ޓެކްނޮލޮޖީގެ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުން މި ޒަމާނުގައި މީހުންގެ މައުލޫމާތު ހޯދާ ގިނަ ގޮތްތަކެއް އެބަހުއްޓެވެ. ކޮންމެހެން ފޯނުން ގުޅައިގެން މައުލޫމާތު ހޯދާކަށްވެސް ނުޖެހެއެވެ. ދިވެހީން އާންމުކޮށް ބޭނުންކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ބަލާއިރުވެސް މިވޭތުވެ ދުވަސްތަކުގައި އެތައް ސަތޭކަ މިލިއަން ޔޫޒަރސްގެ ޑޭޓާ ބްރީޗްވެފައި ހުރިކަމަށް މިވަނީ ރިޕޯޓްތަކުން ހާމަވެފައެވެ.

ޑޭޓާ ބްރީޗްވެގެން އީމެއިލް، ޕާސްވޯޑް، ދިރިއުޅޭ ގައުމު، އުފަން ތާރީހު ފަދަ ޒާތީ މައުލޫމާތު އެހެން ފަރާތްތަކަށް ލިބިގެންދެއެވެ. އަދި އީމެއިލް އަށް އެކްސެސް ލިބުމުން އީމެއިލްގައި ސޭވްކޮށްފަ ހުންނަ ޑޭޓާވެސް ލިބެއެވެ. އެހެންކަމުން ފައިސާގެ މުއާމަލާތްތައް ކޮށްލުން މިވަނީ މިފަދަ ހާލަތްތަކުގައި އާންމުކަމަކަށްވެފައެވެ.

މިހާރަކަށް އައިސް ރާއްޖޭގައި ހިނގާ ބައެއް ތަފާތު ކަންކަމަށްވެސް މި ނޫހުން ވާހަކަ ދެއްކި އައިޓީ ސްޕެޝަލިސްޓަކު ވަނީ އަލިއަޅުއްވާލައްވާފައެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ރާއްޖޭގައި ފޯން ކްލޯންކޮށްގެން ކަސްޓަމަރުގެ ޑޭޓާއަށް އެކްސެސްވެ، އެކި މުއާމަލާތްތައް ހިންގާ. ފައިސާގެ މުއާމަލާތްތަކާއި ސޯޝަލް މިޑިއާ އެކައުންޓްތައް ބޭނުންކޮށްގެން ޝަޚްސް އޮޅުވާލުންވެސް ހިމެނޭ. ފިޒިކަލް ފޯނު މީހާ އަތުގައި އޮންނަ ވަގުތުވެސް އޭގައި ހިމެނޭ ޑޭޓާ ބޭނުންކޮށްގެން އެހެން ފަރާތަކުން މުއާމަލާތްކުރާ ވާހަކަ އަޅުގަނޑު މިދަންނަވަނީ. އީމެއިލް އާއި އީމެއިލް ޕާސްވޯޑް ލިބި އަދި ބްރައުޒަރގައި އިންޓަރނެޓް ބޭންކިންގ ޔޫސަރނޭމް އަދި ޕާސްވޯޑް ސޭވްކޮށްފައި ހުރުމުން ބޭންކު އެކައުންޓުން މުއާމަލާތްކޮށްލުމަކީ މާ އުނދަގޫ ކަމެއް ނޫން. މިއީ ރާއްޖޭން ބޭރުގެ ބައެއް ގައުމުތަކުގައިވެސް މިހާރަކަށްއައިސް ހިނގަމުން އަންނަކަމެއް. އެހެންކަމުން އީމެއިލްގައިވެސް ވަރުގަދަ ޕާސްވޯޑް ހިމަނައި އަދި ބްރައުޒަރތަކުގައި އިންޓަރނެޓް ބޭންކިންގ ތަފްސީލް އަދި ކާޑުގެ މައުލޫމާތު ސޭވް ނުކުރުމަކީ ރައްކާތެރިވުމުގެ ގޮތުން އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއް،"

ބޭންކާއި ފުލުހުންގެ އިތުރުން އެހެން އިދާރާތަކުން އާންމުން ހޭލުންތެރިކުރުވުމަށް މަސައްކަތް ކުރަމުންދާއިރު އަދިވެސް ބައެއް ކަސްޓަމަރުންނަށް އަންނަ ކޯލްތަކާއި އީމެއިލްތައް މެދުވެރިކޮށް މައުލޫމާތު ދީފައި ހުންނަކަން ފާހަގަކުރެވޭކަމަށް ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެބަ ގުޅާ އެކައުންޓުން ފައިސާ މަދުވެގެން ނުވަތަ ގެއްލިގެން. މިފަދަ މައްސަލަތަކަށް ބަލާއިރު މި އޮންނަނީ އީމެއިލް ކޮންމްޕޮރޮމައިޒްވެގެން ނުވަތަ ބްރައުޒަރގައި ނުވަތަ އީމެއިލްގައި ޕާސްވޯޑް ސޭވްކޮށްފައި އޮތުމުގެ ސަބަބުންއެހެން ފަރާތަކަށް އިންޓަރނެޓް ބޭންކިންގ އަށް ވަދެ އޯޓީޕީ ބޭނުންކޮށްގެން މުއާމަލާތްކުރުމުގެ ފުރުސަތުދެވިފައި. މި ހާލަތްތަކުގައި ކަސްޓަމަރުން އެބަ އެދޭ ފައިސާ ލިބޭ ފަރާތުގެ މައުލޫމާތު ހާމަކުރުމަށް. މި މައުލޫމާތު އަލުގަނޑުމެންނަށް ދެވެން މި އޮންނަނީ ތަހުގީގީ އިދާރާތަކަށް، އެހެންކަމުން އަޅުގަނޑުމެން އެދެނީ ޕޮލިހަށް މައްސަލަ ހުށަހަޅަން. މިކަމުގެ ހިތްހަމަނުޖެހުން ކަސްޓަމަރުންގެ އެބަހުރި. އެހެން ނަމަވެސް މިކަމުގައި ބޭންކުން އަމަލުކުރަމުން މިދަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް. ޕޮލިހުންގެ ފަރާތުން ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ބޭންކުން ދަނީ ފޯރުކޮށްދެމުން،"

ކާޑުން ފައިސާ ކެނޑޭ މައްސަލަތަކާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ ބީއެމްއެލް އާ ގުޅިފައިވާ ކާޑު ނެޓްވޯކްތަކަކީ މުޅި ދުނިޔެއަށް ބަލާއިރުވެސް އެންމެ މަގްބޫލު އަދި ރައްކާތެރި ކާޑު ނެޓްވޯކްތައް ލަމަށެވެ.

ބޭންކުތަކުން ކާޑުގެ މައުލޫމާތު ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ކަސްޓަމަރުންނަށް މާލީ ގެއްލުންނުވާނެހެން ގާއިމްކުރެވޭ ނިޒާމްތައް އަބަދުވެސް އެ ނެޓްވޯކްތަކުން މޮނިޓަރކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އޮންލައިން އަދި އޮފްލައިންކޮށް އީ-ކޮމާސް މާޗެންޓުންގެ ފަރާތުން ކާޑުގެ މައުލޫމާތު ހާމަވާ ހާލަތްތަކުގައި ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެ. އަދި މާލީ ގޮތުން އެއްވެސް ގެއްލުމެއް ނުލިބޭނެ. މިހާލަތުގައި ކާޑު ހެއްދުމަށް އެއްވެސް ފީއެއްވެސް ނުނަގާނެ،" އޭނާ ވިދާޅުވިއެވެ.

ކަސްޓަމަރުގެ އީމެއިލްއަކީ އިންޓަނެޓް ބޭންކިން އާއި އަމިއްލަ އެކި ބޭނުންތަކުގައި ބޭނުންކުރާ ވަސީލަތަކަށް ވީހިނދު، ސެކިއުރިޓީ ގޮތުން ވަރުގަދަކުރުމާއި ފޯނަށް އަންނަ އެއްވެސް ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަކީވެސް ރައްކާތެރިކަން ހޯދޭނެ ގޮތްތަކެކެވެ.