03 Apr 2012, 11:55
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގެ ކޯރަމް ގަސްތުގައި ބައެއް މެންބަރުން ގެއްލުވާލާ ކަމަށް ބުނެ މަޖިލިހުގެ ޖަލްސާ މެންދުރު 12:00ގައި ފަށާއިރު ޖަލްސާ އަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ނަންތައް އިއުލާން ކުރައްވާނެ ކަމަށް މަޖިލިސްގެ ނައިބު ރައީސް އަހުމަދު ނާޒިމް އިއުލާން ކޮށްފި އެވެ.
މިއަދުގެ ޖަލްސާ ހުސްވަގުތުކޮޅަށް ފަހު ދެ ފަހަރަށް ވެސް މަޖިލިހުގެ ކޯރަމް ހަމަނުވުމުގެ ސަބަބުން ވަނީ ޖަލްސާ ފެށޭ ގޮތް ނުވެފަ އެވެ. ނާޒިމް ވިދާޅުވީ މަޖިލިހަށް ހާޒިރުވެވަޑައިގެން މާލަމް ތެރެއަށް ނުވަންނަވާ ބޭރު ކުޑަދޮށުގައި މެންބަރުން ތިއްބެވި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
"ދެން މަޖިލިހުގެ ޖަލްސާ ފަށާ އިރު ކޯރަމް ހަމަނުވާކަމަށްވަނީ ނަމަ ޖަލްސާއަށް ހާޒިރުވެވަޑައިގެން މަޖިލިހުގެ ޗެމްބަރަށް ވަދެވަޑައި ނުގަންނަވާ މެންބަރުންގެ ނަންތައް އިއުލާން ކުރާނަން،" ނާޒިމް ވިދަޅުވި އެވެ.
ނާޒިމް ވިދާޅުވީ ޖަލްސާ ހުސްވަގުތުކޮޅަށް ފަހު ދެފަހަރަށް ފެށުމަށް މަސައްކަތް ކުރެއްވި ނަމަވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާ މެދުކަނޑުއްވާލެއްވީ ކަމަށެވެ.