03 Mar 2010, 11:55
14:30
ސިޔާސީ ވާދަވެރިކަމެއްގެ ތެރޭގައި ރަށަށް ގެއްލުންވާ ބާވަތުގެ ކަންކަން ނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، ނ. މަނަދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ހުރިހާ ފަރާތްތައް މަޝްވަރާ ކުރައްވައިގެން ކަންކަން ރަނގަޅު މަގަކަށް ގެންގޮސް ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި އެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރައްޔިތުން ނޭދޭ ގޮތަކަށް، އެހެން އަތަކަށް ކަންތައްތައް ގެންދަވަން ބޭނުންފުޅުނުވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ތަޢްލީމަށް ދެއްވަމުން ގެންދަވާ ޚާއްޞަ ސަމާލުކަމުގެ މައްޗަށާއި، ތަޢްލީމީ ނިޒާމު ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށާއި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް ބައްލަވާލެއްވި އެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ސްކޫލުތަކުގެ ބޯޑުތައް އެކުލަވާލައްވައި، ބޯޑުތަކަށް ސްކޫލް ހިންގުމުގެ ވަރަށް ބޮޑު ބާރެއް މިހާރު ދެއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދަރިންނަށް ކިޔަވައިނުދީ ލިބޭނެ އެއްވެސް ތަރައްޤީއެއް ނޯންނާނެ ކަމަށާއި، ކުދިންގެ ނަތީޖާ ރަނގަޅު ނުކުރެވެނީ ޚަރަދު ނުކުރާތީ ނޫން ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދަތުރުފަތުރުގެ ނިޒާމުން ނ. އަތޮޅުގެ ރަށްތައް ގުޅާލުމުގެ މަސައްކަތް ގޮސްފައިވާ މިންވަރުގެ މައްޗަށާއި، ބޯހިޔާވަހިކަން ފޯރުއްވައިދެއްވުމަށް ކުރައްވާ މަސައްކަތްތައް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބުގެ މައްޗަށްވެސް ބައްލަވާލެއްވި އެވެ. އަދި ރަށްރަށުގެ އިންޖީނުގެތައް ޔުޓިލިޓީޒް ކުންފުނިތަކުން ހިންގަން ފެށުމުން ލިބޭނެ ފައިދާތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވި އެވެ.
ރައީސުލްޖުމްހޫރިއްޔާ މަނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު، އެމަނިކުފާނު އަރިހުގައި ސުވާލު ދެންނެވުމުގެ ފުރުޞަތު ރައްޔިތުންނަށް ހުޅުއްވާލެއްވި އެވެ. އަދި ރައްޔިތުން ދެންނެވި ސުވާލުތަކަށް ރައީސް ޖަވާބު ދެއްވައި، ރައްޔިތުން އެދޭ ކަންތައްތައް ކުރިއަށް ގޮސްފައިވާ ގޮތުގެ މަޢްލޫމާތު ދެއްވި އެވެ.