13 Oct 2022, 09:19
"ދުނިޔޭގެ ކެހިވެރި ކަމަކީ ވަގުތީ އުފަލެކެވެ. އާޚިރަތަށްޓަކާ ގިނައިން މަސައްކަތްކުރާނީ ނަސީބުވެރިންނެވެ."
***
ރޯޒަލީ ދޮރު ހުޅުވާފައި ބޭރަށް ބަލާލުމާއެކު ނަޒަރުގައި އެންމެ ކުރިން އަޅައިގަތީ ކާމިނީޕޫލްގަހުގެ މާތައް އުކާލާފައިވާތަނެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވާލާފައިވެސް ސޫފީ ފެނުމާއެކު ނިކަން އަވަހަށް ދޮރު ލައްޕާލާފައި މޭގައި އަތް އަޅާ ބާރުކޮށްލައިފިއެވެ.
"މަގޭ ހަޒަލް ހަމަ ޖިންނިއަކާއި ކައިވެނިކޮށްގެން ޖިންނި ކުއްޖެއް ވިހެއީތަ؟ ހައިސަމްއާއި ޚަލީސީގެ ގުޅުމާއި ދެކޮޅު ހަދަން ހިތަށްވެސް އަރުވާކަށް ނުވާނެތާ މިވަރުގެ ކަމެއް މިގޭގައި ހިނގާފައި އޮތްވާ...ސުބުހާނަﷲ..."
"މާމާ....." ސޫފީ ރާސްލާފައި ގޮސް ރޯޒަލީގެ ފައިގާ އޮޅުލައިގަތުމުން ނުބައިގޮތަކަށް ހަޅޭއްލަވައިގެންފާ ފޮޅުވައިލެވުނެވެ. ސޫފީ ވިއްސައިގެންގޮސް ދުރުގައި ޖެހުނެވެ. އެއާއެކު ބާރުބާރަށް ރޮއިގަތުމުން ރޯޒަލީގެ ހިތް ލުހިގެން ދިޔައެވެ. ދުވެފައިގޮސް ސޫފީ އުރައިލެވުނެވެ.
"މާމަ ފުށްގަނޑު ތަދުވިތަ؟"
"މާމަ އެންގްރީ. މާމާ އެންގްރީބާޑް......................"ސޫފީ ރޯޒަލީގެ އަތުތެރެއިން ވީއްލިގަތެވެ.
" މާމަ ސޫފީއާއި އެންގާރ އެއް ނޫނޭ ދޫންޏާ....." ރޯޒަލީ ސޫފީގެ ރަން ފަށުވި އިސްތަށިގަނޑުގައި އަތުން ފިރުމައިލިއެވެ. އެވަގުތު ދޮރުމައްޗަށް ކައިދަން އެރިތަން ފެނި ރޯޒަލީގެ މޭގަނޑު އަނގަޔަށް އަންނަވަރުވުމާއެކު އަވަހަށް ދުރަށް ހިނގައިގަނެވުނީ ކުރުސި ކިޔަވަމުންނެވެ. މުއުމިން ޖިންނިއެކޭ ހިތަށް އެރީ އިރުގަނޑެއްފަހުންނެވެ. ސަބަބަކީ ކައިދަން ގަވައިދުން ނަމާދުކޮށް ގުރުއާން ކިޔަވާ ހަދާކަން އޭނައަށްވެސް އެނގިފައިވާތީއެވެ. ކައިރީގައި ހުންނަ މިސްކިތުން ކައިދަން ކިތަންމެ ފަހަރަކު އޭނަ ދެކެފިއެވެ. ނަމާދު ގާއިމުކުރާ މުއުމިން ޖިންނިއެއް ވެއްޖެއްޔާ ތަގުވާވެރިވާނެ ނޫންހެއްޔެވެ؟ ތިމާގެ ނަސްލު ނޫން މީހަކާއި އަޅައިގަތުން ފާފައަކަށް ނުވާނެހެއްޔެވެ؟ ކައިދަންގެ އެއްމާބަނޑު ބޭބެ ރަވާން ބަދަލުހިފަން އުޅުނަސް އެހާ ނުބައިކަމަކަށް އެއްބައިވެގެންނުވާނެ ތާއެވެ.
ރޯޒަލީ ނަމާދުގެއަށް ވަންއިރު އެމާވެސް މުސައްލަމަތީގައި އިނެވެ. އޭނަގެ ކަމަކީ ނަމާދުކޮށް ގުރުއާން ކިޔަވާ ޒިކުރުކޮށްގެން ފޯނުން ގުރުއާން އަޑުއެހުމެވެ. އެގޮތަށް ހަދަން ފެށުމުން ޔަގީނުންވެސް ޖިންނިންގެ އުދަގޫތަކުން ސަލާމަތްވެއްޖެއެވެ.
***
ރޯޒަލީއަށް އެެހީތެރިވާން ޚަލީސީ ސައިތައްޔާރުކޮށް އެހެން ކަންތައްތަކުގައި އަވަދިނެތި އުޅެންފެށީ ހައިސަމް މަންމަދެކެ ވާ ލޯބި އެނގިފައެވެ. މަންމައަށް ހެޔޮކޮށް ހިތިވަރަކަށް ހައިސަމްގެ ހިތުގައިވާ ލޯބި ފުންވާނެކަން ވިސްނުމުންނެވެ. ޚަލީސީ ޕޭންކޭކަށް މޭޕަލް ސިރަޕް އަޅަން ހުރިއިރު ހައިސަމް ކޮފީ ހަދަމުން ދިޔައެވެ. އޮފް ދުވަހެއްކަމުން ހައިސަމްވެސް ލޮލާއި ގުޅޭފަދަ ކަޅުނޫ ޓީޝާޓަކާއި ދިގު ސޯޓެއްލައިގެން ހުރިއިރު މޫނުމަތިން އިންތިހާ ދަރަޖައިގެ އުފާވެރިކަން ފެނެއެވެ. ޚަލީސީގެ ލޫޅާފަތި ހަށިގަނޑުގެ ވަނާ ނޭގޭފަދަ ދޫ ހެދުމަކާއި ބޮޑު ހަރުވާޅެއް ލައިގެން އިސްތަށިގަނޑުވެސް ސްކާފަކުން ނިވާކޮށްލާފައިވިއެވެ.
"ސޭމް. އަހަރެން ބޭނުން އިސްލާމްދީނަށް ވަންނަން. ދީނީ ވީޑިއޯތައް އަޑުއަހާ ގުރުއާންގެ ތަރުޖަމާ އުނގެނެންފެށީ ބައިވަރު ސަބަބުތަކާހެދި. ފުރަތަމަ ހަމަ ހީވީ މީހަކު ޝަހާދަތް ކިޔާހެން. ހޭލެވޭއިރު އެ އަޑު ކަންފަތުގައި ހިފާފައިހުރޭ. ދެން ފެންނަ ހުވަފެންތަކުގައި ނޫރުތަކާއި އަލިތަކުން ރޫހާނީ ކަމެއްކަން ވިސްނުނު. އަލިގަނޑުގެތެރެއިން ހުދު ހެދުމުގައި ހުންނަ މީހަކު ބުނަނީ ރަގަޅު މަގު ފެންނަން އެއޮތީއޭ. ދަރިފުޅާއޭ ކިޔާފައި ވާހަކަދެއްކީ. މުސްލިމް އިލްމުވެރިން ތިބޭފަދަ ގޮތަކަށް އޭނަ ހުރީ..."
"މަންމަ ވަރަށް އުފާވާނެ..." ހައިސަމް ޚަލީސީގެ ނޭފަތުގައި މަޑުމަޑުން ހިފައިލިއެވެ." މަންމައަށް ސަޕްރައިޒެއް ދޭނީ ދޯ...."
"ސީރިޔަސްކޮށްތަ؟ އަހަރެން އަންކަލްއަކަށް ވަނީތަ؟ސޫފީ ކަހަލަ ބޯއިއެއް ގެންނައްޗޭ..........."ރާހިލް ބޯދިއްކޮށްލިއެވެ. "ހާދަ މީރުވަހެކޭ. ބަނޑުފުރިއްޖެ. ފަހަރި. ތަންކޮޅެއް ގިނައިން ޕޭންކޭކު ހަދައްޗޭ. މަގޭ ފެވެރިޓް........"
"ސާބަހޭ ރާހިލް. އެއީ އެއްނޫނޭ މަންމައަށް ދޭން އުޅުނު ސަޕްރައިޒަކީ. އަވަހަށް އިށީދޭ. ކިހިނެއް މިހާރު ހާލު؟"
"ތިވާހަކަ ނޭހިއްޔާ ރަގަޅީ. މުޅިގައި ފާރުވެފައި. ރަގަޅުވާކަށްވެސް ނޫޅޭ...ކިޔެވުންވެސް މެދު ކަނޑާލަން ޖެހުނީ. އަލުން މެޑިސިން ހަދަން މިވިސްނަނީ. އެކަމަކު ފަންޑިތަވެރިޔަކަށްވެސް ދިމާނުކުރެވޭވަރުގެ ވަރުގަދަ އިފްރީތުންތަކެއް މިގެއާއި އަވަލައިފި..ލެޓްސް އީޓް...ދުނިޔޭގައި ތިބިއްޔާ ކައިގެން އުފަލުގައި އުޅެންވީ. ކުރު ދުވަސްކޮޅެއްގެ ދަތުރެއްނު. އެ އިފްރީތު އަހަރެން ކާލާފައި ހިތްހަމަޖައްސާލާނެނަމަ........" ރާހިލް ޕޭންކޭކުން އެތިކޮޅެއް އަނގަޔަށް ލިއެވެ."ޔަމީ....."
ފަހަރަކު މީހަކު ކާކޮޓަރިއަށް ވަދެ ގޮނޑިތައް ފުރަމުން ދިޔައެވެ. ކައިދަން ފިޔަވާ އެންމެން ސައިބޯން އައެވެ.ޚަލީސީ ޕޭންކޭކާއި ސޮސެޖް އަދި ބިސްގަނޑު އަޅާ ކޮފީ ހަދާފައި ހުރުމުން އެންމެން ގެ މޫނުމަތިން ހިތްހަމަޖެހުން ފެނުނެވެ. ޕާނާއެކު ކާން ބޭކެޑް ބީންސްވެސް ތައްޔާރުކޮށްލާފައެވެ. އެކި ވާހަކަދެކެވެމުން ގޮސް ރޯޒަލީ އެކުދިންނާއި ވާހަކައެއް ހިއްސާކުރަން ބޭނުންވާކަމަށް ބުނުމުން އެންމެންގެ ސަމާލުކަން ހުއްޓުނެވެ.
ރޯޒަލީ ހުރިހާ ކުދިންގާތުން މާފަށް އެދިފައި ދިމާވެގެން އުޅޭ ހާލަތު ކިޔައިދިނެވެ. ކައިދަންއާއި ރަވާންގެ ގާތުން މާފަށް އެދި މި ބަދަލުހިފުމާއި ނުތަނަވަސްކަން ނިމުމަކަށް ގެނައުމަށްޓަކާ އޭނަ ގުރުބާންވާން ތައްޔާރަށް ހުރި ކަމަށްވެސް ބުނެލިއެވެ. "މަންމައަށް ކުރެވުނީ ބޮޑު ފާފައެއް. އެކަމުގައި ހިތި ނަތީޖާ މިފެނުނީ. ހިލްމާއަށް ލިބުނު ދެ ދަރިން އެއްލާލާފައި ރަށަށް އައުމާއެކު ކުރެވުނު ނުބައިކަން ރޭކާލާ އަލުން އެނބުރިގޮސް ކުދިން ގެންނަން ނިންމީ. އެކަމަކު ތަގުދީރުގައިވާ ގޮތަކަށް އެކަން ނިމިގެން ދިޔައީ. ބޮޑު ރާޅާއެކު އެކުދިން ނެތިގެން ދިޔައީކަމަށް ހީކުރެވުނީ. ހަގީގަތަކީ މަންމަ އެދުވަހުން ފެށިގެން އެކަމާއި ބިރުން ލޮލުން ކަރުނަ ނުއޮހޭ އެންމެ ދުވަހެއްވެސް ނާދޭ. ތައުބާވެ ﷲގެ ހަޟުރަތަށް ދުޢާކޮށް ފާފަ ފުއްސެވުމަށް ވަރަށް އެދެވިއްޖެ......."
"މަންމާ...އަހަރެން ހަދާނެގޮތެއް މަންމަ ބުނެބަލަ. ޖިންނިއަކާއި އިނދެގެން ހުރެވޭތަ؟ އެއީ ދީނުގައި ހުއްދަކަމެއްތަ؟" ހަޒަލް ކަރު އެލުވައިލިއެވެ.
"ކައިދަން ޖިންނިއެއްގެ އެއްވެސް ސިފައެއްނެތް. ރަވާން ތަފާތު. މަށަށް ހީވަނީ ސޫފީއާއި ކައިދަންއަށް ބައެއްފަހަރު ޖިންނިން ބާރުދީގެން އިންސާނުންގެ އިމުން ބޭރުގައިވާ ކަންތައް ކުރުވާހެން. ސޫފީ ފުރާޅަށް އެރުމާއި ބަރު އެއްޗެހި އުފުއްލަނީ އަމިއްލައަކަށް ނޫން. ގިނަވަގުތު ކިހާ މައުސޫމް. އެހެރީނު...ބުދަކާއި ކުޅެން. ކިހާ ލޯބި...ޖިންނި ކުއްޖެއްގެ ކަންފުޅެއްވެސް ނެތް...." އެހެން ބުނެލާފައި ރާހިލް ސޫފީ އުނގުގައި ބައިންދައިގެން ޕޭންކޭކު ކޮޅެއް އަނގަޔަށް ލައްވަން އުޅުމުން ތުން ފިތާ ބާރުކޮށްލައިގެން އިނެވެ. " އިންސިއެއް ތޯ ބަލަންހެދި ޓެސްޓުން ފެއިލްވެއްޖެ. ޖިންނިކުދިން ކަނީ ކޯނޗެއްތަ؟ އިންސިން ކާ އެއްޗެއް ނުކާން ތިއުޅެނީ؟ "
"ސަމާސާއަކަށްވެސް އެހެން ނުކިޔާ. އެއީ ޖިންނިކުއްޖެއްނޫން..." އެމާ ރާހިލްއަށް ކަޅި އަޅައިލިއެވެ.
"ރަވާން މައިތިރިކުރާނެ ފަންޑިތައެއް ހޯދަންވީ.."
"ރުގުޔާ ކުރަންވީނު...."
"އަހަރެން އޭނަ ގެނެސް ފުޅިއަކަށް ލާފައި ކަނޑަށް އަޅާފާނަން.." ރާހިލްގެ ޖަވާބުން އެމާ ހިނިގަނޑު ފަޅައިގެން ދިޔައެވެ.
"އިން ޔޯ ޑްރީމްސް..."
"ޖިންނިންނަށްވުރެ މާތްކުރައްވާ ބުއްދި ދެއްވާފައިވާ ބަޔަކު އެ އެއްޗެހިދެކެ ބިރުން އުޅޭތީ ބޮޑާކަން ލިބިފައިވަނީ. އެހެންވީމަ ދީނުގައި އޮތްގޮތަށް ހެދީމަ ހަމަ ބިމަށް ތިރިވެދާނެ............."ރާހިލްގެ ވާހަކައަށް ހައިސަމް ވަގުތުން ތާއީދުކުރިއެވެ. ނާސްތާ ނިމިގެން ބޭރަށް ނިކުތްތަނާހެން އެގެއަށް އައީ އެކަކުވެސް އުއްމީދުނުކުރާ މެހުމާނެކެވެ.
ޖިޔާދު ފެނުމާއެކު ރޯޒަލީގެ މޫނުގެ ކުލަ ފަނޑުވިއެވެ. އެތައް ދުވަހެއްފަހުން ޖިޔާދު އައުމުން ރޯޒަލީގެ ހިތުގައިވާ ބިރުވެރިކަން އިތުރުވިއެވެ. އޭނަގެ ސިއްރުތައް ހިލްމާއަށްވެސް ފޮރުވައިގެން ހުރެވޭނެ ބާވައޭ ހިތަށް އެރިއެވެ. ޖިޔާދު ހަގީގަތުގައި ރޯޒަލީ ދޫކޮށްފައި ދިޔައީ ޖިންނި އަންހެންކުއްޖަކާއި ހިތާވެގެންނެވެ. އެކަން ރޯޒަލީއަށް އެނގުނީ އެތައް ދުވަހެއް ފަހުންނެވެ. ޖިޔާދު އޭނަގެ ބައްޕަގެ ކައިރިން ފަންޑިތަ ދަސްކޮށްގެން ޖިންނިތައް ގެނެސްގެން އުޅުމުގެ ތެރޭގައި ރީތިކަން ހުސްކުރި ގުރޭޝާ ޕަރީއާއި ދިމާވިއެވެ. ހިތްކިޔައިގެން އެކުއްޖާއަށް މޮޔަވީއެވެ. އެހަގުރާމައިގެ ތެރޭގައި ރޯޒަލީއަށް ގޯހެއް ހެދި އޭނަގެ އަތުން ގުރޭޝާ ޕަރީގެ އާއިލާގެ އެތައް ޖިންނިތައް ފަނާވިއެވެ. އޭނަގެ އަތުންނޭ ބުންޏަސް އޭނަ ފަންޑިތަވެރިއެއް ލައްވާ ހެދި ފަންޑިތައިން ކުރި ލިބުނީއެވެ. އެދުވަސްކޮޅު ރޯޒަލީއަށްވެސް ގުރޭޝާ ޕަރީގެ ބޭބެ ޝަހްމީރުއާއި ހިތާވެވުނެވެ. ފަޅުރަށަށް ޝަހްމީރު ދިޔައީވެސް ހަގީގަތުގައި ރޯޒަލީގެ ދައުވަތަކަށެވެ. ހިލްމާވެސް އެ ރީތިކަމުގެ ޖާދޫގައި ޖެހި މަގު އޮޅުނީއެވެ. ހަގީގަތަކީ އެމީހުންނަށް އުދަގޫކުރަމުން މިހާރުވެސް އެދަނީ ރަވާން އެއްނޫނެވެ. ޝަހުމީރުއެވެ. ޝަހުމީރުގެ އާއިލާ މަރައިލުމުން ބަދަލުހިފަނީއެވެ. ރޯޒަލީ ތައުބާވެ ހެއްދެވި ފަރާތަށް ކުރިމަތިލީވެސް ޖިންނީންގެ ފަރާތުން ސަލާމަތްވެ ހެޔޮގޮތުގައި ދުނިޔޭގައި އުޅުމަށެވެ. ނަމަވެސް އޭނަ ކުރި ފާފައިގެ އަގު ދައްކާ ނުނިމޭކަން ކުރިމަތިވަމުންދާ ހާލަތުން އެނގުނެވެ.
***
ރޯޒަލީއާއި ޖިޔާދު ކޮޓަރީގައި އެކަނިވިއެވެ. ދެމީހުންގެ ދޭތެރޭގައިވާ ނުތަނަވަސްކަން ވަޅިއަކުން ކަނޑައިލެވޭހާ ފުނެވެ.
"ގުރޭޝާ ބުނި ރަވާން އޭ ކިޔާފައި އެ އަންނަނީ ޝަހްމީރުކަމަށް...ރޯޒަލީވެސް މަށަށް ބޭވަފާތެރިވީ..."
"އަމިއްލައަށްވެސް ވަފާތެރިނަމަ ތި ވާހަކަދައްކަން ރަގަޅުވީސްކަން ނޭގޭ...ކީއްކުރަން މިހާރު ތިއައީ؟"
"ރަވާން ދުނިޔޭގައި އެބަހުރި. އެއީ ޖިންނި ކުދިންނެއްނޫން. ހިލްމާގެ ފިރިމީހާގެ ހަލާލުކުދިން. ޝަހްމީރު އެކުދިން ސަލާމަތްކޮށްގެން ގޮސް ދެ އާއިލާއަކަށް ދޫކޮށްލީ. ކައިދަންއަށް އޭނަގެ މަންމަ ގާތަށް އާދެވުނަސް ރަވާންއަކަށް އެ ނަސީބެއް ނުލިބުނު............" ޖިޔާދު ކިޔައިދިނެވެ.
"ހިލްމާގެ ހިތަށް ހާދަ އަސަރުކުރާނެއޭ..."
"އުފަލެއްނުވާނެތަ؟ ރަވާން ޖިންނިއެއްކަމަށް ހީކޮށްގެން ހުއްޓާ...އަދި ހަގީގަތް ނުބަލާ ހިލްމާއާއި ރޯޒަލީ އެކުދިންތައް އެއްލައިލީމަ އެނބުރި އައިކަމީވެސް ކަރާމާތެއްނު. ޖިންނިންގެ އަތެއްނުވި ނަމަ އެކުދިން ސަލާމަތެއްނުވީސް. ރޯޒަލީ ކުރީ ބޮޑު ފާފައެއް......."
"އަހަރެން ތައުބާ ވިން. ޖިޔާދު އަދިވެސް ތި ފަންޑިތައިގެ އަވައިގާ ޖެހިގެން ﷲ ނަހީކުރެއްވިހާގޮތަށް އުޅެނީ. ޖިންނިއަކާއެކީ؟ ތިއީ ދިރިއުޅުމެއްތަ؟" ރޯޒަލީ ސުވާލުކުރިއެވެ.
"ޖިންނި އަންހެންކުއްޖަކާއި ކައިވެނިކުރުން ހުއްދަކަމަށް އަހަރެން ދެކުނީ............." ޖިޔާދު އެވާހަކަ ގަބޫލުކުރަން ތައްޔާރެއް ނޫނެވެ. "އަހަރެންގެ ދަނބިދަރި ކައިދަން ޖިންނިއަކަށް ހަދައިގެން މިރަށު މީހުން އުޅެނީ ދޯ..."
"ޖިޔާދުގެ ސަބަބުން ތި ޖިންނިންނާއި އަހަރެމެންގެ އާއިލާގެ އޮތް ގުޅުން ދުވަހަކު ކެނޑޭނެތަ؟ ތިއީ މޮޔައެއް..." ރޯޒަލީ ރުޅިއަންނަގޮތްވިއެވެ.
"ތިބުނީ ތެދެއް. އަހަރެން މޮޔަވެފައި މިހިރީ. އަލުން ހޭޖެހެން ބޭނުމެއްނޫން. ހަގީގަތް އޮޅުން ފިލުވާދޭން މިއައީ. ހިލްމާ ގާތު ކަންހިނގިގޮތް ކިޔައިދީ........."
"ރަވާން ވީ ކޮންތާކު؟" ރޯޒަލީ އެހިއެވެ.
"މަށަށް ހީވަނީ ރަވާން ނުފެނުނިއްޔާހެން ހިލްމާމެންނަށް ބޮޑަށް ރަގަޅީ....."
"ކީއްވެތަ؟"
"މިބުނީނު ރަވާންމަތިން ހަނދާން ނައްތައިލާށޭ. އެންމެނަށް ރަގަޅަށް މިހެން މިބުނީ................"
***
ރޯޒަލީގެ ފަރާތުން އިވުނު ވާހަކަތައް ގަބޫލުކުރަން ދަތިވެފައި ހިލްމާއަށް އިނދެވުނެވެ. ދޭތެރެއަކުން ލޮލުން އައި ކަރުނަތައް ފޮހެލެވުނެވެ. އޭނަގެ ދަރިންގެ ހަގީގަތް އެނގުމުން ބޮލުން އެތައް ހާސް ޓަނެއްގެ ބުރަދަން ނެގުނުފަދަ އިހުސާސެއްވިއެވެ. ބުނަންނޭގޭފަދަ ފިނިކަމާއި ހިތްހަމަޖެހުނެއް ލިބުނެވެ.
"އަހަރެން ރޯޒަލީގެ ކުށަށް މާފުކޮށްފިން. ޖިންނިން އަންހެންކުދިންގެ ހިތް އަތުލަން އަންނާނީ ރީތި ސިފައެއްގައި ތިބެ. އެއީ އަލިފާނުން ހެއްދެވިގެންވާ ބަޔެއް. ރުހުން ހޯދަން އަންނައިރު ރީތި ހިތްދަމައިގަންނަފަދަ ގޮތަށް ތިއްބަސް ބިރުގަންނަވަން އަންނައިރު ބިރުވެރި ސިފައަކަށް ބަދަލުވާނެ. އިންސާނީ ރީތި ސިފައިގާ އޭނަ އައީ. އަހަރެންވެސް ރުހުނު. ރޯޒްވެސް އޭނައާއި ސިއްރުން ގުޅުން ބޭއްވީ. ދެމީހުންވެސް ކުރި ފާފައިގެ ސަބަބުން ދަރިންނަށް މުސީބާތްތަކެއް ކުރިމަތިވީ. މަގޭ ރަވާން ލޮލަށްވެސް ނުފެނި. ދަރިން އިންސާނުންކަން އެނގުނީމަ ކޮންފަދަ ބޮޑު އުފަލެއްލިބުނީ، ތަބީއަތު މުޅިން ރަގަޅުވެއްޖެ. ދުވަހަކު މިވަރުގެ އުފަލެއް ނުލިބޭ............."ހިލްމާ ޓިޝޫ ލޮލުގައި ޖެއްސިއެވެ. އެތައް ޓިޝޫއެއް ފޯވިއިރުވެސް ކަރުނަތަކެއް ނުހުއްޓުނެވެ.
"އަހަރެންގެ ހިތަށް ލުޔެއް ލިބޭނީ ކައިދަންގެ ބައްޕައާއި ވާހަކަދެއްކުނީމަ. އިންފެކްޓް ހުރިހާ ވާހަކައެއް ކިޔައިދެވުނީމަ. ހީ ޑިޒާވްސް ޓު ނޯ......." ހިލްމާ ނަމްބަރުތަކަށް ފިތަންފެށިއެވެ.
***
ރޯޒަލީއާއި ޖިޔާދުއާއި ދެމެދު ދެކެވުނު ވާހަކަތައް އެކެއްގެ ކަންފަތަށް ފޯރަމުން އައިސް އެންމެނަށް ހަގީގަތް އެނގި ނިމުނުއިރު އެންމެ ބޮޑު އުފަލެއްލިބުނީ ހަޒަލްއަށެވެ. ކައިދަންއާއި ވަކިވާން ޖެހިދާނެކަމުގެ ބިރު ހަޒަލްގެ ހިތް ޒަޚަމްކޮށްފައިވަނިކޮށް އުފަލުން ދެވަރަ ލިބުނުހެން ހީވިއެވެ.
"ރަވާން ކޮބާ؟" ކައިދަންއަށް އަހައިލެވުނެވެ.
"ބައްޕަ ބުނުއްވީ އޭނައާއި ބައްދަލުކުރަން ނޫޅެށޭ.."
"ކީއްވެ އެހެން ބުނީ؟" ކައިދަންގެ މޫނުން ނުތަނަވަސްކަން ފެނުނެވެ.
"މީހުން މަރާމީހަކީތަ؟ ގޭއި މީހެއްތަ؟ ނޫނީ ޑްރަގް މީހަކީތަ؟ ސިހުރުވެރިއަކީތަ ނޫނީ މުސްލިމަކަށް ނުވަނީތަ؟" ހަޒަލްވެސް އެތައް ސުވާލެއް އެއްފަހަރާ ކޮށްލިއެވެ.
ނުނިމޭ