08 Oct 2022, 10:51
"ކީކޭ؟...." އަހަރެން ހީކުރީ އަޑު އިވުނުގޮތް ގޯހީ ކަމަށެވެ.
"ވަދެގެން ތިއުޅެނީ މާ ރަނގަޅުތާކަށް ނޫނޭ މިބުނީ..." މޭވާތައް ކޮތަޅަށް އަޅަމުން އޭނާ ވާހަކަ ދެއްކިއެވެ.
********
އެމީހާގެ ރާގު ހުރިގޮތުން އަހަރެން ކުޑަކޮށް ބިރުގަތެވެ. ހަމަ އެއާއިއެކު ހިތްހަމަނުޖެހޭގޮތް ވިއެވެ. ނުވެސް ދަންނަ މީހަކު އަހަރެންގެ ދިރިއުޅުމުގެ ކަންކަމާއި ފާޑު ކިޔައިގެން ނުވާނެއެވެ.
"ކިހާވަރެއް ވަނީ؟..." އެމީހާ ދެއްކި ވާހަކަ އަޑު ނީވޭކަމަށް ހަދަމުން އަހަރެން އަހައިލީމެވެ.
"މިއަދު ނީވޭކަމަށް ހެދީމަ ފަހުން ދެރަވާނެ..." އަހަރެން އަޅާނުލުމުންވެސް، އެމީހާ ހުއްޓައެއް ނުލިއެވެ. "މިއަދު ކަމެއް ނުވެދާނެ... އެކަމަކު މާދަމާ ކަމެއްވީމަ..."
"ކިހާވަރެއް؟..." އެމީހާގެ ވާހަކަ ހުއްޓުވަމުން، އަހަރެން ތަކުރާރުކޮށް ސުވާލު ކުރީމެވެ. ހަގީގަތަކީ އެ ވާހަކަތައް އަޑު އަހަން އަހަރެން ބިރުގަތް ކަމެވެ.
"އެމީހުން ނުބުނޭތަ މިތަނަށް ނުވަންނާކަށް؟..." އަހަރެން ދައްކާ ވާހަކަ އޭނާއަށް އަޑު ނީވޭ ކަހަލައެވެ. ނޫނީ އޭނާގެ މަގުސަދަކީ، އަހަރެން ރުޅި އެރުވުމެވެ. ނުވަތަ ނިޔަތް ގޯސްކުރުމެވެ. "އަހަންނަށް ހުރިހާ އެއްޗެއްވެސް އެނގޭ... އަހަރެން އަނގަ މައިތިރިކޮށްގެން ނުހުންނާނަން..."
"މިއެއްޗެއްސަށް ކިހާ ވަރެއް ދައްކަން ޖެހެނީ؟..." އަހަރެން އަނެއްކާވެސް އަހައިލީމެވެ.
"ސަތޭކަ ވިހި ރުފިޔާ..." އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި އެމީހާ ބުނެލިއެވެ. "އެ މަންޖެއަށް ވީހެން ތި މަންޖެއަށްވެސް ވާނީ..."
ފައިސާ ދީފައި، އާނާ ގޮވައިގެން އަހަރެން އަވަހަށް އެތަނުން ނުކުތީމެވެ. އޭރުވެސް އެމީހާ ކުދިކިޔާ އަޑު އިވެމުން ދިޔައެވެ. ފިޒާ ބުނިހެން އެމީހާގެ ނިޔަތް ރަނގަޅު ނޫންކަން އޭނާ ވާހަކަ ދެއްކި ރާގުންވެސް އެނގުނެވެ. އެކަމަކު، އެމީހާ އެފަދަ ގޮތަކަށް ޔާނިޝްގެ އާއިލާ ކުށްވެރި ކުރަންވީ ކީއްވެ ހެއްޔެވެ؟ އޭނާ ފަހުން އެ ދެއްކީ ހިދާޔާގެ ވާހަކަ ހެއްޔެވެ؟ އެކި ފިކުރުތަކުގައި ހުރެގެން ގެއާއި ހަމައަށް އާދެވުނު ގޮތްވެސް ނޭނގުނެވެ. ދޮރު ހުޅުވައިލިއިރު، ފިޒާ ހުރީ ކުރިމަތީގައެވެ. އަތުގައި އޮތް ކޮތަޅު ފުރަގަހަށް ލައި ފޮރުވުނުއިރު، ފިޒާއަށް ފެނިއްޖެއެވެ.
"ކޮންތާކުން ތިއައީ؟..." އަހަރެންގެ އަތުން ނަޒަރު ވަކިކޮށް، މޫނަށް ބަލައިލަމުން ފިޒާ އެހިއެވެ. "ފިހާރައަށް ދިޔައީތަ؟..."
"އަނައްކޮ މެންގޯ ކާހިތްވީ ދޯ؟..." އާނާއަށް ކޮތަޅު ދައްކައިލަމުން އަހަރެން ބުނީމެވެ.
"ކީއްވެ ފިޒާ ކައިރީ ނުބުނީ؟..." ޝަކުވާގެ ރާގަކަށް ފިޒާ ބުނެލިއެވެ.
"އުނދަގޫ ނުކުރަންވެގެން..." އަހަރެން ގަދަކަމުން ހިނިގަނޑެއް ޖަހައިލީމެވެ.
"ތިއްތަ ދައްކާ ވާހަކަ... ކީއްވެތަ ފިޒާއަށް އުނދަގޫ ވާންވީ؟..." ފިޒާ ލޯ އަޅައިލިއެވެ.
އާނާ ހުރީ ހަމަޖެހިފައެވެ. ހެމުން ދުވެފައި ގޮސް، ސޯފާއަށް އަރާ ފުންމަން ފެށިއެވެ. ފިޒާ ކާޓޫނު އަޅުވާފައި، އާނާ ސޯފާގައި ބޭންދިއެވެ. އެއަށްފަހު، އަހަރެން ގޮވައިގެން ބަދިގެއަށް ވަނެވެ. އަހަރެން ހީކުރީ ފިޒާއަށް އަހަރެން އައީ ކޮން ތަނަކުން ކަން އެނގުނީ ކަމަށެވެ. އަނބު ނަގައިގެން މަށަން އިންދައި، ފިޒާ އައިސް ކައިރީގައި އިށީނެވެ.
"ކޮބާ ތިއްތި؟..." ފިޒާ ތަންކޮޅެއް މަޑުން އަހައިލިއެވެ.
"ބޭރަށް ނުކުތްއިރު އޮތް ނިދާފަ..." އަހަރެން ބުނީމެވެ.
"މިރާންގެ ހަބަރެއް ނުވޭ... ގުޅީމަ ފޯނެއްވެސް ނުނަގާ..." ފިޒާ ދޫކޮށްލީ ފުން ނޭވާއެކެވެ. "އޭނަ ދާނެ ތަނެއްވެސް ނުހުންނާނެ... ކޮޓަރީގަ ހުރިހާ އެއްޗެއްވެސް ހަމައަށް އެބަހުރި... ކޮންތާކަށްބާ ދިޔައީ..."
"މިރާން އުޅެނީ މިގޭގަތަ؟..." ދެފިކުރެއްގައި އިނދެފައި އަހައިލީމެވެ.
"އާނ... މިހާރު ދުވަސްކޮޅެއް ވެއްޖެ މިގޭގަ އުޅޭތާ... ބޮޑުއްތަ ނިޔާވީމަ، އެގޭ ކުދިން މިރާން އެގޭން ނެރެލީ..." ފިޒާގެ މޫނުން ފެނުނީ ކަންބޮޑުވުމެވެ.
"ކީއްވެ ނެރެލީ؟..." އަހަންނަށް ސުވާލުކުރެވުނެވެ.
"މިރާން އެއީ ބޮޑުއްތަގެ އަސްލު ދަރިއެއް ނޫން... ވިހާފަ އެއްލާލާފަ އޮއްވާ، ހޮވައިގެން ގެންގުޅުނު ކުއްޖެކޯ... ބޮޑުއްތަ މިރާންދެކެ ވަރަށް ލޯބިވާނެ... ބަލިވެފަ އޮތްއިރު، ފިޒާ އެގެއަށް ދިޔާމަވެސް އަބަދު ދައްކާނީ މިރާންގެ ވާހަކަ... މަންމަ ކައިރީވެސް ބުނެފަޔޯ އޮތީ ބޮޑުއްތަ ނެތް ދުނިޔެއަކު މިރާން ބަލައިދޭން... އެހެންވެ، މަންމަ މިރާން މިގެއަށް ގެނައީ... ބައްޕަ އެހާ ގަބޫލެއް ނޫން ނުދަންނަ މީހަކު ގެއަށް ގެންނާކަށް... އެކަމަކު މަންމަ ކިޔާވަރުން ގެނައީ..." ފިޒާ ހުރިހާ ވާހަކައެއް އެއްފަހަރާ ކިޔައިދިނެވެ.
"މިރާންއަށް ހިދާޔާ އެނގެނީ ކިހިނެއް؟..." އަހަރެންގެ ހިތަށް އުނދަގޫ ކުރަމުންދިޔަ ސުވާލު ކުރީމެވެ.
"ނޭނގެ ފިޒާއަކަށް... މިރާން މިގެއަށް އައީ މާ ފަހުން... މިގޭ މީހަކުވެސް ހިދައްތަގެ ވާހަކަ ނުދައްކާނެ..." ފިޒާ ވިސްނައިލާފައި ޖަވާބު ދިނެވެ.
"އޯކޭތަ ސުވާލެއް ކުރިޔަސް؟..." އަހަރެން އަހައިލީމެވެ.
"ތިއްތަ ކުރާ ސުވާލު... ތިހެން އަހާކަށްވެސް ނުޖެހޭނެއެއްނު..." ފިޒާ ތުންކޮޅު ދަމާލިއެވެ.
"ހިދާޔާގެ މަންމަމެން އުޅެނީ ކޮންތާކު؟..." ދެފިކުރެއްގައި އިނދެފައި އަހަރެން އަހައިލީމެވެ. "ފިޒާއަށް އެނގޭނެތަ އެގެއަށް ދާން؟..."
"ތިއްތަ ތިއުޅެނީ އެގެއަށް ދާންތަ؟..." ފިޒާ ކަންބޮޑުވެފައި އަހައިލިއެވެ. "ބޭކާރު ކަމެއް... އެގޭ މީހުން ނެތް ރާއްޖެއަކު... އެހެން ނޫނަސް، ތިއްތައަކީ ކާކުކަން އެނގޭއިރަށް މޫނުމައްޗަށް ދޮރު ޖަހާނެ... ޔަގީން..."
"ފިޒާ ހަމައެކަނި ކޮށްދޭންވީ ކަމަކީ އެ ގެ ތިއްތައަށް ދެއްކުން..." އުއްމީދުން ފުރިފައިވި ނަޒަރަކުން ފިޒާއަށް ބަލަން އިނދެ ބުނީމެވެ. "ތިއްތައަށް ހެލްޕްވާނަން ދޯ؟..."
"މަންމަމެންނަށް އެނގިއްޖެއްޔާ ވަރަށް ގޯސްވާނެ... ފިޒާއަކަށް ނުކެރޭނެ... ތިއްތަވެސް ތިކަން ހަނދާން ނައްތާލިއްޔާ ރަނގަޅުވާނީ..." ފިޒާ ދެކޮޅުހެދިއެވެ.
"ފިޒާ ތީ އެހާ ބިރުގަންނަ ކުއްޖެއްތަ؟... ވިސްނާލަބަލަ އަނައްކޮއަށް ކަންކަން އެނގެން ފެށީމަ ވާނެގޮތާ ދޭތެރޭ... އެކުއްޖާ ކުށްވެރިކުރާނީ މިގޭ މީހުން... ފިޒާ ބޭނުންތަ އެހެން ވާން..." އަހަރެން ގަސްދުގައި ފިޒާގެ ސިކުނޑިއާއި ކުޅެލީމެވެ.
"ނޫން... ފިޒާއަށް ކެރޭނެ... އެކަމަކު މަންމަމެން..." ފިޒާ ދެކޮޅު ހަދަން އުޅުނެވެ.
"އެއްވެސް މީހަކަށް ނޭނގޭނެ... އެނގުނަސް، ފިޒާ ސަލާމަތްކޮށްދޭނަން... ތިއްތަ ނުބުނާނަމޭ ފިޒާއޭ ބުނީ... ޕްރޮމިސް...." އަހަރެން ޔަގީންކަން ދިނީމެވެ.
"އޯކޭ... ފިޒާ ހަމައެކަނި ތިއްތައަށް އެ ގެ ދައްކާނީ..." ފިޒާ އެއްބަސްވިއެވެ.
"ޑަން..." އަހަރެންގެ ހިތުން ހީވީ ބޮޑު ބުރައެއް ނެގުނު ހެންނެވެ.
"ތިއްތާ... ރޭގެ ވާހަކަ އެއްވެސް މީހެއް ކައިރީ ނުކިޔައްޗޭ... މަންމަމެންނަށް އެނގިއްޖެއްޔާ ކަންތައް ވަރަށް ގޯސްވާނެ..." އަހަރެން ތެދުވި ތަން ފެނިފައި، ފިޒާ ބުނެލިއެވެ.
އަހަރެން ބޯ ޖަހައިލާފައި އެނބުރުނުއިރު، ރައުފާ ހުރީ ކުރިމަތީގައެވެ. އަހަންނެކޭ އެއްވަރަށް ފިޒާވެސް ސިހުނެވެ. އަހަރެމެން ދެމީހުންނަށް ބަލައިލާފައި، ރައުފާ އެތެރެއަށް ވަނެވެ. އަހަރެމެން ދެއްކި ވާހަކަ ރައުފާއަށް އަޑު ނީވޭކަން އެނގުނީ، އެއްޗެއް ނުބުނެ ބަދިގެއަށް ވަދެ، މެންދުރަށް ކައްކަން ފެށުމުންނެވެ.
**********
ބީހިގެން އުޅޭ މަންޒިލްގެ ހަގީގަތް އެނގެމުންދިޔަ ވަރަކަށް، އަހަރެންގެ ޝައުގުވެރިކަންވީ އިތުރެވެ. އައު މާހައުލު ދަސްވެ، ދުނިޔެ ދައްކާ ކުލަތަކަށް ލޯ ހޭނެން ފެށިއެވެ. ހަގީގަތަކީ ހަމައެކަނި ލޮލަށް ފެންނަ މަންޒަރުތަކެއް ނޫނެވެ. ފަރުދާގެ ފުރަގަހުގައި އެތައް ކަމެއް ރޭވި ނިމެމުން ދެއެވެ.
އަހަރެން ހިތުން އަހަންނަކީ ތަހުގީގު ކުރާ މީހެކެވެ. އަހަރެން މަސައްކަތް ކޮށްފިނަމަ، ނުހޯދޭނެ ކަމެއް ނޯންނާނެއެވެ. ލިބިފައިވާ ރަނގަޅު ނަތީޖާ އާއިއެކު ވަޒީފާއެއް ހޯދާކަށް އުނދަގުލެއް ނުވިއެވެ. އަހަރެން ރާވަމުންދިޔަ ރޭވުމާއި އެއްގޮތަށް ހުރިހާ ކަމެއް ނިމެމުން ދިޔައެވެ. ކަމަކަށްފަހު ކަމެކެވެ. އަހަރެން ބޭނުންވި ގޮތަށް، އާނާ އަހަރެންގެ ބާރުގެ ދަށަށް ގެނެވުނެވެ. ޔާނިޝްގެ މަންމަ އާއި ބައްޕަގެ ލޯބި ހޯދުނެވެ. ރައުފާގެ ހިތް ސާފު ނުވި ނަމަވެސް އަހަރެންގެ ފަރުވާލެއް ނެތެވެ. ރައުފާގެ ސަބަބުން އަހަރެންގެ ރޭވުމަށް އެއްވެސް ބުރުލެއް ނާރާނެއެވެ.
ހިނގައިދިޔަ ޒުވާބަށްފަހު، ޔާނިޝް އާއި މިރާންގެ ބަސް މަދެވެ. އަހަރެން ފެނިއްޖެނަމަ، މިރާންގެ ކަމަކީ ޝަކުވާގެ ނަޒަރަކުން ބަލަހައްޓައިގެން ހުރުމެވެ. އަހަންނާއި ވާހަކަ ދެއްކޭތޯ އޭނާ މަސައްކަތްކުރާ ކަހަލައެވެ. ޔާނިޝް އުޅެނީ އަހަންނާއި ދުރުދުރުންނެވެ. ނިދަން ކޮޓަރިއަށް ނާންނަ ތަނުގައި، އަހަރެން ކޮޓަރީގައި ހުރެއްޖެނަމަ، ކޮޓަރިއަށްވެސް ނުވަދެއެވެ. އެކަމަކު، އަހަރެންގެ ހުރިހާ ކަމެއް ފުރިހަމައަށް ކޮށްދެއެވެ. ހަރަދުކުރުމަށް ފައިސާ ދެއެވެ. ބޭނުންވާ އެއްޗެހި ހޯދައިދެއެވެ. ފަރުދާގެ ފުރަގަހުގައި އަހަރެން ރާވަމުން އައި ރޭވުމުގެ ކުޑަވެސް ހިލަމެއް އެއްވެސް މީހަކަށް ވިޔަކަ ނުދެމެވެ.
އާދައިގެ މަތިން ފަތިސް ނަމާދު ވަގުތަށް ފޯނު އެލާމްވާން ފެށިއެވެ. އެކަމަކު، އަހަންނަށް ހޭލެވުނީ، ފާޑެއްގެ އުނދަގުލެއް އިހުސާސްކުރެވިގެންނެވެ. މުޅި ގައި ހިރުވަން ފެށިއެވެ. ބަލަބަލާ އޮއްވާ، މުޅި ގައިގައި ފާޑެއްގެ ފޮޅުތަކެއް ނެގިއެވެ. ފޮޅުތައް ބޮޑުވެ، ފެން އެރިއެވެ. ބިރުންގޮސް އަހަރެންގެ ހަތަރެސްފައި ތުރުތުރުއަޅައި ގަތެވެ. ހުން ގަދަކަމުން އެނދުން ތެދުވާނެ ހިތްވަރެއް ނުލިބުނެވެ. ބޮލުގައި ރިއްސާވަރުން ދެލޯ ހުޅުވައިގެން އޮންނަން އުނދަގޫވިއެވެ. މޭޒުމަތީގައި އޮތް ފޯނާއި ހަމައަށް އަތް ގެންދަން އުޅެއުޅެ، އެކަމެއްވެސް ނުވިއެވެ. ގަދަކަމުން ފުރޮޅިލުމާއިއެކު، އެނދުން ވެއްޓުނެވެ. އެފަދަ ހާލެއްގައި އަހަރެންގެ ލޯ މެރެމުން ދަނިކޮށް ކޮންމެވެސް މީހަކު ދޮރު ހުޅުވައިލި ތަން ފެނުނެވެ. އެމީހަކު ދުވެފައި އަހަންނާއި ދިމާއަށް އައި ތަން ފެނުނެވެ. ހޭލެވުނުއިރު އަހަރެން އޮތީ ހަސްފަތާލުގައެވެ. ކައިރީގައި ޔާނިޝްގެ މަންމަ އިނެވެ.
"މި ފެންތަށި ބޯލަބަލަ..." އަހަރެން ލޯ ހުޅުވައިލުމާއިއެކު ޔާނިޝްގެ މަންމަ ދިއްކޮށްލީ ފެންތައްޓެކެވެ.
ފެންތަށި ބޯލެވުނު ހަނދާންވިއެވެ. އަނެއްކާވެސް އަހަރެންގެ ލޯ މެރުނެވެ. ދެން ހޭލެވުނުއިރު، ކައިރީގައި އިނީ ފިޒާއެވެ.
"ތިއްތާ ކިހިނެއް؟..." ފިޒާ ހާސްވެފައި ސުވާލުކުރިއެވެ.
އަހަންނަށް ބަލައިލެވުނީ ގައިގައި ނަގާފައި ހުރި އެއްޗެހިތައް ކޮބައިތޯއެވެ. އެއްޗެއް ނަގާފައި ހުރި ކަމުގެ އެއްވެސް އަލާމާތެއް ފެންނާކަށް ނެތެވެ. ކަނާއަތުގައި ބޮޑު ބެންޑޭޖްގަނޑެއް އަޅާފައި އޮތްއިރު، ނިތްކުރިން ތަންކޮޅެއްގައިވެސް ބޭސް އަޅާފައި އޮތެވެ. ހީވާގޮތުން، އެއީ ވެއްޓުނު ވަގުތު ލިބިފައި ހުރި އަނިޔާތަކެކެވެ. ބޮލުގައި ކުޑަ ރިހުމެއް ހުރި ނަމަވެސް ކުރިން އިހުސާސް ކުރެވުނުފަދަ އެއްވެސް އުނދަގުލެއް ނުވެއެވެ.
އަހަރެން އޮތީ ސުވާލު އުފެދިފައެވެ. އަހަރެންގެ ގައިގައި އެއްޗެހިތަކެއް ނަގާފައި ހުއްޓާ، އަހަރެންގެ ދެލޮލަށް ރީތިކޮށް ފެނުނެވެ. އެކަމަކު، އެ އެއްޗެހިތައް އެހާ އަވަހަށް ރަނގަޅުވެދާނެ ހެއްޔެވެ؟ އަނެއްކާ އަހަންނަށް ފެނުނީ ހުވަފެނެއް ހެއްޔެވެ؟ ނޫނީ އެއީ ހުންގަދަވެފައި އޮތުމުން އަހަންނަށް ހީވި ގޮތެއް ހެއްޔެވެ؟
"ނަސީބެއްނު ތިއްތަ ވެއްޓިފަ އޮއްވާ، ތިއްތިއަށް ފެނުނުކަން... ތިއްތި ހުރީ ރޮވޭވަރުވެފަ... ތިއްތަ ހޭ އަރަންދެން މިތާ އިނދެފަ، ހޭއެރީމަ ދެންމެ އެ ދިޔައީ..." ފިޒާ ކިޔައިދިނެވެ.
"ތިއްތަ ހޮސްޕިޓަލަށް ގެނޭއިރު ފިޒާ ހުރިންތަ؟... ތިއްތަ ގައިގަ އެއްޗެހިތަކެއް ނަގާފަ ހުރިތަ؟..." އަހަރެން އަހައިލީމެވެ.
"ނޫން... އެކަމަކު ވަރަށް ހުންގަދަ... އަތް ޖައްސާލަންވެސް ނުކެރޭ..." ފިޒާ ބުންޏެވެ.
އަހަރެން ހަނދާން ހުންނަން ފެށީއްސުރެ އެވަރުގެ ގަދަ ހުމެއް ނާދެއެވެ. ކުއްލިއަކަށް އަހަންނަށް އެހެންވީ ކީއްވެ ހެއްޔެވެ؟ އަހަރެން މާ ގިނަ ކަންކަމާއި ވިސްނުމުން ހެއްޔެވެ؟
އަހަރެން ގެއަށް ދޫކޮށްލީ ރޭގަނޑުއެވެ. ޔާނިޝް ކާރު ދުއްވަން އިންއިރު، އެ މޫނުން ފެންނަމުންދިޔަ އަސަރުތައް ބުނެދޭކަށް ނޭނގުނެވެ. އަހަރެން ކޮޓަރިއަށް ވަނުމުން ފަހަތުން އޭނާވެސް ވަނެވެ. އަހަރެން އެނދުގައި އޮށޯތުމުން، ރަޖާ އަޅައިދީފައި ކައިރީގައި އިށީނެވެ. އަހަރެން ދުރަށް ޖެހުނީމެވެ. ޔާނިޝް ހަމަ އިންތަނުން ގުޑިވެސް ނުލިއެވެ. އެކަމާއިހުރެ، އަހަންނަށް ނިދޭގޮތެއް ނުވިއެވެ. އަހަރެން ފުންމައިގެން ތެދުވީމެވެ.
"ވާޓް؟..." އަކުރުތަކަށް ދަމައިލަމުން އަހަރެން ބުނީމެވެ.
"ރުއާ ކަމެއް ބެނުންވެދާނެތީ ނިދެންދެން..." ޔާނިޝް އެއްޗެއް ބުނަން އުޅުނެވެ.
"ނިދޭނަތަ ތިހެން ބަލަން އިންނަންޏާ..." އަހަރެން ނުރުހިފައި ބުނީމެވެ.
"އޯކޭ... ނުބަލާ އިނދެފާނަން..." ޔާނިޝް އަނެއް ފަރާތަށް އެނބުރުނެވެ.
ޔާނިޝްގެ މައުސޫމުކަމުން އަހަރެންގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ހިނިގަނޑު އެތެރެއަށް ހިންދައިލަމުން، އަހަރެން ތެދުވީމެވެ. ފާހާނާއާއި ދިމާއަށް ދާން ފެށުމުން، ޔާނިޝް ފަހަތުން އައެވެ.
"އަހަރެން މީ ކުޑަކުއްޖެއް ނޫނޭ..." އަހަރެން ނުރުހިފައި ބުނީމެވެ.
ޔާނިޝް އިސާރާތްކުރީ އަހަރެންގެ އަތަށެވެ. ކަނާ އަތުގައި ބެންޑޭޖް އަޅާފައި އޮތްކަން ހަނދާންވީ ދެނެވެ. ހަދާނެގޮތެއް ނޭނގި އަހަރެންގެ ސިކުނޑި ސުމަކަށް ދިޔައެވެ. ފިރިމީހާ ހުއްޓައި، އެހީވާން އެހެން މީހަކަށް ގޮވޭކަށް ނެތެވެ. މީހަކާއި ނުލައި، އަހަންނަށް ފާހާނާ ކުރެވޭކަށްވެސް ނެތެވެ. ފާހާނާއަށް ނުވަންނަން އެތައް އިރަކު ސޯފާގައި އިނީމެވެ. އެންމެފަހުން މަޖުބޫރުވީ ޔާނިޝްގެ އެހީ ހޯދާށެވެ. އަހަރެން އެދުނު ފަދައިން ޔާނިޝް ހުރީ ލޯ މަރައިގެންނެވެ. އަހަރެން ނިމެންދެން އޭނާ ހުރީ ބޭރުގައި މަޑުކޮށްގެންނެވެ. ފާހާނާއިން ނުކުންނަން ނުކެރިފައި އެތައް އިރަކު އަހަރެން ހުރީމެވެ.
ފަތިހު އަހަންނަށް ހޭލެވުނުއިރު ޔާނިޝް ހުރީ ކާއެއްޗެހި ގެނެސްފައެވެ. އަހަރެން ހޭލުމާއިއެކު ތަށިތައް ކައިރިކޮށްލިއެވެ. އަހަރެން މީ ދުވަހަކުވެސް ދަތް ނޫނގުޅާ ކާ މީހެއް ނޫނެވެ. އަހަރެން ފާހާނާއަށް ވަނުމުން ފަހަތުން ޔާނިޝްވެސް ވަނެވެ. ދަތް އުނގުޅައިދޭން އުޅުނެވެ.
"އެއް އަތް ސަލާމަތުން އެބަ އޮތޭ..." އަހަރެން ވަގުތުން ބުރުސް އަތުލީމެވެ.
ޔާނިޝް ކޮޓަރިން ނުކުތީ އަހަންނަށް ކާންދީފައެވެ. އޯގާތެރިކަމުން ގޮސް ޔާނިޝްގެ ސަބަބުން އުނދަގޫވާހައި ވިއެވެ. އަހަރެންގެ އެއްވެސް ކަމެއް އެހެން މީހަކަށް ނުޖައްސައެވެ. އާނާ ކޮޓަރިއަށް އައުމުންވެސް، އަހަންނަށް އުނދަގޫ ނުކޮށް، މާ ބޮޑަށް ކައިރި ނުވުމަށް އެދުނެވެ.
އަހަރެން ބަލިވެއުޅޭ ކަން އެނގުމުން، މަންމަމެން ވަގުތުން އައެވެ. ޔާނިޝް ރަނގަޅުކަމުން ތައުރީފުކޮށް ހެދިއެވެ. އަހަރެން އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. މަންމަމެން ގެއަށް ދާން ބޭރަށް ނުކުތުމުން، އަހަރެންވެސް ދިޔައީމެވެ. ގެއިން ބޭރަށް އަޅައިލި ފުރަތަމަ ފިޔަވަޅާއިއެކު، އަަހަރެންގެ ހަތަރެސްފަޔަށް ފިނިވެގެން ދިޔައެވެ. ފިހާރަ ދޮރުމަތީގައި ހުރި މުސްކުޅި މީހާގެ ނަޒަރު ހުއްޓިފައިވީ ސީދާ އަހަންނަށެވެ. އަހަންނަށް ހީވީ، އޭނާގެ ޖުމްލަތައް ކަންފަތް ކައިރީގައި ގުގުމައިލި ހެންނެވެ.
(ނުނިމޭ)