11 Oct 2022, 08:10
އަހަރެން ބަލިވެއުޅޭ ކަން އެނގުމުން، މަންމަމެން ވަގުތުން އައެވެ. ޔާނިޝް ރަނގަޅުކަމުން ތައުރީފުކޮށް ހެދިއެވެ. އަހަރެން އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. މަންމަމެން ގެއަށް ދާން ބޭރަށް ނުކުތުމުން، އަހަރެންވެސް ދިޔައީމެވެ. ގެއިން ބޭރަށް އަޅައިލި ފުރަތަމަ ފިޔަވަޅާއިއެކު، އަހަރެންގެ ހަތަރެސްފަޔަށް ފިނިވެގެން ދިޔައެވެ. ފިހާރަ ދޮރުމަތީގައި ހުރި މުސްކުޅި މީހާގެ ނަޒަރު ހުއްޓިފައިވީ ސީދާ އަހަންނަށެވެ. އަހަންނަށް ހީވީ، އޭނާގެ ޖުމްލަތައް ކަންފަތް ކައިރީގައި ގުގުމައިލި ހެންނެވެ.
********
މަންމަމެން ތިބި ކާރު ލޯކުރިމަތިން އޮބާލަންދެން އަހަރެން ދޮރާށި ކައިރީގައި ހުރީމެވެ. އެ ހުރިހާއިރު ވީއިރުވެސް އެމީހާގެ ނަޒަރު އަހަންނަށް ހުއްޓިފައިވާކަން އެނގުނެވެ. އެތެރެއަށް ވަންނަން އުޅެފައިވެސް އަހަރެންގެ ޚިޔާލު ބަދަލުވިއެވެ. އޭނާ އަހަންނަށް ބަލަންޖެހޭ ސަބަބު ހޯދަން ބޭނުންވިއެވެ. އަހަރެން ފިހާރަ އާއި ދިމާއަށް ހިނގައިގަތުމުން، އޭނާ ފާޑަކަށް ހިނިއައިސްފައި ހުރެ، އެތެރެއަށް ވަނެވެ.
"އަހަންނަށް އެނގޭ އަންނާނެކަން..." އަހަރެން ދޮރު ހުޅުވައިލުމާއިއެކު، އޭނާ ބުނި އަޑު އިވުނެވެ.
އަޑު އައީ ކައުންޓަރާއި ދިމާއިންނެވެ. އެތެރެއަށް ވަންއިރު، ކައުންޓަރު ކައިރީގައި ހުރި ގޮނޑީގައި އޭނާ އިނީ ދުފާށެވެ. އަހަރެން ފެނުމުން، ފޯއްތަބައް ދިއްކޮށްލިއެވެ.
"ބޭބޭ... ބޭބެ ތިކުރަނީ އެހާ ރަނގަޅު ކަމެއް ނޫން..." ކައުންޓަރުގެ ކައިރިއަށް ގޮސް، އޭނާ އާއި ހަތަރުކަޅި ހަމަކުރަމުން، އަހަރެން ބުނީމެވެ.
އެމީހާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. އަހަރެން އެފަދަ ގޮތަކަށް ވާހަކަ ދައްކަފާނެކަމަށް އޭނާ އުއްމީދު ނުކުރާ ކަހަލައެވެ. ތަބައް ކައުންޓަރުގެ މަތީގައި ބަހައްޓާފައި، އޭނާ ގޮނޑިން ތެދުވިއެވެ.
"އަހަރެން ކުރިންވެސް ބުނީމެއްނު ތި ތަނުން ސަލާމަތްވާށޭ... ތިކަހަލަ ކިތަންމެ ކަމެއް ދިމާވާނެ ތިތާ އުޅެންޏާ..." އަހަރެންގެ އަތަށް އިޝާރާތްކޮށްލަމުން އޭނާ ބުނެލިއެވެ.
"އަޅުގަނޑުގެ ކަންތަކާ ވިސްނާނީ އަޅުގަނޑު... ބޭބެ ނުވިސްނިޔަސް ރަނގަޅުވާނެ..." ކިތަންމެ ރުޅި އައިސްފައި ހުރި ނަމަވެސް، އަހަރެން މަސައްކަތްކުރީ އެކަން ނުދައްކާށެވެ.
"ނުފެނޭތަ ގައިގަ ފޮޅުތަކެއް ނަގާފަ ހުއްޓާ؟..." އެމީހާ ނުރައްކާތެރި ނަޒަރަކުން އަހަރެންގެ ދެލޮލަށް ބަލައިލިއެވެ.
"އޭނ؟..." އަހަރެން ސިހޭގޮތްވީ، ހަމައެކަނި އަހަންނަށް އެނގޭ ކަމެއް އޭނާ އެހާ ޔަގީންކަމާއިއެކީ ބުނުމުންނެވެ.
"އެއީ ސިހުރު..." އަޑަށް ބާރުލަމުން އޭނާ ބުނެލިއެވެ. "އެ އެއްޗެހި އެހެން މީހަކަށް ނުފެންނާނެ... އޭނަޔަށް ސިހުރު ހެދިހެން އެމީހުން ތިކުއްޖާގެ ދުވަސްވެސް ދުއްވާލާނެ..."
ލިބުނު ސިހުމުގައި އަހަރެން ހުރީ އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައެވެ. އަހަންނަށް ފެނުނީ ހުވަފެނެއް ނޫނެވެ. ހަގީގަތެއްވެސް ނޫނެވެ. އޭނާ ބުނިހެން، އެއީ ސިހުރު ހެއްޔެވެ؟ އެކަމަކު، އަހަންނަށް ސިހުރު ޖެހުނީ ކޮންއިރަކު ހެއްޔެވެ؟ ޔާނިޝްގެ އާއިލާއިން އަހަންނަށް ސިހުރު ހަދަންވީ ކީއްވެ ހެއްޔެވެ؟ ކައިވެންޏަށް އެދުނީވެސް އެމީހުންނެވެ. އެންމެންވެސް އަހަންނަށް ނުލާހިކު ރަނގަޅެވެ. ރައުފާ ފިޔަވައެވެ. އަނެއްކާ އަހަރެންގެ ދުޝްމަނަކީ ރައުފާ ހެއްޔެވެ؟
ފަސްފަހަތަށް ޖެހެމުން ގޮސް ފިހާރައިން ނުކުމެވުނުގޮތްވެސް ނޭނގުނެވެ. ހުރެވުނީ މަގުމަތީގައި ކަން އެނގުނީ، ދާދި ކައިރިން ދުއްވާ އެއްޗެއްގެ ބަރުގޮނުގެ އަޑު އިވުމުންނެވެ. ކައިރީގައި ޕިކަޕެއް އޮތެވެ. އަހަރެންގެ ގައިގައި އެ ޕިކަޕުން ނުޖެހި ސަލާމަތްވީ ހަމަ ކިރިޔާއެވެ. ކޮންމެވެސް މީހަކު އަހަރެންގެ ގައިގައި ހިފަހައްޓައިލިއެވެ. އަހަރެން ހުރީ އެމީހެއްގެ މޫނަށް ބަލައިލާނެ ހިތްވަރުވެސް ނެތިފައެވެ.
"މަގުމައްޗަށް ނުކުންނައިރު ބަލާލަނީއެއް ނޫނޭ... އެކްސިޑެންޓްވީމަ ބުނާނެ ދުއްވާ އެއްޗަކުން ޖައްސައިފިއޭ..." ޕިކަޕުގައި އިން މީހާ ހަޅޭއްލަވައިގަތެވެ.
"ވަރަށް ބޮޑަށް މާފަށް އެދެން..." އިވުނީ ޔާނިޝްގެ އަޑެވެ. އަހަރެން ހުރީ އިސްއުފުލައިލަންވެސް ނުކެރިފައެވެ.
ޔާނިޝް އަހަރެން ގޮވައިގެން ގޮސް ވަނީ ކޮޓަރިއަށެވެ. އަހަރެން ހުރީ ހިތުގައި ޖެހިފައެވެ. އަމިއްލަ ނަފުސާއިމެދު އޮތް ޔަގީންކަން ކުޑަވިއެވެ. ހިނގައިދިޔަ ހާދިސާގެ ސަބަބުން ކަމެއް ނޫނީ މުސްކުޅިމީހާގެ ޖުމްލަތަކުން ކަމެއް ނޭނގުނެވެ. ހިފަހައްޓައިގެން ހުރި ކަރުނަތައް ހޯސްލާފައި ފައިބައިގަތީ އިހުތިޔާރެއް ނެތިއެވެ. އެ ކަރުނަތައް ޔާނިޝްއަށް ފޮރުވާކަށްވެސް ހަނދާނެއް ނުވިއެވެ.
"ތަނަކަށް ތަދުވީތަ؟..." އޯގާތެރި ރާގަކަށް ޔާނިޝް އަހައިލިއެވެ.
އަހަރެން އެނދުގައި އިށީނުމުން، ޔާނިޝް އައިސް ކައިރީގައި އިށީނެވެ. ކުޑައިރުކޮޅަކު އެއްޗެއް ނުބުނެ އަހަރެންގެ މޫނަށް ބަލަން އިނެވެ.
މައާފަށް އެދިފައި، ޔާނިޝް ދެން ކުރީ އަހަރެން ކުޑަކޮށްވެސް އުއްމީދުކޮށްގެން އިން ކަމެއް ނޫނެވެ. އަހަރެން އަޅައިގެން އިން ބުރުގާ ނަގައި ސޯފާގެ މައްޗަށް ހޫރައިލިއެވެ. އެއަށްފަހު، އަހަރެންގެ ކަރާއި، ކަނދުރާގައި އަތް ހިންގަން ފެށިއެވެ. ސަލާމަތުން އޮތް އަތުން ޔާނިޝް ހުއްޓުވަން މަސައްކަތްކުރި ނަމަވެސް، އޭނާގެ ހަރަކާތްތައް އަވަހެވެ. ހަމަ އެހާ އަވަހަށް އަހަރެންގެ އަތާއި، ފައިގައިވެސް އަތް ހިންގައިލިއެވެ.
"ސޮރީ..." އަހަރެންގެ ބުރުގާ ގެނެސް، އަޅުވައިދީފައި ޔާނިޝް އަނެއްކާވެސް މައާފަށް އެދުނެވެ.
އަހަރެން އެއްޗެއް ބުނުމުގެ ކުރިން، ހަލުވި ފިޔަވަޅުތަކެއްގައި އޭނާ ކޮޓަރިން ނުކުމެގެން ދިޔައެވެ. އަހަރެން ވިސްނާ ވިސްނާވެސް ޔާނިޝް އެފަދަ ކަމެއް ކުރީ ކީއްވެ ކަމެއް ނޭނގުނެވެ.
********
ގެއަށް ދިޔަގޮތަށް، މަންމަ ގުޅުމުން އަހަރެން ހައިރާންވިއެވެ. އެހާ އަވަހަށް މަންމަ ގުޅާނީ ކޮންމެވެސް މުހިއްމު ވާހަކައެއް ދައްކަން ކަން އެނގުނެވެ.
"ދަރިފުޅު މިހާރު ނަމާދު ކުރަންތަ؟... ހެނދުނާ ހަވީރުގެ ޒިކުރުތައް ކޮންމެ ދުވަހަކުވެސް ކިޔަންދޯ؟... މީހަކު ނުބުންޏަސް، ގިނައިން ޤުރުޢާން ކިޔަވާތި... ހުރިހާ ބައްޔަކަށްވެސް އެވަރުގެ އެހެން ޝިފާއެއް ނޯންނާނެ... މަންމަ ފޮނުވާނަން ދުއާއެއް... މީގެ ފަހުން ކޮންމެ ދުވަހަކު އެ ދުއާ ކިޔަންވާނެ... ފާހާނާއަށް ވަންނައިރުއާ ނުކުންނަ އިރުވެސް ދުއާ ކިޔާތި..." މަންމަގެ އަޑުގައި ކަންބޮޑުވުމުގެ އަސަރު ވިއެވެ.
ދަރިންގެ ހާލު އެންމެ ރަނގަޅަށް އެނގޭނެ ބަޔަކީ މައިންނޭ ބުނާތީ އަޑު އަހަމެވެ. މަންމަގެ ޖުމްލަތަކުން، އެގުޅުމުގެ މަތިވެރިކަން އިހުސާސްކުރެވި، މާ ބޮޑަށް ހިތުގައި ޖެހޭގޮތްވިއެވެ.
"މަންމާ!..." އަހަރެންގެ އަޑު ކުރެހޭގޮތްވިއެވެ.
"ދަރިފުޅާ... މިއަދު ފެނުނު މަންޒަރަކުން މަންމަގެ ހިތް ނުތަނަވަސްވާވަރުން މިއުޅެނީ... އެ ފިހާރައިގަ އުޅޭ މީހާ ފެންނަ ހިސާބަށް ނުދައްޗޭ.. ގޮތްނޭނގޭ މީހުން ދޭ އެއްޗެހި ނުކާތި..." މަންމަ އަބަދުމެ ދޭ ނަސޭހަތް ތަކުރާރު ކުރިއެވެ.
ކުރިން އެ ނަސޭހަތްތައް އަޑުއަހަން ފޫހިވި ނަމަވެސް، މިއަދު އެއީ ކިހާ މުހިއްމު ކަމެއްކަން އަހަންނަށް އިހުސާސް ކުރެވިއްޖެއެވެ. އެ ނަސޭހަތްތަކުން، ހިތަށް ތަސައްލީވެސް ލިބުނެވެ. އޭރު އެފަދަ ކަމެއް ދިމާވެދާނެކަމަށް ކުޑަކޮށްވެސް ވިސްނާލެވިފައެއް ނެތެވެ. އެކަމަކު، މަންމަމެން ދިޔައީ ދުރާލައި ހުރިހާ ކަމަކަށް އަހަރެންގެ ސިކުނޑި ތައްޔާރުކުރުމަށް އެމީހުންނަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކުރަމުންނެވެ. މައިންބަފައިން ދަރިންނަށް ދެރަވާގޮތަކަށް ނަސޭހަތެއް ނުދޭނެއެވެ. ކުރިން އަހަންނަށް ވިސްނުނުނަމައެވެ. އެފަދަ ކަންކަމަށް ތައްޔާރުވެވުނުނަމައެވެ.
މަންމަގެ ފޯނު ނިމުމާއިއެކު، އަހަރެން ދިޔައީ ފިޒާ ހޯދާށެވެ. ފިހާރައިގައި އިންނަ މީހާ އާއި ބެހޭގޮތުން ފިޒާއަށް ކޮންމެވެސް އެއްޗެއް އެނގޭނެކަން އަހަންނަށް ޔަގީނެވެ. ލަވަ ޖަހާލައިގެން ފިޒާ އޮތީ އެނދުގައެވެ. އަހަރެން ފެނުމުން، ލަވަ ނިވާލާފައި ތެދުވެގެން އައެވެ.
"ތިއްތަ ކަމެއް ބޭނުންވީތަ؟.." ފިޒާ އައިސް އަހަރެންގެ އަތުގައި ހިފައިލިއެވެ.
"ނޫން... މިއައީ ފިޒާ ކޮބައިތޯ ބަލާލަން..." އަހަރެން ބުނީމެވެ.
"އަޅެ، ބަލިކޮށް އުޅޭއިރު، ކީއްކުރަން ތި އައީ... ތިއްތަ ގުޅާލިނަމަ، އޭރުން ފިޒާ ދާނަން މައްޗަށް..." ފިޒާ ޝަކުވާކުރިއެވެ. "ދެން އައީމަ، އާދޭ އިށީންނަން..."
ދުރުދުރުން އެކި ވާހަކަ ދައްކަމުން ގޮސް ފިހާރައިގައި އިންނަ މީހާގެ ވާހަކަ ފެށީމެވެ. ފިޒާގެ ހިނިތުންވުން ގެއްލުނެވެ. މޫނުމަތިން ފެނުނީ ނުތަނަވަސްކަމެވެ. އަހަރެން އެތައް ވަރަކުން އަހައިގެން ފިޒާއަށް އެނގޭ މިންވަރަށް ކިޔައިދިނެވެ.
"އެއީ ސިހުރު ހަދާ މީހެއް... ތިއްތައަށްވެސް އެނގެއެއްނު ބަޔަކު އުފަލުގަ އުޅެންޏާ، އެކަހަލަ މީހުންގެ ލޮލަށް ނިދި ނާންނާނެކަން..." ފިޒާ ބުނެލިއެވެ.
"މިގޭ މީހަކަށް އޭނަ ސިހުރު ހެދީތަ؟..." އަހަރެން އަހައިލީމެވެ.
"ހިދައްތައަށް..." ނުބުނަން އުޅެފައިވެސް، ފިޒާ ބުނެލިއެވެ.
"އޭނ؟..." އަހަރެން ބިރުގަންނަގޮތް ވިއެވެ.
"ހިދައްތަ ބުނަނީ ގައިގަ ފޮޅުތަކެއް ނަގަނީއޭ... އެކަމު އެއްވެސް މީހަކަށް ނުފެނޭ... އެންމެފަހުން ތިއްތި ރުގުޔާކުރާ މީހަކަށް ދެއްކީ... ހިދައްތައަށް ހުވަފެނުގަ ފެނުނީޔޯ އޭނަ ސިހުރު ހަދަނިކޮށް... ދެން ފިޒާއަކަށް ނޭނގެ، މުޅި ގައިން ހީބިހިނަގާ..." ފިޒާ ކިޔައިދިނެވެ.
އަހަރެން އިނީ ނޭވާލާންވެސް ހަނދާންނެތިފައެވެ. އަހަންނަށްވެސް ވީ އެފަދަ ގޮތެކެވެ. އަނެއްކާވެސް ހަނދާނަށް އައީ ފިހާރައިގައި އިން މީހާ ދެއްކި ވާހަކަތަކެވެ. ޔާނިޝް އަހަރެންގެ ކަރާއި، ކަނދުރާ ބެލީ، އެފަދަ ކަމަކަށް ޝައްކު ކުރެވިގެން ހެއްޔެވެ؟ ހުރިހާ ކަމަކަށްފަހު، އަހަރެން ދެން އިތުބާރު ކުރަންވީ ކާކަށް ހެއްޔެވެ؟ އެކި މީހުންގެ ވާހަކަ ދިމައެއް ނުވެއެވެ. އެމީހާ ބުނާގޮތުން ސިހުރު ހަދަނީ ޔާނިޝްގެ އާއިލާ އިންނެވެ. ޔާނިޝްގެ އާއިލާއިން ތުހުމަތުގެ އިނގިލި ދިއްކުރަނީ އެމީހާއަށެވެ.
ފިޒާ ބުނިހެން ފިހާރައިގައި އިންނަ މީހާ ހިދާޔާއަށް ސިހުރު ހަދަންވީ ކީއްވެ ހެއްޔެވެ؟ ފިޒާ މައުސޫމެވެ. އެފަދަ ކަމެއް ނޭނގިދާނެއެވެ. އެކަމަކު، އެގޭގައި ދެން ތިބި މީހުންނަށް އަހަރެންގެ ކުޑަވެސް އިތުބާރެއް ނެތެވެ. ހާއްސަކޮށް ރައުފާއަށެވެ. ޝައްކަކީ މީހާގެ ހަލާކުކަން އެނގޭތީ، އެކަކަށްވެސް ޝައްކުގެ ނަޒަރުން ބަލާކަށް އަހަރެން ބޭނުމެއް ނޫނެވެ.
"އެހެންވެ ތިއްތަ ކައިރީ ބުނީ އެތަނަށް ނުވަންނަން... އޯހް... ކްރީޕީ... ހިތަށް އެރިޔަސް ފިޒާ ބިރުގަނޭ..." ފިޒާ ތެދުވެ، ދެކޮޅަށް ހިނގަން ފެށިއެވެ.
*********
ތިން ހަފްތާ ވީއިރު، އަހަރެންގެ އަތް ރަނގަޅުވެއްޖެއެވެ. ކުރިންވީ ކަހަލަ އެއްވެސް އުނދަގުލެއް އިހުސާސެއް ނުކުރެވެއެވެ. އަހަރެން މަޑުމަޑުން ހަމައަކަށް އެޅުނެވެ. ހިތުގައި އުފެދުނު ބިރުވެރިކަން ފިލައިގެން ދިޔައެވެ. އަހަންނަށް ހުރިހާ ހަމަޖެހުމެއް ލިބުނީ، އަޅުކަމާއި ގާތްވެވުނު ވަރުންނެވެ. މަންމަގެ ނަސޭހަތް އަބަދުމެ ލިބިލިބި ހުރުން އެއީ އަހަންނަށް ލެއްވި އެންމެ ބޮޑު އެއް ރަހުމަތެވެ. ހެޔޮމަގުން ކައްސާލައިގެން ނުގޮސް އަހަންނަށް އަޅުކަމުގެ މަތީގައި ދެމިހުރެވުނީ، ހަމަ ޔަގީނުންވެސް މަންމަގެ ހުއްޓުމެއް ނެތް ނަސޭހަތުގެ ސަބަބުންނެވެ. އެކަމަށްޓަކައި، ކޮންމެ ދުވަހަކު މާތްﷲއަށް ހަމްދު ކުރެވެއެވެ.
އަހަރެންގެ އަތުގައި އަޅާފައި އޮތް ޕްލާސްޓަރުގަނޑު ނެގުމާއިއެކު، ޔާނިޝް އޭނާގެ ކުރީގެ ދިރިއުޅުމަށް އެނބުރި ދިޔައެވެ. ގެއިން ބޭރުގައި ހޭދަކުރާ ވަގުތު އިތުރުވިއެވެ. އަހަންނަށް އެކަންވީ ވޭނަކަށެވެ. ޔާނިޝްގެ އެހީތެރިކަން ލިބިލިބި، އަހަރެން ހުރީ އެކަމަށް އާދަވެފައެވެ. ހިތާއިހިތުން ޝަކުވާ ކުރެވުނެވެ.
މޫސުން ގޯސް ރެއެކެވެ. ހަވީރު ވަންދެން ބޯކޮށް ވާރޭ ވެހިފައި ހުއްޓައިލިގޮތަށް، ދެން ފެށީ ގުގުރާ، ވިދާށެވެ. ޖަހައިލާ ގުގުރީގެ އަޑުން މުޅި ތަން ގުޑައިގެންދާވަރު ވެއެވެ.
އަހަރެން ފެންވަރައިގެން ނުކުތްތަނައި، ކުއްލިއަކަށް ކަރަންޓް ކެނޑުނެވެ. ވިދާލި ވިދުވަރުގެ އަލިން މުޅި ތަން ދިއްލައިލިއެވެ. ގުގުރީގެ އަޑު އިވުމުގެ ކުރިން، މުޅި ކޮޓަރީގައި ގުގުމައިލީ އަހަރެންގެ ތޫލި ހަޅޭކުގެ އަޑެވެ. ދެފަޔަށް ލެވުނުހާ ބާރެއް ލާފައި ދުއްވައިގަނެވުނު ހަނދާންވިއެވެ. އެވަގުތު ކޮންމެވެސް މީހަކު ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އެމީހަކު ހިފައިގެން ހުރި އުއްބައްތީގެ އަލި މޫނަށް އެޅިފައި ހުރިގޮތުން ސިފަވީ ބިރުވެރި އެއްޗެއް ގޮތަށެވެ. އަހަރެން ކުރިއަށްވުރެ ބާރަށް ހަޅޭއްލަވައިގަތީމެވެ. އެއާއިއެކު އެމީހަކުވެސް ހަޅޭއްލަވައިގަތް އަޑު އިވުނެވެ. ދެން ވީގޮތެއް ނޭނގުނެވެ.
ހޭ އެރިއިރު، އަހަރެން އޮތީ އެނދުގައެވެ. ކޮޓަރީގެ އެކި ހިސާބުތަކުގައި އުއްބައްތި ދިއްލާފައި ހުއްޓެވެ. އޭރު އައީ ޔާނިޝް ކަން އެނގުމުން ބޮލުގައި އަތުން ޖަހައިލެވުނެވެ.
އެނދުގެ ހެޑްބޯޑުގައި ލެނގިލިގޮތަށް ޔާނިޝްއަށް އިނީ ނިދިފައެވެ. އުއްބައްތީގެ ފަނޑު އަލިކަމުގައި ޔާނިޝްގެ މޫނު ފެންނަލެއް ހިތްގައިމެވެ. ވަރުބަލިކަން ފެންނަމުންދިޔަ މޫނުން، އުފާވެރިކަމުގެ އެއްވެސް އަސަރެއް ނުފެނެއެވެ. އަހަރެން ބަލަން އޮއްވައި ޔާނިޝް ލޯ ހުޅުވައިލިއެވެ. އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. ވައްކަން ކުރަނިކޮށް ހަމަ ޔަގީނުންވެސް ފަޅާ އަރައިފިއެވެ. ނޫންކަމަށް ހަދާފައި ފޯނު ނަގައިގެން ކުޅޭ ކަމަށް ހެދުނީމެވެ. ފޯނުގެ ޕާސްވޯޑު ޖަހަން އުޅެއުޅެ، އެކަމެއް ނުވިއެވެ.
"ވަން ޓޫ ތްރީ ފޯ..." ޔާނިޝް ބުނި އަޑު އިވުނެވެ.
"އޭނ؟..." ޔާނިޝް ބުނި އެއްޗެއް ނޭނގިގެން އަހައިލެވުނެވެ.
"ފޯނުގެ ޕާސްވޯޑު..." ފޯނަށް އިޝާރާތް ކުރަމުން ޔާނިޝް ބުނެލިއެވެ.
ހިފައިގެން އިނދެވުނީ ޔާނިޝްގެ ފޯނު ކަން އެނގުމާއިއެކު، ފޯނުން އަތް ދޫކޮށްލެވުނު ގޮތްވެސް ނޭނގުނެވެ. އެއްކަމުން ސަލާމަތްވާން ކުރެވުނު މޮޔަ ކަމެކެވެ. ޔާނިޝް ހީކުރާނީވެސް ކީކޭ ހެއްޔެވެ؟ ޔަގީނުންވެސް އަހަރެންގެ މޮޔަކަމާއިމެދު އޭނާ މަލާމާތް ކުރާނެއެވެ.
"މީހަކު ޖަހާ ކަހަލަ ޕާސްވޯޑެއްތަ؟..." އަހަރެން ނޫންކަމަށް ހަދައިލަމުން ގޮސް އަވަހަށް ކޮޓަރިން ނުކުތީމެވެ. އޭރު އަހަރެންގެ ހިނިގަނޑު ފަޅައިގެން ނުގޮސް ހުރީ ކިރިޔާއެވެ.
********
އަހަރެން އެދިއެދި ހުރި ފުރުސަތު ފަހިވީ ހީކުރި ވަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްގެންނެވެ. ހިދާޔާގެ އާއިލާ ބޭރަށް ގޮސް، އެނބުރި ރާއްޖެއަށް ބަދަލުވިކަން އެނގުމުން، އަހަރެން ނިންމީ އެ ގެއަށް ދާށެވެ. ގޭގެ ބެލް ޖަހައިލުމުން ދޮރު ހުޅުވީ މުސްކުޅި ފުރައިގެ އަންހެނެކެވެ.
"ކީއްކުރާ ކުއްޖެއް؟..." އަހަރެން ފެނުމުން، އޭނާ ސުވާލުކުރިއެވެ.
"ހިދާޔާގެ މަންމަތޯ؟..." އަހަރެން އަހައިލީމެވެ.
އަންހެންމީހާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.
(ނުނިމޭ)