27 Jul 2010, 15:12
19:00
ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން އަންނަ ބުރާސްފަތު ދުވަހުގެ ނިޔަލަށް ހުޅުވާލައިފި އެވެ.
ސިވިލް ސަރވިސް ކޮމިޝަން ނުވަތަ ސީއެސްސީގެ މެމްބަރުކަމަށް ފަސް ބޭފުޅަކު އައްޔަންކުރުމަށްޓަކައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ނަން ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އާދީއްތަ ދުވަހު އިއުލާންކޮށްފައި މިވަނީ، އެ ކޮމިޝަނަށް މެމްބަރުން އައްޔަންކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާ ބާރު ހަނިވާ ގޮތަށް އޮތް ކަމަށް ބުނާ ސިވިލް ސަރވިސް ޤާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރެއްވާފައި ވަނިކޮށެވެ.
ސިވިލް ސަރވިސްގެ ޤާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރެއްވީ، އެ ބިލު ތަސްދީގު ނުކުރައްވާ ދެވަނަ ވިސްނެވުމަކަށް މަޖިލީހަށް އަނބުރާ ފޮނުވާލެއްވުމުން، މަޖިލީހުގެ ޖުމްލަ އަޣުލަބިއްޔަތަށްވުރެ ވެސް ބޮޑު އަދަދަކުން އެ ބިލު ފާސްކުރުމާ ގުޅިގެންނެވެ.
ޤާނޫނު އަސާސީގައިވާ ގޮތުގައި، ރައީސް ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް ފޮނުއްވާ ބިލެއް، މަޖިލީހުގެ ޖުމްލަ އަޣުލަބިއްޔަތުކަމުގައިވާ 39 މެމްބަރުންގެ ވޯޓުން އަލުން ފާސްވެއްޖެނަމަ، އެ ބިލެއް ރައީސް ތަސްދީގުކޮށް ގެޒެޓުގައި ޝާއިއުކުރަންޖެހޭނެ ކަމަށެވެ.
މިދިޔަ ބުދަ ދުވަހު ރައީސް ތަސްދީގުކުރެއްވި ސީއެސްސީގެ ޤާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލުގައިވާ ގޮތުގައި، ސީއެސްސީއަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާނީ މަޖިލީހުގެ އިދާރާއިންނެވެ. އަދި ހުށަހެޅޭ ނަންތައް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު އެކަމާ ގުޅޭ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން، މަޖިލީހުގައި ހާޒިވެތިއްބެވި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވާ މެމްބަރުން ނުވަތަ މެމްބަރަކު ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނަށް އައްޔަންކުރައްވަންޖެހޭނެ އެވެ.
އެހެންނަމަވެސް، މީގެ ކުރިން ސީއެސްސީގެ މެމްބަރުކަމަށް އައްޔަންކުރުމަށް މަޖިލީހަށް ނަންތައް ފޮނުއްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްވާ މެމްބަރުން ކޮމިޝަނަށް ރައީސް އައްޔަންކުރައްވަނީ އެވެ. ނަމަވެސް، ސިވިލް ސަރވިސްގެ ޤާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހުގެ ސަބަބުން ރައީސްގެ ކިބައިން އެ ބާރު ވަނީ އުނިވެގެން ގޮސްފަ އެވެ.
މިދިޔަ މަހުގެ ކުރީކޮޅު ރައީސް އޮފީހުން ފުރުސަތު ހުޅުވާލުމުން 21 ފަރާތަކުން ވެސް ވަނީ ސީއެސްސީގެ މެމްބަރުކަމަށް ކުރިމަތިލައިފަ އެވެ.