މިދިޔަ މާޗު މަހު މޯލްޑިވްސް އިންލެންޑް އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 648.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ އޮތޯރިޓީން އާންމު ކުރި މިދިޔަ މަހުގެ ހިސާބުތަކުން ދައްކައިފި އެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ތިސްމަސްދުވަހު މީރާ އަށް ލިބުނު 946.9 މިލިއަން ރުފިޔާއަށް ވުރެ، މި އަހަރުގެ ތިން މަސްދުވަހަށް ލިބުނު ފައިސާ ވަނީ 113.9 ޕަސެންޓު އިތުރުވެފަ އެވެ. މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީ ވަނީ 33.2 މިލިއަން ޑޮލަރަށް އަރާފަ އެވެ. ޑޮލަރުން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރިގެ މި މުދަތާ އަޅާ ބަލާއިރު 19.8 ޕަސެންޓަށް އިތުރުވެފަ އެވެ.

މި އަހަރުގެ ފެބުރުއަރީ މަހު މީރާއަށް 653 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ މިމަހު ލިބުނު 648.7 މިލިއަން ރުފިޔާއަށްވުރެ ވުރެ ހަތަރު މިލިއަނެއްހާ ރުފިޔާ މަދު އަދަދެކެވެ.

މިދިޔަ މަހު މީރާއަށް އެންމެ ގިނައިން އާމްދަނީ ލިބިފައި ވަނީ ޓޫރިޒަމް ގުޑްސް އެންޑް ސާވިސް ޓެކްސް (ޓީޖީއެސްޓީ)ންނެވެ. އާމްދަނީގެ 28.4 ޕަސެންޓް ޓީޖީއެސްޓީން ހިއްސާކުރާއިރު އެ ސެކްޓާއިން މީރާއަށްވަނީ 184.4 މިލިއަން ރުފިޔާ ލިބިފަ އެވެ. އަދި ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކޮށްގެން ދައުލަތަށް ވަނީ 23 މިލިއަން ރުފިޔާ ލިބިފަ އެވެ. އަދި ޓޫރިޒަމް ޓެކްސްގެ ގޮތުގައި 76.2 މިލިއަން ރުފިޔާވެސް ވަނީ ލިބިފަ އެވެ. ރަށްރަށުގެ ބިމުކުލީގެ ގޮތުގައި 196.1 މިލިއަން ރުފިޔާ މީރާއަށް ލިބިފައިވާއިރު އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ މަހު ލިބުނީ 27.2 މިލިއަން ރުފިޔާ އެވެ.

ފޮރިން ޑިޕޮސިޓްގެ ގޮތުގައި މީރާއިން މިދިޔަ މަހު ވަނީ 8119030ރ. ނަގާފަ އެވެ.

މިއަހަރުގެ މިހާތަނަށް މީރާ މެދުވެރިކޮށް ދައުލަތަށް ވަނީ ދެ ބިލިއަން ރުފިޔާ ލިބިފަ އެވެ.