14 Oct 2022, 10:55
"މާޒީގައި ކުރެވިފައިވާހާ ފާފައެއް ފޮހެވޭނީ އިޚުލާސްތެރިކަމާއެކު ތައުބާވުމުންނެވެ. އަދި ދަމު ނަމާދުގައި ޖަހައިލާ ސަޖިދައަކުން ނޫނީ ކުރާ ދުޢާއަކުން ނޫނީ ކަރުނަ ތިއްކަކުން ތިމާގެ ހަޔާތް އެއްކޮށް ބާއްޖަވެރިވެގެން ހިނގައިދާނެއެވެ."
***
ރޯޒަލީއާއި ޖިޔާދުއާއި ދެމެދު ދެކެވުނު ވާހަކަތައް އެކެއްގެ ކަންފަތަށް ފޯރަމުން އައިސް އެންމެނަށް ހަގީގަތް އެނގި ނިމުނުއިރު އެންމެ ބޮޑު އުފަލެއްލިބުނީ ހަޒަލްއަށެވެ. ކައިދަންއާއި ވަކިވާން ޖެހިދާނެކަމުގެ ބިރު ހަޒަލްގެ ހިތް ޒަޚަމްކޮށްފައިވަނިކޮށް އުފަލުން ދެވަރަ ލިބުނުހެން ހީވިއެވެ.
"ރަވާން ކޮބާ؟" ކައިދަންއަށް އަހައިލެވުނެވެ.
"ބައްޕަ ބުނުއްވީ އޭނައާއި ބައްދަލުކުރަން ނޫޅެށޭ.."
"ކީއްވެ އެހެން ބުނީ؟" ކައިދަންގެ މޫނުން ނުތަނަވަސްކަން ފެނުނެވެ.
"މީހުން މަރާމީހަކީތަ؟ ގޭއި މީހެއްތަ؟ ނޫނީ ޑްރަގް މީހަކީތަ؟ ސިހުރުވެރިއަކީތަ ނޫނީ މުސްލިމަކަށް ނުވަނީތަ؟" ހަޒަލްވެސް އެތައް ސުވާލެއް އެއްފަހަރާ ކޮށްލިއެވެ. ނަމަވެސް އެއީ މުޅިންވެސް ހުސް ސުވާލުތަކެވެ. ޖަވާބެއްދޭނެ ފަރާތެއްނުވެއެވެ. ކައިދަންގެ ހިތުގައި އޭނަގެ ބައްދަލުނުވާ ބޭބެ ނުވަތަ ކޮއްކޮއަށްޓަކާ ވިންދެއް ޖަހައިލިއެވެ. ނޭގިނަމަވެސް ހިތް ފުރުނީ ކުލުނާއި ހަމްދަރުދީއިންނެވެ. ކޮންމެފަދަ މީހަކަށްވިޔަސް އަބަދު ކުރެވެމުން އައީ ހެޔޮ ދުޢާއެވެ. ރަވާންކަމުގައި ދެކެމުން އައީވެސް ޖިންނިއެކެވެ. ބަދަލުހިފުމުގެ ރޫހުގައި ހުރި ޖިންނިއަކަށްވެ ނުރުހެވޭ ކަންތައް ކުރަމުން އައިއިރު ކައިދަން ރުޅިވެސް އައެވެ. ފޫހިވިއެވެ. އެކަމަކު ދިން އިންޒާރާއި ބިރުވެރިކަމުން އޭނައަށް ހިމޭންވުން ނޫންގޮތެއް ނެތީއެވެ. ހަގީގަތުގެ ފަރުދާ އުފުލުމުންވެސް ހިތަށް ހަމަޖެހުމެއް ނުލިބުނެވެ.
***
ރޯޒަލީއާއި ހިލްމާ ގެ މަންޒިލަކަށްވީ އަލަށް ހަދާފައިވާ ސަހަރާއެވެ. ހެނދުނުގެ ހިތްފަސޭހަ ވަގުތުކަމުން ފިނި އަތްވެއް ދީފައިވިއެވެ. ބޯގަސްތައް ހެދިފައިވާ މަގާއި ހަމައިން ހިޔާ އެޅި އިތުރަށް ފިނިވާގޮތްވިއެވެ. ހިލްމާވެސް މިއަދު ހުރީ ކަޅުކުލައިގެ ހަރުވާޅު ހެދުމެއްގައެވެ. ދޯޕައްޓާއިން ބޯ ނިވާކޮށްފައެވެ. ތުންފަތުގައި ލިޕްބާމްކޮޅެއް ހާކާލުން ފިޔަވާ އިތުރު މޭކަޕެއްނެތެވެ.
"އަންހެނުން ގަބުރުސްތާނަށް ވަނުމާއި ބެހޭގޮތުން ހަދީސްއެއް އޮވޭ....."
"ދީނާއި ބެހޭގޮތުން އަހަރެމެންނަށް ވަރަށް ކުޑަކޮށް އެނގެނީ ދޯ. ޖާހިލުކަންމަތީގައި މިހެން ތިބެ މަރުވެގެން ގޮއްސިއްޔާ ކިހިނެއްވާނީ..."ހިލްމާވެސް ހާސްވިއެވެ.
"ހިލްމާ ތިހިރީ ކިޔަވައިގެން. މިޒަމާނުގައި ނޭގެއޭ ބުނެގެން ސަލާމަތެއްނުވާނެ. އިލްމު ހޯދަންޖެހޭނެ. އެނގެންވާނީ..ހިލްމާ އިނގިރޭސި ކިޔަވައިގެން ހުރީމަ ގޫގުލްއިންވެސް ހޯދޭނެއްނު...ހަޒަލްމެން ކިޔާ ރަގަޅު ސައިޓްތައް ހުންނަކަމަށް. އަހަންނަށް ކުޑަކޮށް ވާހަކަދައްކަން އެނގުނަސް އިނގިރޭސިން ލިޔެފައި ހުންނަ އެއްޗެހި ކިޔާކަށް ފަސޭހައެއްނޫން...." ރޯޒަލީ ބުނެލިއެވެ."ހިލްމާއަަށް އެނގޭތަ؟ ހިލްމާގެ މަންމައަށް ބޭނުންވަނީ ހެޔޮ ދުޢާކުރާނެ ސޯލިހު ދަރިއެއް. ޚާތޫނު އެހާ ހެޔޮ މަންމައަކަށްވީއިރުވެސް ދަރިން މޮޅެތިވެގެން ބޭރުތަންތަނުން ވަޒީފާ ލިބުނީމަ މަންމަ ނިކަމެތިކޮށް އެއްލާލާފައި އުފަލުގައި ދިރިއުޅެން އެދިޔައީ. މަންމަ ވީ ގުރުބާނީ ހަނދާންނައްތާވެސް ލަނީ. އެ ފަކީރު ހިނިތުންވެލައިގެން ހުއްޓަސް ހާދަ ހިތާމަކުރާނެއޭ. އަހަރެންވެސް ދަރިން ޑޮކްޓަރުންނަށް ހަދަން ފައި ވިއްދައިގެން ހުރީ، މިހާރު ހިތަށް އަރަނީ ކުދިން ކޮންމެވެސް ދުވަހަކުން ބޭރު ގައުމުތަކުން ވަޒީފާ ހޯދައިގެން ނުދާނެބާވައޭ. މަންމައަކީ ދުނިޔޭގެ ކާމިޔާބުގެ ދޮރު އަދި ސުވަރުގެއަށް ވަނުމުގެވެސް ދޮރު އެހެންވެ މަންމައަށް ހެޔޮކޮށް ހިތަން ދީންގައި އަންގަވާފައިވަނީ....."
ހިލްމާއަށް ރޮވުނެވެ.
"މާފުކުރޭ ހިލްމާ. ދެރަކުރަން ގަސްތުގައެއްނޫން މި ވާހަކަދެއްކީ.."ރޯޒަލީ ކަންބޮޑުވިއެވެ.
"ރޯޒް. މިހާރު ވަގުތު ފާއިތުވެއްޖެ. ކުރިންވެސް ހަނދާންކޮށްދިންނަމަ. މުސްކުޅި މަންމަ އެއްލާލާފައި އަހަރެމެން އުފަލުގައި އުދުހުނީ....." ހިލްމާ ކޯތާފަތްފޮހެލިއެވެ."މިހާރު އެދެނީ ޖަންނަތުން މަންމައާއި ބައްދަލުވުން. މަހުޝަރު ދުވަހުން މާފަށް އެދުން...."
"ﷲއަށް ތައުބާވެ ދުޢާކުރޭ ހިލްމާ..."
ހިލްމާއާއި ރޯޒަލީ ހުއްޓުނީ ތިރިކޮށް ރާނާފައިވާ ފާރުގެ ކައިރީގައެވެ. އެތަނުގެ އެންމެ ގާތަށް ހުރި މަހާނައަކީ ޚާތޫނުގެ މަހާނައެވެ. ރޯޒަލީވެސް ފެންކަޅިވިއެވެ. މިއީ އެންމެނަށްވެސް އޮތް ދުވަހެކެވެ. ހިމޭންކަމާއެކު އަބަދަށްޓަކާ ނިދާލުމުގެ ޖަގަހައެވެ. ކޮންމެ ވަގުތެއްގައިވެސް މަރުގެ މަލާއިކަތާ އިންޒާރަކާއި ނުލައި ވަޑައިގެންފާނެއެވެ. ދެމީހުން ހިމޭންކަމާއެކު ބަސްހުއްޓި އަމިއްލަ ޚިޔާލުގައި އިރުގަނޑެއްވާންދެން ތިއްބެވެ.
"މަންމާ. އަހަންނަށް މާފުކުރޭ. މިއަދު ދުޢާކުރަނީ މަންމައާއެކު ޖަންނަތުގައި ލެއްވުން............."
***
ކައިދަން އޭނަގެ މަންމައަށް ޚާތޫންއާއި ސޫފީ ގޮނޑުދޮށުގައި ނަގާފައިވާ ފޮޓޯތަކާއި އެންމެ ފަހު ވަގުތު އަސާގައި ހިފަހައްޓާލައިގެން ހިނިތުންވެގެން ހުރި ފޮޓޯދެއްކިއެވެ. ހިކިކަމާއި ޟައީފުކަމާއިއެކުވެސް އެ ވިދުންގަދަ ލޮލުން ފެނުނީ އުފާވެރިކަމެވެ.
"މަންމަގެ ދަރިފުޅު ހާދަ ރަގަޅޭ. މަންމައަށް އަދާނުކުރެވުނު ވާޖިބު ދަރިފުޅު އަދާކޮށްދީފިން..މަންމަ ފަޚުރުވެރިވޭ...." ހިލްމާ ކައިދަންގެ ނިތްކުރިއަށް ބޮސްދިނެވެ." މާމަގެ ފަހު ދުވަސްތައް ދަރިފުޅުގެ ސަބަބުން އިތުރަށް އުފާވެރިކޮށްދީފި...މަންމަ މި ފޮޓޯތަކުން ހާދަ އުފަލުން މިހިރީ..."
ކައިދަންގެ ލޯ ތެމުނެވެ.
***
ޝޭޚު ހަމްޒާގެ ފަހަތުން ޝަހާދަތް ކިޔުމަށްފަހު ޚަލީސީއަށް އުފަލުންގޮސް ރޮވުނެވެ. ހައިސަމް މަޑުމަޑުން ޚަލީސީ ގެނެސް މޭގައި ޖައްސައިލިއެވެ. ރޯޒަލީގެ ލޮލަށްވެސް ކަރުނަ އައެވެ." މަންމަ ވެރީ ހެޕީ ޑޭ...ﷲ ބްލެސިން ޔޫ. މަންމަ ބޮނޑިބަތް ސަދަގާތްކުރާނަން......."
"ތެންކިއު މަންމާ..." ޚަލީސީ ހިނިތުންވެލިއެވެ.
"ހީ އޯލްވޭސް ގުޑް..." ހިލްމާ ގާތު ރޯޒަލީ މަޑުމަޑުން ބުނެލިއެވެ. ރޯޒަލީ އިނގިރޭސިބަހުން ވާހަކަދައްކަން ކުރާ މަސައްކަތަށް ހިލްމާގެ ހިތް ތައުރީފުކުރިއެވެ. އޭނަގެ އެކުވެރިޔާ ރޯޒަލީގެ ހިތްވަރާއި ކުރިއަށްދާން ކުރާ މަސައްކަތަށް ތައުރީފު ހައްގެވެ. އުފާވެރިކަމަށް ޝުކުރުވެރިވެ ހިތާމަތަކަށް ކެތްކުރަންވެސް ރޯޒަލީ ދަސްކޮށްފިއެވެ. ރޯޒަލީއަށް ނުބައިކޮށް އެއްޗެއް ބުނެވޭހިނދު ކުށް ރަގަޅުކޮށްދޭން ހިލްމާ އިސްކަންދެއެވެ. ހިތްވަރާއެކު މަސައްކަތްކުރުމަކީ ކާމިޔާބުގެ އެއް ސިފައެވެ.
***
ފިޔާތޮށި އަދި ވައިލެޓްކުލައެއް އެކުލެވުނު އުދަރެސް ފަހުން ނިމުމެއްނެތް ގަދަ ނޫކުލައެއްގައި ފެންނާން އޮތްއިރު ހަނދުފަޅިއެއް ފަލަކުގައި ހުދު ބައްތިއެއްހެން ފާޅުވެފައިވިއެވެ. ޖިޔާދު އޭނަގެ ފަންޑިތަ ފޮތްތަކާއި ސާމާނުތައް އެއްކޮށްލައިގެން ހުރެ މަސައްކަތްކުރަމުން ދިޔައީ ގެއަށް ގަދަކޮށްލައިގެން އުޅޭ ޖިންނިންގެ ފަރާތުން ގެ ސަލާމަތްކުރުމަށެވެ.
"ރޯޒްވެސް ގެއަށް ވަދޭ.މިއީ ފަސޭހަކަމެއްނޫން.."
"ޖިޔާދުއަށް އެކަނި ވާނެތަ؟"
"މަގޭ ދަރިންނަށްޓަކާ މިކަން ކުރުން މަޖުބޫރު..އަހަރެންގެ ފުރާނަ ގުރުބާންކޮށްލައިގެންވެސް މިކަން ނިމުމަކަށް ގެންނާނަން."
"ގުރޭޝާ...."
"އޭނަ މަރުވެއްޖެ....." ޖިޔާދު ދިން ޚަބަރަކުން ރޯޒަލީގެ ހިތް ރޫރޫ އަޅައިގެން ދިޔައެވެ. ޖިޔާދު މިހުރިހާ ދުވަހު ހިމޭނުން ހުރީ ގުރޭޝާގެ ހައްގުގައެވެ. ލޯބިވާ ފަރާތް ދުނިޔެއާއި ވަކިވެގެން ދިޔުމުން ދަރިން ސަލާމަތްކުރަން ޖިޔާދު ނިންމީއެވެ. ރޯޒަލީގެ ހިތުގައި ޝަކުވާ އުފެދުނެވެ. ދަރިންނަށްވުރެވެސް ޖިންނިއެއްގެ ފުރާނަ މުހިއްމުވެ މިހުރިހާ ދުވަހު ޖިޔާދު އެމީހުންނާއި ވަކިން އުޅުނީއެވެ.
"إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ......." ރޯޒަލީ އިތުރަށް ބުނާނެ އެއްޗެއް ނެތެވެ.
"ހިތްހެޔޮކުރައްޗޭ ރޯޒަލީ...މަށަށް ކަންތައްކުރެވުނީ ރަގަޅަކަށްނޫން. ލޯބީގެ އަވައިގާ ޖެހި އިންސާނުން ބައެއްފަހަރު ތަޚުތުވެސް ދޫކުރޭ..."ޖިޔާދު ރޯޒަލީގެ ބުރަކަށީގައި ފިރުމައިލިއެވެ."އަހަރެމެންނަށް ލިބުނީ އިބުރަތެއް. ޖިންނިންގެ ދުނިޔެއާއި ގުޅި ލާމެހުނީމަ ހުރިހާ މުސީބާތްތަކެއް ލައިގަންނާނެ. ސިހުރާއި ފަންޑިތައަކީވެސް ގޯހެއް. މިކަންތައް ދަސްކޮށްގެން މިކަމުގެ ތެރެއަށް ނުވަދެވުނުނަމައޭ ހިތަށް އަރާ.."
ރޯޒަލީ ނުދާން އުޅެނިކޮށް ގަދަކަމުން ކަހަލަގޮތަކަށް ގެންގޮސް އެތެރެއަށް ލާފައި ޖިޔާދު ދޮރުލެއްޕިއެވެ.
ގަޑިއެއްހާއިރުފަހުން ޖިޔާދުގެ ހަޅޭކުގެ އަޑަށް އެންމެން ބޭރަށް ނުކުތްއިރު ފެނުނު މަންޒަރަކުން ހުއްޓުން އެރިއެވެ.
ނުނިމޭ