ސައިކަލެއް ވަގަށް ނަގައި އެ ސައިކަލް ދުއްވަމުން ދިޔަ މީހަކަށް ސައިކަލް ކޮންޓްރޯލް ނުވެ، އެ ސައިކަލް މޫދަށް ވެއްޓިއްޖެ އެވެ. އަދި އެ މީހާ ވިއްސައިގެން ގޮސް ދޯންޏެއްގެ ތެރެއަށް ވެއްޓިފައި އޮއްވާ ހައްޔަރުކޮށްފި އެވެ.

މާލޭ މަސް މާރުކޭޓް ކުރިމަތީ ހުރި ސައިކަލެއް ވަގަށް ނަގައިގެން ދުއްވަނިކޮށް، ކޮންޓްރޯލް ގެއްލި ސައިކަލާއެކު ވެއްޓުނީ ތ. ގުރައިދޫ ތިބުރޯޒްގޭ މުހައްމަދު ސަމާހު 22 އެވެ. މި ހާދިސާގައި އޭނާ ސައިކަލާއެކު ވިއްސައިގެން ގޮސް ދޯންޏެއްގެ ތެރެއަށް ވެއްޓުނު އިރު ސައިކަލް ދިޔައީ މޫދަށެވެ.

ފުލުސް އޮފިޝަލު ވިދާޅުވީ ސަމާހު ވެއްޓިފައިވަނީ ދަތުރުވެރިންގެ މާރުކޭޓް ކުރިމަތީގައި ރޭ ދަންވަރު ފުލުހުން ވެހިކަލް ޗެކް ޕޮއިންޓް ޖަހައިގެން ތިއްބާ ސަމާހު ޗެކްޕޮއިންޓް ފަޅާލުމަށްފަހު ބާރަށް ދުއްވަނިކޮށް ކަމަށެވެ.

އެ އޮފިޝަލު ވިދާޅުވީ އެ ހާދިސާގައި ސަމާހަށް މާބޮޑު އަނިޔާ ތަކެއް ނުވާ ކަމަށާއި ނަމަވެސް ސަމާހު ވަގަށް ނަގައިގެން ދުއްވި ސައިކަލު މޫދުން ނެގިއިރު ގެއްލުންތައް ލިބިފައިވާ ކަމަށެވެ. މި ހާދިސާއަށްފަހު ސައިކަލުގެ ވެރި ފަރާތާ ސައިކަލް ހަވާލުކޮށް ސަމާހު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ސަމާހު ފުލުހުންގެ ޗެކް ޕޮއިންޓް ފަޅާލުމުގެ ތެރޭގައި މީހެއްގެ ގައިގައި ސައިކަލުން ޖެހި ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް އެމީހާއަށް ވެސް ލިބުނެވެ. މި ހާދިސާގެ ތަހުގީގު ވަނީ ފަށާފަ އެވެ.

ފުލުހުން ފަށާފައިވާ ރޯޑް ސޭފްޓީ އޮޕަރޭޝަންތަކުގައި ޗެކް ޕޮއިންޓްތައް ފަޅާލައި ފުލުހުންގެ ގައިގައި ސައިކަލުން ޖެއްސުމަށް ފަހު ފިލަން މަސައްކަތް ކުރުން ވަނީ އިތުރުވެފަ އެވެ.