08 Oct 2022, 10:48
ސިންގަޕޫރަށް ގަވާއިދާ ޚިލާފަށް ގެންޑާ (ރައިނޯސަރަސް)ގެ ދަޅު އެތެރެކުރި މީހަކު ހައްޔަރުކޮށް، އޭނާގެ މައްޗަށް ދައުވާކޮށްފިއެވެ.
ސިންގަޕޫރުގެ މީޑިއާތަކުގައިވާ ގޮތުން މިދިޔަ އަންގާރަ ދުވަހު އެގައުމުގެ ޗަންގީ އެއާޕޯޓުގެ އޮފިޝަލުން ވަނީ 34.25 ކިލޯގެ ގެންޑާ ދަޅާއެކު ދެކުނު އެފްރިކާގެ މީހަކު ހައްޔަރުކޮށްފައެވެ. އެއީ ސިންގަޕޫރުން އެހާ ގިނަ އަދަދެއްގެ ގެންޑާ ދަޅު އެއް ފަހަރާ ހިފެހެއްޓި ފުރަތަމަ ފަހަރެވެ.
އެ މީހާ ދަތުރުކުރަމުން ދިޔައީ ދެކުނު އެފްރިކާއިން ލާއޯސްއަށް ކަމަށާއި އޭނާގެ ތަކެތީގެ ތެރޭގައި 20 ގެންޑާ ދަޅު އޮތްކަން އެނގުނީ، ހިމާޔަތް ކޮށްފައިވާ ޖަނަވާރު ގައުމަށް އެތެރެ ކުރުމާއި ބޭރު ކުރުމުގެ މައްސަލަތައް ބަލާ ނެޝަނަލް ޕާކްސް ބޯޑް (އެންޕާކްސް)ގެ ކޭ9 ޔުނިޓަށާއި އެއާޕޯޓް ސެކިއުރިޓީއަށް ކަމަށް ރިޕޯޓުތަކުގައިވެއެވެ.
ގެންޑާ ދަޅަކީ ބައެއް މީހުން ބޭސްވެރިކަމަށް ބޭނުންކުރާ އެއްޗަކާވާ އިރު އެއީ މުއްސަނދިކަމާއި ކާމިޔާބީގެ ރަމްޒެއްގެ ގޮތުގައި ވެސް ބައެއް މީހުން ދެކެއެވެ.
ސިންގަޕޫރުން ހިފެހެއްޓި ގެންޑާ ދަޅުގެ އަގު އަށް ލައްކަ އެމެރިކާ ޑޮލަރު (1.2 ސިންގަޕޫރު ޑޮލަރު)އަށް އަރާނެ ކަމަށް ރިޕޯޓުތަކުގައިވެއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާކޮށްފައި ވަނީ ދެކުނު އެފްރިކާގެ ކަމާ ބެހޭ އިދާރާތަކުން ހުއްދަ ހޯދުމަކާ ނުލައި ގެންޑާ ދަޅު އެގައުމުން ބޭރުކޮށް ސިންގަޕޫރަށް ގެންދިޔުމުގެ ތުހުމަތުގައެވެ.
ސިންގަޕޫރުގެ ނެތިދާނެ ކަމުގެ ބިރުހީފައިވާ ޖަނަވާރުތަކާ ގުޅޭ ގާނޫނުގެ ދަށުން، އެފަދަ ޖަނަވާރެއް ނުވަތަ ޖަނަވާރެއްގެ ބައެއް ގަވާއިދާ ޚިލާފަށް އެތެރެކުރުމުން 34865 އެމެރިކާ ޑޮލަރު (50000 ސިންގަޕޫރު ޑޮލަރު)އިން ޖޫރިމަނާ ކުރެވޭނެއެވެ. ނުވަތަ ދެ އަހަރަށް ޖަލަށް ލެވިދާނެއެވެ.
އެ މައްސަލާގައި ދައުވާކޮށްފައިވާ މީހާ ދެން ކޯޓަށް ހާޒިރު ކުރާނީ މިމަހުގެ 27ގައެވެ.