؟ އެކަމާ ބެހޭގޮތުން އެމަނިކުފާނު އަދި އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ އިއްތިހާދުގެ ބައެއް ބޭފުޅުން މީޑިއާ މެދުވެރިކޮށް ވިދާޅުވެފައިވާ ގޮތުގައި 2013 އާއި ހަމައަށް ޤައުމު އަމާން ކަމުގެ އައްސޭރިއަކަށް ގެންގޮސްދެއްވުމަށްފަހު ޑރ. ވަހީދު ރައީސް ކަމަށް އިތުރަށް ކުރިމަތި ނުލައްވާނެއެވެ.

2- އެމްޑީޕީގައި ރައީސް ނަޝީދުގެ ހައިސިއްޔަތަކީ ކޮބާ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ 2013 ގެ ރިއާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވައި އެމްޑީޕީއަށް އެ އިންތިހާބް ކާމިޔާބު ކޮށްދެއްވާނެ ކަމަށެވެ. ރައީސްކަމުން އިސްތިއުފާދެއްވުމަށްފަހު އެމަނިކުފާނު ބޭނުންފުޅުގޮތަކަށް މޮޑުއްވާނެ ފުއްގަނޑެއްހެން އެމްޑީޕީ މޮޑުއްވަމުން ގެންދަވާއިރު އެޕާރޓީގައި އެމަނިކުފާނުގެ ރަސްމީ ހައިސިއްޔަތަކީ ކޮބައިބާއެވެ؟ ނަޝީދަކީ ޕާޓީގެ ރައީސެއްނޫނެވެ. ނައިބުރައީސެއް ވެސް ނޫނެވެ. ޗެއަރޕާސަންއެއް ވެސް ނޫނެވެ. އަދި ޕާޓީގެ މެންބަރުންގެ ވޯޓަކުން ނަޝީދުއަށް ޕާޓީގެ ރިއާސީ ކެންޑިޑޭޓުކަން ވެސް އަދިއެއް ނާރުވައެވެ. ނަޝީދަކީ އެމްޑީޕީގެ އާއްމު މެންބަރެކެވެ. ޕާޓީގެ އެއްވެސް ރަސްމީ ހައިސިއްޔަތެއް ނެތް ބޭފުޅަކު އިސްވެ ހުންނަވައިގެން މާރިޔާ އާއި ރީކޯ މޫސާ ގެ އެދުމަށް ޕާޓީގެ ކުރިމަގު ވެއްޔާ މޮޑެލައި، ޕާޓީ ފުނޑު ފުނޑު ކޮށްލާއިރު ޕާޓީގެ ރައީސް ޑރ. ޑީޑީ ހުންނެވީ އައްސިވެވަޑައިގެންފަތޯ ސުވާލު އުފެދެއެވެ!

3- 2013 ގެ އިންތިހާބުގައި ރައީސް ނަޝީދަށް ވާދަކުރެއްވޭނެބާ؟

ރައީސް މައުމޫނުގެ ވެރިކަމުގެ ދުވަސްވަރު ވެލާނާގެއިން ނަޝީދު ވައްކަން ކުރެއްވި ކަމަށް ޝަރުއީ ގޮތުން ސާބިތުވުމުން ޝަރުއީ ހުކުމެއް އައިސްފައި ވިޔަސް 2008 ގެ ރިއާސީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވޭނެކަމަށް އެއިރުގެ އިންތިޤާލީ ސްޕްރިމް ކޯޓުން ހުކުމް ކުރެއްވުމުން ނަޝީދު ވަނީ 2008 ގައި ވާދަކުރައްވައި ރިއާސީ އިންތިހާބު ކާމިޔާބު ކުރައްވާފައެވެ. 2013 ގެ އިންތިހާބުގެ ކުރިން ވައްކަމުގެ މައްސަލަ އަނެއްކާ ވެސް ސްޕްރިމް ކޯޓަށް ވައްދާނެކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ. އެހެން ވެއްޖެނަމަ މިހާރުގެ ދާއިމީ ސްޕްރިމް ކޯޓުން އެމައްސަލަ އެހެން ގޮތަކަށް ނިންމަވައި، ނަޝީދަށް ރިއާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭ ގޮތަށް ހުކުމް ކުރެއްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ހަމަ އެއާއިއެކު ޤާނޫނު އަސާސީ ގެ ބާރު ކަނޑުވާލުމުގެ ދައުވާ ފަދަ ދައުވާއެއް ނަޝީދުގެ މައްޗަށް އައު ސަރުކާރުން އުފުލައިފިނަމަ ޝަރުއީ ކޯޓުން ރައީސް ނަޝީދުގެ މައްޗަށް އެކަން ސާބިތުވެއްޖެނަމަވެސް އެމަނިކުފާނަށް 2013 ގެ އިންތިހާބުގައި ވާދަ ނުކުރެއްވޭނެއެވެ. ދެންވާނީ ކިހިނަކުންބާއެވެ؟

4- މޫސާ ޖަލީލް، އިބްރާހިމް ދީދީ، ފަސީހް އަދި ކުރީގެ މިނިސްޓަރުން ކަމުގައިވާ އަފީފް އާއި ތޮލްހަތު އަށްވާނީ ކިހިނަކުން؟

ރައީސް ނަޝީދުގެ މައްޗަށް އެފަދަ ދައުވާއެއް އުފުލައިގެން، ޤާނޫނު އަސާސީ ގެ ބާރު ކަނޑުވާލުމުގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވެއްޖެނަމަ، ކުރީގެ ހޯމް މިނިސްޓަރ އަފީފް އާއި ކުރީގެ ޑިފެންސް މިނިސްޓަރ ތޮލްހަތު އާއި ކުރީގެ އެމްއެންޑީއެފް ޗީފް މޫސާ ޖަލީލު އާއި، އޮފިސަރ އިބްރާހިމް ދީދީ އާއި ކުރީގެ ޕޮލިސް ކަމިޝަނަރ ފަސީހުގެ މައްޗަށްވެސް އެފަދަ ދައުވާއެއް އުފުލުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމަށް ވާނަމަ އެފަސް ބޭފުޅުންނާމެދު ކަންތައްވާނީ ކިހިނަކުންބާއެވެ؟

5- މިހާރު ގުޅިފައިވާ ޕާޓީތަކުން 2013 ގައި ހަދާނީ ކިހިނެއްބާ؟

ރައީސް ޑރ. ވަހީދުގެ ސަރުކާރާއި އިއްތިޙާދުވެފައިވާ ޕާޓީތައް 2013 ގެ ރިއާސީ އިންތިހާބުގައި ކޮންމެ ޕާޓީއަކުން ވަކި ކެންޑިޑޭޓަކު ނެރޭނެބާއެވެ. ޖުމްހޫރީ ޕާޓީގެ ރިއާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެޕާޓީން މިހާރުވަނީ އަލްފާޟިލް ޤާސިމް އިބްރާހިމް ގެ ނަން އިއުލާނުކުރައްވާފައެވެ. ޖުމްހޫރީ ޕާޓީ އާއި ދާދިފަހުން ގުޅިވަޑައިގަތް އަބްދުﷲ ޖާބިރުގެ ބަސްމަގަށް ބަލާއިރު އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ގާސިމްގެ ރިއާސީ ނައިބަކަށް (ރަނިންގ މޭޓަކަށް) ދިޔާނާ ހަމަޖެއްސެވުމަކީ އެކަށީގެންވާ ކަމެކެވެ.

ޑީއާރުޕީ އަށް ބަލާއިރު ރިއާސީ ކެންޑިޑޭޓަކަށް ވާނޭކަމަށް ބެލެވެނީ ތަސްމީނެވެ. އަދާލަތު ޕާޓީން ކުރިން ބުނެފައިވަނީ 2013 ގައި އެޕާޓީގެ ވަކި ރިއާސީ ކެންޑިޑޭޓަކު ނެރޭނެކަމަށެވެ. އެގޮތުން އަދާލަތުގެ ހަރަކާތްތައް ދިރާސާ ކުރާއިރު ލަފާކުރެވެނީ އަދާލަތުގެ ރިއާސީ ކެންޑިޑޭޓަކަށް ވާނީ މިހާރުގެ އިސްލާމިކް މިނިސްޓަރ ޝަހީމް ކަމަށެވެ.

ގައުމީ އިއްތިހާދު ޕާޓީ އަކީ ކުޑަ ޕާޓީއަކަށް ވުމުން އެހެން ޕާޓީއަކާ ނުގުޅި ވަކި ކެންޑިޑޭޓަކު ފަހަރުގައި ނުނެރެފާނެއެވެ. ނަމަވެސް އަންނަ ރިއާސީ އިންތިހާބާ ހަމައަށް ރައީސް ޑރ. ވަހީދުއަށް ރައްޔިތުން އުފާވާފަދަ ވެރިކަމެއް ކުރެވިއްޖެނަމަ، އަދި ގައުމުގެ އިގްތިސާދީ އަދި އިޖްތިމާއީ ހާލަތު ރަނގަޅު ކުރެވިއްޖެނަމަ އެމަނިކުފާނު ރިއާސީ އާ ދައުރަކަށް ކުރިމަތި ލެއްވުމަށް ތާއިދުކުރާނެ ރައްޔިތުން ތަކެއް ވެސް ތިބޭނެކަން ޔަގީނެވެ. އެފަދަ ހާލަތެއްގައި ޑރ. ވަހީދާއި، ޑރ. ހަސަން ސައީދު ގުޅިވަޑައިގެން ވާދަކުރެއްވުމަކީ ވެސް ދުރުކަމެއްނޫނެވެ.

ހަމައެފަދައިން ޑީއާރުޕީ އާއި ގައުމީ ޕާޓީ އިއްތިހާދުވެގެން ޑރ. ހަސަންގެ ރަނިންގ މޭޓަކަށް ތަސްމީން ވާދަކުރެއްވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އިލެކްޝަން ކޮމިޝަންގެ ރަޖިސްޓްރީއިން އަދި އެކަން ފެންނަން ނެތަސް މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ދެޕާޓީއަކީ އެމްޑީޕީ އާއި ޕީޕީއެމް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެއެވެ. އެހެން ކަމުން 2013 ގެ އިންތިހާބުގައި ގިނަ ބަޔަކު މިހާރު ބަލަންތިބީ މިދެޕާޓީގެ ރިއާސީ ކެންޑިޑޭޓުންނަށް ވާނެބަޔެކެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހަށާއި، އެމްޑީޕީ ގެ އެތެރޭގެ ޕޮލިޓިކްސް އަށް، ބަލާއިރު އަޅުގަނޑަށް ލަފާކުރެވެނީ 2013 ގެ ރިޔާސީ އިންތިހާބުގައި މުހައްމަދު ނަޝީދު (އަންނި) ވާދަ ނުކުރައްވާނެ ކަމަށެވެ. އެއީ ޕާޓީގެ އެތެރެއިން ކުރިމަތިވާ ހުރަހެއްގެ ސަބަބުން ވިއަސް، ނުވަތަ ޝަރުއީ ގޮތުން ކުރިމަތިވާ ހުރަހެއްގެ ސަބަބުން ވިއަސް އެވެ. ނަޝިދު އާއި ނުލައި އެމްޑީޕީ ގެ ކުރިމަގު ގުޅިފައިވާކަމަށް ލަފާކުރެވެނީ ކުރީގެ ހައުސިންގ މިނިސްޓަރ އަސްލަމް ފަދަ ބޭފުޅުންނާއެވެ. އެމްޑީޕީ ތެރޭގައި ތައުލީމީ، ހަރުދަނާ، ގާބިލް ލީޑަރުން ބައިވަރު އެބަތިއްބެވެ. ނަމަވެސް ރައީސް ނަޝީދު އާއި އޭނާ އަށް ސަޕޯޓުކުރާ އެކްޓިވިސްޓުންގެ ނުފޫޒު ޕާޓީ ތެރޭގައި ގަދަކަމުން މިދެންނެވިފަދަ ލީޑަރުންނަށް އެމްޑީޕީ ކުރިއަރުވަން އިސްނެގެން އަދި ނެތީ ކަމަށް ގަބޫލުކުރެވެއެވެ.

ޕީޕީއެމް އަށް ބަލާއިރު އެޕާޓިގެ އެންމެ އިސްލީޑަރުންގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް މައުމޫނާއި، މައުމޫނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީނާއި، އުމަރު ނަސީރު ފަދަ ބޭފުޅުންނެވެ. ސުވާލަކީ މައުމޫނު އަނެއްކާވެސް ރައީސްކަމަށް ވާދަ ކުރައްވަފާނެތޯއެވެ؟ މައުމޫނު އަމިއްލަ ފުޅަށް ވާދަކުރެއްވުމަށް ވުރެން ބޮޑަށް ޕީޕީއެމް ގެ ކުރިމަގަށް ފައިދާކުރާނީ އެޕާޓީގެ ރޫހީ ލީޑަރުގެ ގޮތުގައި މައުމޫން ހުންނަވާފައި އެހެން ކެންޑިޑޭޓަކު ނެރުމުން ކަމަށް ބައެއް ފަރާތްތަކުން ސުވާލު ކުރެއެވެ.

ޕީޕީއެމް ގެ ރިއާސީ ކެންޑިޓޭޓެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކޭގޮތުގައި، އެންމެ ރަނގަޅީ އަބްދުﷲ ޔާމީނެވެ. ނަމަވެސް އަބްދުﷲ ޔާމީނަކީ ރަނގަޅު ލީޑަރަކަށްވިޔަސް ޕީޕީއެމް އާއި އެކުގައި ނިކުންނަވައި، 2013 ގެ ރިއާސީ އިންތިހާބު ޔާމީނަށް ކާމިޔާބު ކުރައްވަން ދަތިވާނެ ކަމަށް ބައެއްފަރާތްތަކުން ދެކެއެވެ. ހަމަ އެފަދައިން ޔާމީނުގެ ރަނިންގ މޭޓަކަށް އުމަރު ނަސީރު ހަމަޖައްސަވައިގެން ޕީޕީއެމް ގެ ފަރާތުން އެދެބޭފުޅުން ނިކުތުމަކީވެސް ދުރުކަމެއް ނޫނެވެ.

ކޮންމެއަކަސް ޔަގީންވާ އެއްކަމަކީ 2013 ގެ އިންތިހާބުގައި އެއްވެސް ފަރާތަކަށް ފުރަތަމަ ބުރުން ކާމިޔާބު ނުލިބޭނެ ކަމެވެ. އިންތިހާބު ކާމިޔާބު ކުރައްވާނެ ފަރާތެއް ކަނޑައެޅޭނީ، އިންތިހާބުގެ ދެވަނަ ބުރުގައި ޕާޓީތައް އިއްތިހާދުވާ ގޮތެއްގެ މައްޗަށެވެ. އިންތިހާބުގެ ފުރަތަމަ ބުރުން އެމްޑީޕީ ކަޓައިފިނަމަ މިހާރު އިއްތިހާދުވެފައިވާ ޕާޓީތައް ދެވަނަ ބުރުގައި ދެބައިވެގެން ދާނެއެވެ. އެފަދަ ހާލަތެއްގައި އިންތިހާބުގެ ވާދަވެރިކަން ވަރަށް ބޮޑުވެގެން ދާނެއެވެ.